ޓޫރިސްޓް އެރައިވަލް

މިހާރު ދުވާލަކު އަންނަނީ 4,776 ޓޫރިސްޓުން

ރާއްޖޭގެ އެންމެ އުއްމީދީ ދެ މާކެޓު ހަނގުރާމައެއްގެ ތެރޭގައި އޮތްއިރު، މި ވަގުތު ރާއްޖެއަށް ދުވާލަކު އަންނަ ޓޫރިސްޓުންގެ ނިސްބަތް ހުރީ 4,776 ގައި ހިފެހެއްޓިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާރު ރާއްޖޭގެ "ޑެއިލީ ޓޫރިސްޓު އެރައިވަލްސް" ނުވަތަ ދުވާލެއްގެ މައްޗަށް އަންނަނީ 4,776 ޓޫރިސްޓުންނެވެ. މި އަދަދަކީ މިދިޔަ އަހަރާ ބަލާއިރު ނިސްބަތުން އިތުރު ވުމެކެވެ.

މި އަހަރުގެ ޖެނުއަރީ މަހު އެވްރެޖު ޑެއިލީ އެރައިވަލްސް އުޅުނީ 4,250 ގަ އެވެ. ނަމަވެސް ފެބްރުއަރީ މަހުގެ ޑެއިލީ އެރައިވަލްސް ހުރީ 5,322 ގަ އެވެ.

އެ މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި މަހުގެ މިހާތަނަށް ރާއްޖޭގައި ޓޫރިސްޓެއް އެވްރެޖުކޮށް މަޑުކުރަނީ 8.8 ދުވަހު އެވެ. ނަމަވެސް ޖެނުއަރީ މަހު ޓޫރިސްޓުން އެވްރެޖު ގޮތެއްގައި ނުވަ ދުވަހު ރާއްޖޭގައި މަޑުކޮށްފައިވެ އެވެ. އަދި ފެބްރުއަރީ މަހު ޓޫރިސްޓުން އެވްރެޖު ގޮތެއްގައި 8.6 ދުވަހު ރާއްޖޭގައި މަޑުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

މި އަހަރުގެ މިހާތަނަށް ބަލާއިރު ރާއްޖެއަށް ޖުމްލަ 324,742 ޓޫރިސްޓުން އައިސްފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވާ 218,472 ޓޫރިސްޓުންނާ އަޅާ ކިޔާނަމަ 48.6 ޕަސެންޓުގެ އިތުރުވުމެކެވެ.

މި އަހަރުގެ މިހާތަނަށް ބަލާއިރު އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވާ ރަޝިއާ އިން 48,173 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ ޓޫރިޒަމްގެ 14.8 ޕަސެންޓުގެ އިތުރުވުމެކެވެ.