އިމިގްރޭޝަން

އުމްރާއަށް ފުރާ މީހުންނަށް ޕާސްޕޯޓް ހެދުން ފަސޭހަކޮށްދީފި

Mar 17, 2022

އުމްރާއަށް ފުރާ މީހުންނަށް ފަސޭހައިން ޕާސްޕޯޓް ހެދޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

އިމިގްރޭޝަނުން މިއަދު ބުނީ ރޯދަ މަހާ ދިމާކޮށް ގިނަ ބަޔަކު އުމްރާ އަށް ފުރާތީ ރޯދަ ނިމެންދެން އެފަދަ މީހުންނަށް ޕާސްޕޯޓް ހެއްދުން ފަސޭހަކޮށްދީފައިވާ ކަމަށެވެ.

އުމްރާ އަށް ފުރާ މީހުން ޕާސްޕޯޓް ހެއްދުމަށް ބޭނުންވާ ފޯމް ފުރުމަށްފަހު 9199165 މޯބައިލް ނަންބަރަށް ގުޅުމުން އިންތިޒާމު ހަމަޖެހޭނެ ކަމަށްވެސް ބުނެ އެވެ.

ހުށަހަޅާ ފޯމްގައި މައްސަލައެއް އުޅޭނަމަ އެކަމެއް އިސްލާހުކުރަން އިމިގްރޭޝަނުން އަންގާނެ އެވެ. އަދި އިސްލާހު ކުރުމަށްފަހު ފޯމް ހުށަހެޅުމުން ގިނަ ވެގެން އެއް ދުވަސް ތެރޭގައި ޕާސްޕޯޓް ހަދައިދޭނެ ކަމަށް ބުނެފައިވެ އެވެ.

އުމްރާ އަށް ފުރާ މީހުންނަށް ޕާސްޕޯޓް ހަދައިދިނުމުން ޕާސްޕޯޓް ނެގުމަށް ގުޅަން ހާއްސަ ނަންބަރެއް ދޭނެ ކަމަށްވެސް އިމްގްރޭޝަނުން މައުލޫމާތު ދީފައިވެ އެވެ.

އިމިގްރޭޝަނުން އިތުރަށް ބުނީ ބައެއް ދުވަސްވަރު ވަކިން ހާއްސަކޮށް ސްކޫލު ބަންދު ދުވަސްވަރާ ދިމާކޮށް އެއް ފަހަރާ ގިނަ ޕާސްޕޯޓް ހަދަންޖެހޭ ކަމަށެވެ. އަދި އެފަދަ ވަގުތު ތަކުގައި ހިދުމަތް ދިނުން ލަސްވެދާނެ ކަމަށް ބަލައި ދުރާލައި ޕާސްޕޯޓް ހެއްދުމަށްވެސް އިމިގްރޭޝަނުން ވަނީ އެދިފަ އެވެ.