ރައީސް އޮފީސް

ފައްޔަގެ ޓްވީޓް ރިޓްވީޓް ކުރެވުނީ އޮޅިގެން: ރައީސް އޮފީސް

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް، އޭނާގެ ކެމްޕެއިނާ ގުޅޭގޮތުން ކުރެއްވި ޓްވީޓެއް ރައީސް އޮފީހުގެ އޮފިޝަލް ޓްވިޓާ އެކައުންޓުން ރިޓްވީޓް ކުރެވުނީ އޮޅުމެއްގެ ތެރެއިން ކަމަށް އެ އޮފީހުން ބުނެފި އެވެ.

ފައްޔާޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުލަކު އަދި ނިލަންދެ އަތޮޅަށް ކުރި ކެމްޕޭން ދަތުރުގައި ދެއްވި މެހެމާންދާރީއަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ޕާޓީގެ ހިންގުން އެހެން މަރުޙަލާ އަކަށް އުފުލާލަން މެންބަރުން އެދޭ ކަމަށާއި އިރާދަކުރެއްވިއްޔާ އެކަން އެގޮތަށް ވާނެ ކަމަށެވެ.

އެ ޓްވީޓް ރައީސް އޮފީހުގެ އޮފިޝަލް ޓްވިޓާ އެކައުންޓުން ރިޓްވީޓް ކޮށްފައިވެއެވެ. އަދި އެ މަންޒަރު ފެންނަ ސްކްރީންޝޮޓްތަކާއެކު އެތައް ބަޔަކު ވަނީ ފާޑުކިޔާފައެވެ.

ފާޑުކިޔުންތަކާއި ގުޅިގެން ރައީސް އޮފީހުން ކުރި ޓްވީޓްތަކެއްގައި ބުނެފައިވަނީ ފައްޔަގެ ޓްވީޓް ރިޓްވީޓް ކުރެވުނީ އޮޅުމެއްގެ ތެރެއިން ކަމަށެވެ. އަދި އެކަން ފާހަގަވުމާއެކު އިސްލާހު ކޮށްފައިވާ ކަމަށެވެ. އެކަމަށް މާފަށްވެސް އެދިފައިވެއެވެ.

ރަައީސް އޮފީހުން ބުނީ ސިޔާސީ ބޭފުޅުންގެ އެފަދަ ކެމްޕެއިން ހަރަކާތްތަކާއި ޕާޓީތަކާ ގުޅޭ ޓްވީޓްތައް ރިޓްވީޓްކޮށް އެންޑްސް ކުރުމަކީ ރައީސް އޮފީހުން ކުރާނެ ކަމެއް ނޫން ކަމަށެވެ. އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް ފިޔަވަަޅު އަޅާފައިވާ ކަމަށްވެސް ބުންޏެވެ.

މި އިންތިހާބުގައި ފައްޔާޒުއާ ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިންތިޔާޒް ފަހުމީ އެވެ. އިންތިއާއެކު އޮތީ ރައީސް ނަޝީދުގެ އާއިލީ ބޭފުޅުންނާއި އެމަނިކުފާނަށް ވަފާތެރި މެންބަރުންނެވެ.

މި އިންތިހާބު ގިނަ ބަޔަކު ސިފަ ކުރަނީ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު އޮތް މިންވަރު ވަޒަން ކޮށްލެވޭނެ އިންތިހާބެއްގެ ގޮތުގައެވެ. މައުލޫމާތު ފެތުރޭ ގޮތުން ރައީސް ސޯލިހްގެ ތާއީދު އޮތީ ފައްޔާޒަށެވެ.

ފައްޔާޒު މަގާމުގެ ނުފޫޒާއި ބާރުގެ ބޭނުން ކުރާ ކަމަަށް އިންތިގެ ކެމްޕެއިން ޓީމުން ތުހުމަތު ކުރެެއެވެ. ނަމަވެސް އެ ތުހުމަތުތައް ފައްޔަގެ ޓީމުން ދޮގު ކުރެެއެވެ.

މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން މަގާމުގެ މަސްއޫލިއްޔަތު ދޫކޮށް އިންތިއާއެކު ކެމްޕެއިނަަށް ރަށްރަށަށް ވަޑައިގަންނަވައެވެ.