ދުނިޔެ

ރަޝިއާއިން ލުބްނާންގައި ތެޔޮސާފުކުރާ ކާރުޚާނާއެއް

ރަޝިއާއިން ލުބްނާންގައި ތެޔޮ ސާފުކުރާ ކާރުޚާނާއެއް ބިނާ ކުރަން ފުރުސަތުދީފި ކަމަށް އެ ގައުމުން ބުނެފި އެވެ.

ލުބްނާންގެ ހަކަތަ އާއި ފެނާ ބެހޭ ވަޒީރު ވަލީދު ފައްޔާޒު ވިދާޅުވި ގޮތުން ރަޝިއާގެ އަމިއްލަ ކުންފުންޏަކުން ދިން ފުރުސަތަކީ އެ ގައުމަށް ބޭނުން ޖެހިފައި އޮތް ފުރުސަތެކެވެ.

ވަލީދު ވިދާޅުވީ ބޮޑެތި ޕްރޮޖެކްޓްތަކުގައި އަމަލީ ސިފަޖެހެން ވަގުތު ނަގާ ކަމަށާއި ލުބްނާން ސަރުކާރުން ވިސްނާ ގޮތް ވަޒީރުން މަޝްވަރާ ކުރެއްވުމަށް ފަހު ނިންމަވާނެ ކަމަށެވެ.

ލުބްނާންގައި ތެޔޮ ސާފުކުރާ ކާރުޚާނާއެއް ބިނާކުރުމަކީ ދުރު ރާސްތާގައި ގައުމަށް ކިހާ މުހިންމު ކަމެއްތޯ ބައްލަވާނެ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

ރަޝިއާއިން ލުބްނާނަށް ކަނޑަ އަޅުއްވާފައި ހުންނަވާ ސަފީރު އެލެގްޒެންދަރު ރުދަކޯފްއާ ބައްދަލު ކުރެއްވުމަށް ފަހު ވަލީދު ވިދާޅުވި ރަޝިއާއާ ގުޅިގެން މަސައްކަތްތައް ރާވައި ކޮޅެއްގައި ޖައްސަވާނެ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ލުބްނާނަށް ދިމާވެފައި އޮތް ނިކަމެތި ހާލަތަށް އެހީތެރިވުމަށް ރަޝިއާއިން އެތައް ފަހަރަކު ހުށަހެޅި އެވެ.

ލުބްނާގައި ތެލަށް ދަތިވެފައިވާތީ ކާރުޚާނާއެއް ބިނާކުރަން މީގެ ދެއަހަރު ކުރިން ވެސް ހުށަހެޅި ކަމަށްވެ އެވެ. އެހެން ނަމަވެސް ސަރުކާރު ތެރޭގައި ބައިބައިވުން އުފެދި ހަރުދަނާ ކަމެއް ނެތުމުން އެކަމާ ނޫޅެވި ދިގުދެމިގެން ދިޔައީ އެވެ.

ލުބްނާން ސަރުކާރަށް ވަކި ގޮތެއް އިޚުތިޔާރު ނުކުރެވިގެން އުޅެނީ އެމެރިކާ ޕްރެޝަރު ކުރާ ވަރުން ކަމަށް ޚަބަރުތައް ބުނެ އެވެ. އެކަމަކު ލުބްނާންގެ ހާލަތު ރަނގަޅުވާ ތަނެއް ވެސް ނުފެނެ އެވެ.