ވިޔަފާރި

އެމްޓީސީސީގެ ފެރީ ނެޓްވޯކް މުޅި ރާއްޖެއަށް ފަތުރާލަނީ

Dec 25, 2015
16

ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށް، އެމްޓީސީސީގެ ފެރީ އާއި ބަހުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރުމަށް ކުންފުނިން މަސައްކަތްތަކެއް ކުރާ ކަމަށް އެމްޓީސީސީގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެ އެވެ.

ތިނަދޫގައި މިޔުޒިކަލް ޕާކެއް ހެދުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ހަލީމް ވިދާޅުވީ އެމްޓީސީސީގެ ބޭނުމަކީ ރާއްޖޭގައި ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ގާއިމް ކުރުން ކަމަށެވެ. އެގޮތުން ފިޔަވަހި ތަކަކަކަށް ބަހާލައިގެން ފެރީ އާއި ބަހުގެ ހިދުމަތްތައް އެކި އަތޮޅުތަކަށް ފުޅާކުރުމުގެ ދުރު ރާސްތާގެ ޕްލޭނެއް އޮތް ކަމަށް ސީއީއޯ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ގއ އަދި ގދ އަތޮޅުގެ ދަތުރުފަތުުރުގެ ނިޒާމް ރަނގަޅު ފެންވަރުގައި ގާއިމް ކުރުމަކީ އެމްޓީސީސީ އިން ޝައުގުވެރިވާ ކަމެކެވެ.

މިފަހުން އެމްޓީސީސީ އިން ވަނީ ލ އަދި ތ އަތޮޅުގައި ވެސް ދަތުރުތައް ފަށައިފަ އެވެ. އަދި މާލެ ހުޅުމާލެ ވިލިމާލޭގެ ދަތުރުތައް ވެސް ކުރަނީ އެ ކުންފުނިންނެވެ.

"ފެންވަރު ރަނގަޅު ފެރީތައް ބޭނުންކޮށްގެން، ބަސްވެ ހަމަ އެންމެ ރަނގަޅު ފެންވަރުގެ ބަސް ބޭނުންކޮށްގެން ދަތުރުތައް ފެށުން އަޅުގަނޑުމެންގެ އަޒުމަކީ. މި ނެޓްވޯކް އަޅުގަނޑުމެން ފުޅާ ކުރުން. އެއީ މުޅި ރާއްޖޭގެ ދަތުފަތުރުގެ ނިޒާމެއް މި ކުންފުނިން ދިނުން މީގެ ބޭނުމަކީ،" ސީއީއޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޓީސީސީ އިން އިސްނަގައިގެން މިފަށާ މަސައްކަތާ އެކު، ރާއްޖެއަށް ކުރިމަތިވެފައި އޮތް ދަތުފަތުރުގެ މައްސަލަތަކަށް ހައްލުތަކެއް ހޯދައިދެވިދާނެ އެވެ. އަދި މި ހިދުމަތް ފުޅާ ކުރުމަކީ ރައީސް އަބްދުﷲ ޔާމީންގެ ވަރަށް އިސްކަން ދެއްވާ ކަމެއް ކަމަށް ހަލީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެކަމުގެ ސަބަބުން އިގްތިސާދީ ތަރައްގީ މިހާރަށް ވުރެ މާ ބޮޑަށް ހާސިލް ކުރެވޭނެ އެވެ.