މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ޖަލުތައް ވެސް އާންމު ހާލަތަށް ގެނެސްފި

Mar 14, 2022

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާ ގުޅިގެން ޖަލުތައް ވެސް އާންމު ހާލަތަށް ގެނެސްފި އެެވެ.

ކޮވިޑް 19 ރާއްޖެއިން ފެނި އަދި ޖަލުތަކުން ވެސް ކޭސްތަކެއް ފެނުމާ ގުޅިގެން ފުލުހުން އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބަލަހައްޓާ ޖަލުތަކުގައި މިދިޔަ ދުވަސްތަކުގައި ދިޔައީ ބަލިން ރައްކާތެރިވުމުގެ ގޮތުން އެކި ކަހަލަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ގައިދީންނާއި ބަންދު މީހުންނަށް އާއިލީ އަދި ވަކީލް ބައްދަލުވުންތައް ދިނުން އެކި ފަހަރު މެދުކަނޑާލާފައިވެ އެވެ. އަދި ކޯޓުގެ އަޑުއެހުންތައް ގިނަ ދުވަސްތަކެއް ވަންދެން ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ.

ކަރެކްޝަނުން މިއަދު ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާ ގުޅިގެން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އެ ސާވިސް އިން ކުރިން ކަނޑައެޅި ކޮވިޑް އުސޫލުތައް އުވާލާފައިވާ ކަމަށެވެ. އަދި މިއަދުން ފެށިގެން އަމަލުކުރަމުންދާނީ އާންމު އުސޫލުތަކާ އެއްގޮތަށް ކަމުގައިވެސް ބުނެފައިވެ އެވެ.

ކަރެކްޝަނުން ބުނީ ޖަލުތައް އާންމު އުސޫލުން ހިންގަން ފެށި ނަމަވެސް ގައިދީންނާއި ބަންދު މީހުންނާ ބައްދަލުވުންތަކަށް އާއިލާގެ މީހުންނާއި ވަކީލުން ހާޒިރުވާއިރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކް އެޅުމަކީ އެދޭ ކަމެއް ކަމަށެވެ. އަދި ބައްދަލުވުންތަކަށް ޖަލަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ ހުމާއި ރޯގާގެ އަލާމާތެއް ހުރިތޯ ޗެކް ކުރާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ޖަލުތަކުގައި ކޮވިޑް ފެތުރުނުއިރު ކަރެކްޝަންސް އިން ވަނީ ހައިރިސްކް ބައެއް ގައިދީން ގޭބަންދަށް ބަދަލުކޮށްފަ އެވެ. އެކަމަކު ޖަލުތައް އާންމު ހާލަތަކަށް ގެނައުމާ ގުޅިގެން އެމީހުންނާ މެދު އަމަލުކުރާނެ ވަކި ގޮތެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.