ފެމިލީ ކޯޓް

ފެމިލީ ކޯޓަށް އިސް ގާޒީއަކު ހޯދަނީ

ފެމިލީ ކޯޓަށް އިސް ގާޒީއަކު ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާނުކޮށްފި އެވެ.

ޖޭއެސްސީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ފެމެލީ ކޯޓުގައި މިހާރު މަސައްކަތް ކުރަމުންދާ ފަނޑިޔާރުންގެ ތެރެއިން އިސް ގާޒީކަން ކުރައްވަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ވަނީ ހުޅުވައިލައިފަ އެވެ.

މި މަގާމަށް މުސާރައާއި އިނާޔަތްތަކާ އެކު 47،375 ރުފިޔާ ލިބޭނެ އެވެ.

ފެމެލީ ކޯޓަށް އިސް ގާޒީއަކު ހޯދަން ޖޭއެސްސީ އިން އިއުލާނުކޮށްފައި މިވަނީ ދެ އަހަރު ފަހުންނެވެ. އެ ކޯޓުގައި އެންމެ ފަހުން އިސް ގާޒީކަން ކުރެއްވި ހަސަން ސައީދުގެ ސުލޫކީ މައްސަލައަކާއި ގުޅިގެން 2019 ވަނަ އަހަރު ވަނީ ކްރިމިނަލް ކޯޓަށް ބަދަލުކޮށްފަ އެވެ.

އޭގެފަހުން އެ ކޯޓުގެ އިސް ގާޒީއެއްގެ ޒިންމާ އުފުއްލެވި ގާޒީ އަބްދުﷲ އަދީބް ވަނީ މިދިޔަ ޑިސެމްބަރު މަހު ރިޓަޔާކުރައްވާ އެވެ. މިވަގުތު ކޯޓު ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވީ ގާޒީ ހުޒައިފާ މުހައްމަދު އެވެ.