ހަބަރު

ފުލުހުންގެ ތެެރެއިން ކޮރަޕްޝަން ނައްތާލަން ފިޔަވަޅު އަޅަން ފަށައިފިން: ކޮމިޝަނަރު

Dec 25, 2015
2
  • ހާއްސަ ކޮމިޓީއެއް އެކުލަވާލާފައިވޭ
  • ތަހުގީގުތައް އަވަސް ކުރަން ފިޔަވަޅު އަޅައިފި
  • ކޮރަޕްޝަނަށް މަގުފަހިވާން ހުރި ކަންކަން ހައްލުކުރާނެ

ފުލުހުންގެ ތެރޭގައި ހުރި ކޮރަޕްޝަނަށް މަގުފަހިވާ ދޮރުތައް ބަންދުކޮށް އެކަމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފް ވިދާޅުވެއްޖެ އެވެ.

އޭސީސީ އިން އެކުލަވާލީ ގައުމީ އިންޓަގްރިޓީ ޕްލޭންއާ ގުޅޭ މައުލޫމާތު ފުލުހުންގެ އިސްވެރިންނާ ހިއްސާ ކުރުމަށް އެ ކޮމިޝަނާ އެކު އިއްޔެ ބޭއްވި ބައްދަލު ކުރެއްވުމުގައި ކޮމިޝަނަރު އަރީފް ވިދާޅުވި ކަމަށް ފުލުހުންގެ ރަސްމީ މީޑިއާ ވެބްސައިޓް، ޕޮލިސް ލައިފް ގައި ބުނެފައި ވަނީ، ފުލުހުންގެ މުއައްސަސާގެ ހިންގުން ހަރުދަނާކޮށް ފުލުހުންގެ ނަޒާހަތްތެރިކަން އިތުރުކޮށް ރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރު މަތިކޮށް ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އެކަންކަން ދެނެގަނެ ގެންނަން ޖެހޭ ބަދަލުތަކުގެ ލަފާ ކޮމިޝަނަރަށް އެރުވުމަށް މިދިޔަ މަހުގެ 16 ވަނަ ދުވަހު ހާއްސަ ކޮމިޓީއެއް އެކުލަވާލާފައިވާކަން ވެސް ކޮމިޝަނަރު ފާހަގަ ކުރެއްވި އެވެ.

"ފުލުހުންގެ މުއައްސަސާގައި ހެދިފައިހުރި ގަވާއިދުތަކާއި އޯޑަރުތަކުގެ އިތުރުން ގާއިމްކޮށްފައިވާ ބޯޑުތައް ދިރާސާކޮށް ގެންނަން ޖެހޭ ބަދަލުތަކެއް ވާނަމަ އެބަދަލެއް ގެނަމުގެ މަސައްކަތްތައް މިހާރު ކުރަމުންއެބަ ދޭ،" ކޮމިޝަނަރު ވިދާޅުވެފައިވެ އެވެ. "ފުލުހުންގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަން ހުރިތޯބަލައި ދެނެގަނެ އެކަންކަން ހައްލުކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދޭ،" 

ކޮމިޝަނަރު އެހެން ވިދާޅުވި އިރު، ފުލުހުންގެ ތެރެއަށް ރިޝްވަތުގެ ކަންތައްތަކެއް ވަދެފައިވާ ކަމަށް ސަރުކާރުން ވެސް ބުނެފައިވެ އެވެ. އަދި އެކަމާ ގުޅިގެން ފުލުހުންގެ އިސްވެރިން ފުލުހުންގެ ވަޒީފާއިން ވަކިކޮށް ސިޔާސީ މަގާމުތަކަކަށް ރައީސް ވަނީ ބަދަލު ވެސް ކުރައްވައިފަ އެވެ. އަދި އެ އަށް ފަހު އަރީފް ހަމަޖެއްސުމަށް ފަހު ފުލުހުންގެ ބައެއް ޑިޕާޓްމަންޓްތަކުގެ ވެރިންނަށް ބަދަލުތަކެއް ގެނެސްފައިވެ އެވެ.

އެ ބައްދަލުވުމުގައި ގައުމީ އިންޓަގްރިޓީ ޕްލޭނަށް އަމަލު ކުރުމަށް ފުލުހުން ތައްޔާރަށް ތިބިކަން ފާހަގަ ކުރައްވަމުން ކޮމިޝަނަރު ވަނީ ފުލުހުންގެ ނަޒާހަތްތެރިކަން އިތުރު ކުރުމުގެ ގޮތުން ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް ވީހާ ވެސް އަވަހަކަށް ތަހުގީގުކޮށް ނިންމުމާއި ފުލުހުންގެ ޕްރޮކިއުމެންޓާއި ވަޒީފާއަށް މީހުން ވެއްދުމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށްފައިވާކަން ފާހަގަ ކުރައްވައިފަ އެވެ. އަދި ކޮރަޕްޝަންނަށް މަގުފަހިވާ ގޮތަށް ހުރި ދިމާތައް ބަލައި އެ ކަންކަން ހައްލު ކުރުމުގެ މަސައްކަތްތަކަށް ދާކަމަށް ވެސް ވިދާޅުވި އެވެ.

ފުލުހުންގެ އާއިލީ ކުންފުނި، ސިފްކޯ އިން ހުޅުމާލޭގައި ފުލުހުންނަށް ހަދާ ފްލެޓްތަކުގެ މައްސަލައިގައި ވެސް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވިފައިވެ އެވެ. އެ މައްސަލަ އޭސީސީ އިން އަންނަނީ ބަލަމުންނެވެ.