ދުނިޔެ

ސީރިޔާ ހަމަލަތަކުގައި ސަރުކާރާއި ދެކޮޅު ލީޑަރަކު މަރުވެއްޖެ

ސީރިޔާއަށް އިއްޔެ ދިން ވައިގެ ހަމަލާތަކެއްގައި އެގައުމުގެ ސަރުކާރާއި ދެކޮޅު ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ޖައިޝް އަލް އިސްލާމްގެ ލީޑަރު ޒަހްރޫން އަލޫޝް މަރުވެއްޖެ އެވެ.

އަލޫޝް މަރުވިކަން ސީރިޔާގެ ސިފައިން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ސައުދީ އާއި ގުޅުން އޮންނަ މި ޖަމާއަތުންވަނީ ރިޔާދުގައި ސީރިޔާ ސަރުކާރާއެކު ކުރިއަށް ގެންދިޔަ ސުލްހަ ގާއިމްކުރުމުގެ ބައްދަލުވުންތަކުގައި ފްރޭމް ވޯކް ބައިވެރިވެފަ އެވެ.

ސީރިޔާއަށް ދިން މި ރޮކެޓް ހަމަލާތައް ދީފައިވަނީ ޖައިޝް އަަލް އިސްލާމް ޖަމާއަތުގެ ވެރިން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންދިޔަ ސަރަހައްދަކަށެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އެވަގުތު އެސރަހައްދަށް ދިހަ ރޮކެޓް ހަމަލާވަނީ ދީފަ އެވެ. މިހަމަލާތަކުގައި އެޖަމާއަތުގެ ނައިބު ލީޑަރުވެސް ވަނީ މަރުވެފަ އެވެ.

އަލޫޝް މަރާލާފައި މިވަނީ ސީރިޔާ ސަރުކާރާއެކު ސުލްހައިގެ ވާހަކަތައް ފެށުމަށް ގައުމުތަކަށް އަންގާ ގަރާރެއް އދ. އިން ފާސްކޮށްފައި ވަނިކޮށެވެ. ރަޝިޔާއިން އެގައުމާއެކު ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދާނަމަ އަލޫޝްގެ މަތަކީ އެގައުމަށްދޭ ވަރަށް ބޮޑު މެސެޖެއް ކަމަށް ހަބަރުތައް ބުނެއެވެ.

ސީރިޔާގެ ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ރައީސް ބައްޝާރުލް އަސަދު ކަނޑައަޅާފައިވާ ޖަމާއަތްތަކުގެ ތެރޭގައި ހިމެނޭ ޖައިޝް އަލް އިސްލާމަކީ ދިމިޝްގުގެ ގޫތާ ސަރަހައްދު ކޮންޓްރޯލް ކުރަމުންދާ ޖަމާއަތެކެވެ. އެސަހައްދަކަި ހައްދު ފަހަނަ އަޅާފައިވާ އައިސިސް ޖަމާއަތުން ބާރުގަދަ ކުރަން މަސައްކަތްކޮށްފައިވާ ސަރަހައްދެކެވެ.

ހުކުރު ދުވަހު ދިން މި ވައިގެ ހަމަލާތައް އެކްޓިވިސްޓުން ސިފަކުރަނީ އެއީ ރަޝިޔާއިން ދިން ހަމަލާތަކެއްގެ ގޮތުގަ އެވެ. ނަމަވެސް އެއީ ރަޝިޔާގެ މިސައިލްތައް ބޭނުންކޮށްގެން ސީރިޔާ ސިފައިން ދިން ހަމަލާތަކެއް ކަމަށްވެސް ބައެއް މީހުން ގަބޫލު ކުރެ އެވެ.

ސީރިޔާ ސިފައިން ނެރުނު ސްޓޭޓްމެންޓެއްގައި ބުނީ އަލޫޝް މަރުވެފައިވަނީ ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.

ރަޝިޔާއިން މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނ ަދުވަހު ސީރިޔާއަށް ހަމަލާދޭން ފަށާފައިވަނީ ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ އެދިވަޑައިގަތުމުގެ މަތިންނެވެ.

ސީރިއާ ހަނގުރާމައިގައި މިހާތަނަށް ވަނީ 250،000 މީހުން މަރުވެ މިލިއަނަކަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ.