ހަބަރު

އަންނަ އަހަރު ރާއްޖޭގައި 100 ފުޓްސަލް ދަނޑު އަޅާނެ: ޒުހޫރު

އަންނަ އަހަރު ރާއްޖޭގައި 100 ފުޓްސަލް ދަނޑު އަޅުމުގެ މަސައްކަތް ނިއްމާލެވޭނެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.

އެ 100 ދަނޑުގެ މަސައްކަތް އަންނަ ޖެނުއަރީ މަހު ފަށާނެ އެވެ.

ގދ. ތިނަދޫގައި ސްޕޯޓްސް އެރީނާއެއް އެޅުމަށް އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒުހޫރު ވިދާޅުވީ، އަންނަ އަހަރަކީ އެ މިނިސްޓްރީގެ ބަޖެޓް ކުޑަ އަހަރެއް ނަމަވެސް އަންނަ އަހަރަކީ އެ މިނިސްޓްރީގެ ގިނަ މަޝްރޫއުތައް ނިންމާލެވޭނެ އަހަރު ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ 100 ފުޓްސަލް ދަނޑު އެޅުމަށް އިޓަލީގެ ކުންފުންޏަކާއި އެމްޓީސީސީއަށް ހަވާލުކޮށްފައިވާ ކަމަށާއި އަންނަ ޖެނުއަރީ މަހު މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އަންނަ އަހަރު ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ޒުހޫރު ވިދާޅުވި ގޮތުގައި ސަރުކާރުގެ ގިނަ މަޝްރޫއުތައް ކުރިއަށް ގެންދަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުނެވެ. "ބަޖެޓްގައި މަޝްރޫއު ހިންގުމަށް ކުޑަ އަދަދެއް ހިމަނާފައި ވީނަމަވެސް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އަންނަ އަހަރުވެސް ގިނަ މަޝްރޫއުތަކެއް ފެށި ނިންމާލެވޭވަރުވާނެ"

މިނިސްޓަރު ޒުހޫރު ވިދާޅުވީ، އެ މިނިސްޓްރީން މިހާރު އިސްކަމެއްދެނީ މިނިސްޓްރީން ހިންގާ ކުދި މަޝްރޫއުތައް ހައުސިން މިނިސްޓްރީ އަދި އެންވައިރަމެންޓް މިނިސްޓްރީން ހިންގާ ބޮޑެތި މަޝްރޫއުތަކާ ގުޅިގެން ހިންގުމަށެވެ. އެ މިނިސްޓްރީން ދެން ކުދި މަޝްރޫއުތައް ހިންގާނީ އެހެން މިނިސްޓްރީތަކުން ހިންގާ ބޮޑެތި މަޝްރޫއުތަކާއެކު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. "ސަރުކާރުގެ ކުންފުނިތަކުން ރަށްރަށުގައި މަސައްކަތްކުރާ ނަމަ، އެރަށުގައި މަސައްކަތް ކުރާ ކުންފުނިތަކާ ވާހަކަ ދައްކައިގެން ޔޫތު މިނިސްޓްރީގެ ކުދި ޕްރޮޖެކްޓްތައް އެ ޕްރޮޖެކްޓްތަކާ އިންކޯޕަރޭޓް ކުރެވިގެންދާނެ،"

އެގޮތަށް ނިންމީ ކުދި މަޝްރޫއުތައް ކުރާނެ ބަޔަކު ނުވާތީ ކަމަށް ޒުހޫރު ވިދާޅުވިއެވެ. ހައްލެއް ގެނައުމަށް ރައީސް ޔަމީންގެ އިރުޝާދުގެ ދަށުން ޔޫތު މިނިސްޓްރީން ހިންގާ ކުދި މަޝްރޫއުތައް، ސަރުކާރުގެ އެހެން މިނިސްޓްރީތަކުގެ ބޮޑެތި މަޝްރޫއުތަކާ ލާމައްސައިގެން ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރ ޒުހޫރު ވިދާޅުވިއެވެ. "މިކަމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީއިން ދަނީ ކުރަމުން،"