ބޮލީވުޑް

ކުރީގެ މަޝްހޫރު ބަތަލާ ސާދްނާ މަރުވެއްޖެ

Dec 26, 2015

ނަވާރަސަތޭކަ ފަސްދޮޅަހާއި ހަތްދިހައިގެ އަހަރުތަކުގައި ބޮލީވުޑުން ވިދާލި މަޝްހޫރު ބަތަލާ ސާދްނާ ޝިވްދާސަނީ އިއްޔެ މަރުވެއްޖެ އެވެ.

ސާދްނާ އާއި ގާތްފަރާތަކުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުން އޭނާ މަރުވެފައިވާ އިއްޔެގެ ހެނދުނުގެ ވަގުތެއްގައި އޭނާ ދިރިއުޅެމުން އައި ގޭގަ އެވެ.

"ލަވް އިން ސިމްލާ" އިން 1960 ވަނަ އަހަރު ބޮލީވުޑަށް ތައާރަފުވި ސާދްނާ މަރުވިއިރު އުމުރުން 74 އަހަރެވެ. އަދި އޭނާ މަރުވީ ކެންސަރުގެ ބައްޔަށް ފަރުވާ ހޯދަމުން އަންނަކޮށް ކަމަށްވެސްވެ އެވެ.

ސާދްނާ މަރުވި ހަބަރާއެކު ފިލްމު އިންޑަސްޓްރީގެ ކުރީގެ މަޝްހޫރު ތަރިންގެ ތެރެއިން ވަހީދާ ރަހްމާން އާއި ހެލެންގެ އިތުރުން އާޝާ ޕަރޭކް ވަނީ އޭނާއަށް ފަހުގެ އިހްތިރާމް އަދާކުރުމަށް ގޮސްފަ އެވެ.

މިފަހަކަށް އައިސް ސާދްނާ ވަރަށް ބަލިކޮށް އުޅެފައިވާއިރު މިދިޔަ އަހަރުގެ ތެރޭގައި ވަނީ އަނގައިގެ ތެރޭގައި ޖެހި އެއްޗެއް ނެގުމުގެ ގޮތުން ސާޖަރީއެއްވެސް ހަދާފަ އެވެ. ފިލްމީ ކެރިއަރު ފެށިތާ އަހަރުތަކެއް ފަހުން ވެސް ސާދްނާ ވަނީ ތައިރޮއިޑްގެ އޮޕަރޭޝަނެއް ކުރުމަށް ގާތްގަނޑަކަށް ދެއަހަރެއްހާ ދުވަހު ފިލްމު ކުޅުމާއި ދުރުގައި ހުރެފަ އެވެ. އޭގެފަހުން ހައިޕާތައިރޮއިޑިޒްމް ޖެހިގެން ކަނާތު ލޮލުގައި އައިބު ކަމެއް ހުންނަ ފެށުމުން ސާދްނާ އާންމުގެ ތެރެއަށް ނިކުން މަދުކޮށްފައިވާއިރު، ސާދްނާ ވަނީ އޭނާގެ ފޮޓޯ ނުނެގުމަށާއި އާންމުން އޭނާއަކީ ކާކުކަން ދަންނަން ބޭނުންވަނީ އޭނާގެ ކުޅުން ފިލްމުތަކުގައި ފެނިގެންގޮސްފައިވާ ގޮަތަށް ކަމަށް ބުނެފަ އެވެ.

ސާދްނާގެ ފިލްމ ހަޔާތުގައި 33 ފިލްމެއް ކުޅެފައިވާއިރު، އޭގެތެރެއިން 27 ފިލްމެއް ވަނީ ހިޓްވެފަ އެވެ. އޭނާ ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން "މޭރާ ސާޔާ" ވަގްތް" އާއި "ވޯ ކޯންތީ" އަކީ ފާހަގަކޮށްލެވޭ ފިލްމުތަކެވެ. މިފިލްމުތަކުން ސާދްނާ އަށް ލިބިގެން ދިޔަ މަޝްހޫރު ކަމާއެކު އޭނާ ބެލުންތެރިންގެ މެދުގައި މަގްބޫލުވެގެން ގޮސްފައިވަނީ މިސްޓްރީ ގާލްގެ ގޮތުގަ އެވެ.

މޮޅު ފިލްމުތައް ކުޅުމުގެ އިތުރުން ސާދްނާ ވަނީ 1960ގެ އަހަރުތަކުގައި ފެޝަނަށް ބޮޑު އިންގިލާބެއްވެސް ގެނައި ތަރިއަކަށެވެ. އެގޮތުން އޭނާގެ ފްރިންޖް ހެއާ ސްޓައިލް އާންމުންގެ މެދުގައި މަޝްހޫރުވެގެން ގޮސްފައިވާއިރު، އޭނާގެ އެ ހެއާ ސްޓައިލަށް ވަނީ ސާދްނާ ކަޓްގެ ނަމުން ނަންދީފަ އެވެ.

ސާދްނާ، އޭނާ ބޮލީވުޑަށް ތައާރަފުވި ފިލްމުގެ ޑައިރެކްޓަރު ރާމް ކްރިޝްނަ ނައްޔަރު އާއި އެފިލްމު ކުޅުނު ދުވަސްވަރު އުފެދު ގާތްކަމެއްގެ ތެރެއިން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ކައިވެނިކޮށްފައިވަނީ 1966ގަ އެވެ. މިކައިވެންޏަށް ކުއްޖަކު ލިބިފައިނުވާއިރު، ރާމް އަސްތަމާ ބަލީގައި ވަނީ 1995ވަނަ އަހަރު މަރުވެފަ އެވެ.

ރާމް މަރުވިފަހުން ސާދްނާ އުޅެމުން އައިސްފައިވަނީ ލަވަކިޔުންތެރިޔަ އާޝާ ބޯސްލޭގެ ގެއެއްގައި ކުއްޔަށްކަމަށްވެ އެވެ. އަދި އޭނާ ބަލާފައިވަނީ އަންހެން ދަރިއެއްހެން ގެންގުނު ކުއްޖެއްކަމަށްވެސް ނޫސްތަކުގައިވެ އެވެ.

ކުރީގެ މަޝްހޫރު ތަރިން ކަމަށްވާ ދޭވް އަނަންދް އާއި ސުނިލް ދަތް އާއި ޖޯއި މުކަރްޖީގެ އިތުރުން ރާޖް ކަޕޫރާއެކު ފިލްމު ކުޅެފައިވާ ސާދްނާ އަކީ ކަރީނާ ކަޕޫރާއި ކަރިޝްމާ ކަޕޫރުގެ މަންމަ ބަބީތާގެ ދެބެއިންގެ ދެދަރި މީހެކެވެ.