ހައިކޯޓް

ހައިކޯޓުގެ އުތުރު ގޮފީގެ ޝަރީއަތްތައް ފަށައިފި

Mar 15, 2022

ހައިކޯޓުގެ އުތުރު ގޮތްޕަށް ހުށަހަޅާފައިވާ މައްސަލަތައް ބެލުމަށް ހައިކޯޓުގެ ޝަރުއީ ވަފްދެއް ހދ. ކުޅުދުއްފުށްޓަށް ވަޑައިގެންފި އެވެ.

ޝަރުއީ ވަފްދުގައި ހިމެނޭ ތިން ފަނޑިޔާރުންނަކީ ފަނޑިޔާރު މުހައްމަދު ނިޔާޒު، ފަނޑިޔާރު އަބްދުﷲ ހަމީދުގެ އިތުރުން ފަނޑިޔާރު ހަސަން ޝަފީއު އެވެ.

ފަނޑިޔާރުންގެ ބެންޗުން މިއަދު ވަނީ އުތުރު ގޮފީގައި ހުރި މައްސަލަތަކުގެ ޝަރީއަތްތައް ފަށާފަ އެވެ. އަދި ހައިކޯޓުން ގެންދަނީ އުތުރު ގޮފީގައި ހުރި މައްސަލަތައް ކުރިއަށްދާ ގޮތުގެ ތާވަލް އާންމުކުރަމުންނެވެ.

ހައިކޯޓުގެ ފަނޑިޔާރުން ވަނީ އައްޑޫ ސިޓީގެ ހުޅުމީދޫ އަށް ވަޑައިގެން ދެކުނު ގޮފީގައި ހުރި މައްސަލަތަކުގެ ޝަރީއަތްތައް ވެސް ފަށާފަ އެވެ.

އައްޑޫއަށް ވަޑައިގެންނެވި ފަނޑިޔާރުން އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.

އައްޑޫ އަށް ވަޑައިގެންނެވި ފަނޑިޔާރުންގެ ތެރޭގައި ހިމެނެނީ ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާ، ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައިކޯޓުގެ އުތުރު ގޮފި ހދ. ކުޅުދުއްފުށީގައި އަދި ހައިކޯޓުގެ ދެކުނު ގޮފި ގާއިމުކޮށްފައިވަނީ އައްޑޫ ސިޓީގެ ހުޅުމީދޫގަ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ހައިކޯޓުގެ އުތުރު ގޮތްޕާއި އަދި ދެކުނު ގޮފި އުވާލުމަށް ކޯޓު ތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ނިންމަވާ، އެ އިސްލާހު މިހާރު ވަނީ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ.