ބޮލީވުޑް

ކަރިޝްމާ އާއި ގޯވިންދާ ގިނަ ދުވަސްތަކަކަށްފަހު އެކުގައި

ކަރިޝްމާ ކަޕޫރާއި ގޯވިންދާގެ ޖޯޑަކީ 90ގެ އަހަރުތަކުގައި ބޮލީވުޑްގައި އެންމެ ވިދާލި އެއް ޖޯޑެވެ. މި ދެ ތަރިން އެކުގައި ކުޅުނު ވަރަށް ގިނަ ފިލްމުތައް ސުޕަހިޓް ވެފައި ވުމީ މި ޖޯޑު ބެލުންތެރިންގެ މެދުގައި މަގުބޫލުވެފައިވާ ވަރު ހާމަވާ ކަމެކެވެ.

ގޯވިންދާ އާއި ކަރިޝްމާގެ "ހީރޯ ނަންބަރު 1" ރިލީޒްކުރިތާ 25 އަހަރު ފުރުނު ސިލްވަ ޖުބްލީ ފާހަގަކުރުމުގެ ގޮތުން މި ދެ ތަރިން ވަނީ ސޮނީ ޓީވީގެ "އިންޑިއާޒް ގޮޓް ޓެލެންޓް ސީޒަން 9"ގެ އެޕިސޯޑެއްގައި އެކުގައި ބައިވެރިވެފަ އެވެ.

އެ ފިލްމު ރިލީޒްކުރީ 1997 ގައެވެ. މިއީ ސްކްރީނުން މި ޖޯޑު ނުފެންނަތާ އެތައް އަހަރެއް ފަހުން ފެނުނު ފުރަތަމަ ފަހަރެވެ.

މި އެޕިސޯޑުގެ ޕްރޮމޯ މިހާރު ދައްކަން ފަށާފައިވާއިރު މި ޕްރޮމޯގައި ކަރިޝްމާ ބުނަނީ އޭނާ އަކީ ފިލްމު އިންޑަސްޓްރީއަށް ވަނުމުގެ މާކުރިއްސުރެ ވެެސް ގޯވިންދާގެ ފޭނެއް ކަމަށެވެ.

"އަހަންނަކީ ޗީޗީޖީ (ގޯވިންދާއަށް ކިޔާ ވަނަމެއް)ގެ ވަރަށް ބޮޑު ފޭނެއް. އަހަރެން ހަނދާން އެބަހުރި އޭނާގެ 'ޚުދް ގަރްޒް'ގެ 'އާޕް ކެ އާޖާ ނޭ ސޭ' ލަވަ ރިލީޒްކުރުމުން އެ ލަވަޔާ ހެދި އަހަރެން މޮޔަވެ މަންމަ އާއި ބައްޕައާ ކައިރީގައި ގޯވިންދާއާ ބައްދަލުކުރަން ބޭނުމޭ ބުނި ހަނދާން،" ވީޑިއޯގައި ކަރިޝްމާ ބުނެ އެވެ.

ކަރިޝްމާ އާއި ގޯވިންދާ އާ ބައްދަލުވާނެ ފުރުސަތު ލިބުނު ފުރަތަމަ ދުވަހު ފިލްމު ކުޅެން ބޭނުންތޯ ގޯވިންދާ ސުވާލު ކުރި އެވެ. ކަރިޝްމާ އަށް އޭރު އަދި ފިލްމު ކުޅެން ބޭނުންތޯ ނުވަތަ ނޫންތޯ ޔަގީނެއް ނޫނެވެ. އެހެންވެ އޭނާ ބުނީ "ފަހަރެއްގައި" ކމަށެވެ.

ނަމަވެސް އޭރުވެސް ގޯވިންދާ އަށް ކަރިޝްމާ ފިލްމު ކުޅެން ޝައުގުވެރިވާކަން އޭނާ އުޅޭ ގޮތުން ވަރަށް ބޮޑަށް ވަނީ ޔަގީންވެފަ އެވެ. އެހެންވެ އޭނާ ކަރިޝްމާ ކައިރި ބުނީ "އެއް ދުވަހަކުން ކަލޭ ފިލްމު ކުޅޭނެ ކަމަށެވެ.

ކަރިޝްމާ ބުނީ އޭނާއަށް ފިލްމު ކުޅެން އެންމެ ބޮޑު ހިތްވަރެއް ލިބުނީ ގޯވިންދާ އެގޮތަށް ބުނުމުން ކަމަށެވެ.