މީރާ

ޓެކްސް ބަޔާން ހުށަހެޅުމަށް ކުދި ވިޔަފާރިތަކަށް އެހީވަނީ

Mar 15, 2022

ޓެކްސް ބަޔާން ހުށަހެޅުމަށް ކުދި ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މައިގަނޑު ގޮތެއްގައި އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށާއި ފޯނުން ގުޅައިގެންނެވެ.

މީރާ އިން ބުނީ މި ޕްރޮގްރާމުގެ ދަށުން އެހީތެރިކަން ބޭނުންވާ ފަރާތްތައް އެނގުމުން މީރާގެ ގޮފިތަކާއި ކަލެކްޝަން ސެންޓަރުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ރަށްތަކަށް ފޮނުވައިގެން ވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ޓެކްސް ބަޔާން ހުށަހެޅުމަށް އެހީތެރިކަން ބޭނުންވާ ކުދި ވިޔަފާރިތަކުން ނަން ނޯޓް ކުރުމަށްވެސް މީރާ އިން ވަނީ ހުޅުވާލާފަ އެވެ.

އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވަނީ މިއަދުން ފެށިގެން މެއި މަހުގެ ނިޔަލަށެވެ. މައުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއް މީރާ އިން މިހާރުވެސް ކުރިއަށް އެބަގެންދެ އެވެ.

މީރާއިން ބުނީ މިދިޔަ އަހަރު 10 މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ މަދުން އާމްދަނީ ލިބުނު ފަރާތްތަކުގެ ތެރެއިން ކޭޝް ބޭސިސްއަށް ހިސާބުތައް ތައްޔާރުކުރުމަށް ނިންމާފައިވާ ފަރާތްތަކުން ހުށަހަޅާ ޓެކްސް ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.