ފައްޔާޒް އިސްމާއީލް

ފައްޔާޒުގެ ކެމްޕޭން މ. އަތޮޅުގައި ކުރިއަށް ދަނީ

Mar 12, 2022

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވަމުން ގެންދަވާ ފައްޔާޒު އިސްމާއީލް ކެމްޕޭން ދަތުރުތަކުގައި މ. އަތޮޅަށް ވަޑައިގެންފި އެވެ.

ފައްޔާޒު އިއްޔެ ހެނދުނު މ. އަތޮޅާއި ދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ މ. އަތޮޅުގެ ބައެއް ރަށްތަކަށެވެ. ފައްޔާޒު މިވަގުތު ހުންނެވީ ވެސް މ. އތޮޅުގަ އެވެ. އޭނާ ގެންދަވަނީ އެ އަތޮޅުގައި ތިބި އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް ދޮރުން ދޮރަށް ހިންގަވަމުންނެވެ.

މ. އަތޮޅުގެ ރަށްތަކަށް ފަހު ފައްޔާޒު ދ. އަތޮޅަށް ވަޑައިގެން އެރަށްތަކުގައި ތިބި އެމްޑީޕީގެ މެންބަރުންނާ ވެސް ބައްދަލުކުރައްވާނެ އެވެ.

އިމްތިޔާޒު މީގެކުރިން ވަނީ ށ. އަތޮޅު އައްޑޫ ސިޓީ އަށް ވެސް ކެމްޕޭންގައި ދަތުރުކުރައްވާފަ އެވެ. މީގެއިތުރުން މާލޭގެ އަވަށްތަކުގައިވެސް ފައްޔާޒު ގެންދަވަނީ ދޮރުންދޮރަށް ހިންގަވަމުންނެވެ.

ކެމްޕޭންގައި ފައްޔާޒު އަތޮޅުތަކުގެ ރަށްތަކަށް ކުރައްވާ ދަތުުރުފުޅުގައި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ވާދަކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. ދެ ބޭފުޅުން ގުޅިގެން ކެމްޕޭން ކުރައްވަމުން ގެންދަވާއިރު ދެ ބޭފުޅުންގެ ކެމްޕޭން ޝިއާރަކީ "ހިންގާލަން" އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ފައްޔާޒުއާ ވާދަކުރައްވަމުން ގެންދަވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީގެ ކެމްޕޭންގައި އޭނާ މިވަގުތު އުޅުއްވަނީ ހއ. އަތޮޅުގެ ރަށްތަކުގަ އެވެ.

ފައްޔާޒާއި އިމްތިޔާޒު ކެމްޕޭން ދަތުރެއްގައި އަތޮޅު ތެރެއަށް ވަޑައިގެން މިއުޅުއްވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބު ފަސްކުރަން އެޕާޓީގެ ގައުމީ މަޖިލީހުން ނިންމާފައި ވަނިކޮށެވެ.

ކުރިން އަންނަ މަހުގެ 16 ވަނަ ދުވަހު އޮތް އިންތިހާބު ފަސްކުރީ ރޯދަ މަހާ ދިމާވާތީ މެއި 14 އަށެވެ.

އިންތިހާބު ފަސްކުރަން ގައުމީ މަޖިލީހަށް ހުށަހެޅުއްވީ ފައްޔާޒު އިސްމާއީލްގެ ކެމްޕޭން މެނޭޖަރު އިބްރާހީމް ވަހީދު (އިބްރޭ) އެވެ. ގައުމީ މަޖިލީހުގައި އެވަގުތު ތިއްބެވި 115 މެންބަރުންގެ ތެރެއިން 100 މެންބަރުން އެ ހުށަހެޅުމަށް ތާއީދުކޮށް ވޯޓު ދެއްވި އެވެ. އިމްތިޔާޒުގެ ޓީމުން ވޯޓު ދިނީ އިންތިހާބު ފަސްކުރަން ނުފެންނަށެވެ.

އިންތިހާބު ފަސްކުރަން ހުށަހެޅީ އިންތިހާބުން ބަލިވުމުން ކަމަށް އިމްތިޔާޒު ވަނީ ވިދާޅުވެފަ އެވެ. އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ފޯރިގަދަވެ ޕާޓީ ވަނީ ވަރަށް ބޮޑަށް ދެބައިވެފަ އެވެ.