އެޓާނީ ޖެނެރަލް

މަދަނީ އިޖުރާއަތުގެ ގާނޫނަށް ހޭލުންތެރިކުރުވަން ފަށަނީ

Mar 17, 2022
1

މަދަނީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން، ކަމާގުޅޭ ޕްރޮގްރާމްތަކެއް ރާވައި ހިންގުމުގެ މަސައްކަތް، ޔޫއެންޑީޕީގެ އެހީއާ އެކު ފެށުމަށް ބަންޑާރަނައިބްގެ އޮފީހުން ނިންމައިފި އެވެ.

ބަންޑާރަނައިބްގެ އޮފީހުން ބުނީ މަދަނީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެ ގާނޫނުން އަލަށް ތައާރަފް ކުރާ މަފްހޫމްތަކާއި އިޖުރާއަތުތަކަށް އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގެ ކަމާބެހޭ ފަރާތްތައް އަހުލުވެރިކޮށް، އެ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ އުސޫލުތައް އެކުލަވާލައި، އެ ގާނޫނަށް އަމަލުކުރަން ފެށުމަށްޓަކައި ވާންޖެހޭ އެނޫންވެސް ތައްޔާރީތައް ވުމަށް އެ އޮފީހުން ބޭނުންވާ ކަމަށެވެ.

އެކަން ކުރަން ގަސްދުކޮށްފައިވަނީ އަދުލު އިންސާފުގެ ދާއިރާގެ ކަމާ ބެހޭ ކޯޓުތަކާއި އިދާރާތަކާއި، ގާނޫނީ ވަކީލުންނާއި އެނޫންވެސް ކަމާބެހޭ ފަރާތްތަކުގެ ބައިވެރިވުން ހިމެނޭ ގޮތުގެ މަތިން ކަމަށް ބަންޑާރަނައިބްގެ އޮފީހުން ބުންޏެވެ. އެގޮތުން އެ ދާއިރާތައް ތަމްސީލުވާ ގޮތުގެ މަތިން އެކުލަވާލެވޭ ޓާސްކްފޯސްއެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. އަދި ކަމާގުޅޭ މަސައްކަތްތައް، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފެށުމަށްވެސް ވަނީ ގަސްދު ކޮށްފަ އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މަދަނީ އިޖުރާއަތުގެ ބިލް މަޖިލީހުން ފާސްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 29 ވަނަ ދުވަހު އެވެ. ރައީސުލްޖުމްހޫރިއްޔާ މިދިޔަ ޑިސެމްބަރު ހަވަނަ ދުވަހު ތަސްދީގު ކުރެއްވި ބިލަށް އަމަލުކުރަންޖެހެނީ ތަސްދީގު ކުރެއްވި ދުވަހުން ފެށިގެން ހަމަސް ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

މަދަނީ އިޖުރާއަތުގެ ގާނޫނަކީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ ޝަރީއަތުގެ ކުރީގެ އިޖުރާއަތުތަކާއި އެފަދަ މައްސަލަތަކުގެ ޝަރީއަތުގެ މަރުހަލާތައް ހިނގާނެ ގޮތާއި އެފަދަ މައްސަލަތަކުގެ މައްޗަށް ހިނގާނެ ހެކީގެ އުސޫލުތަކާއި އެފަދަ މައްސަލަތަކާ މެދު ގޮތެއް ނިންމުމުގަ އާއި ޝަރީއަތް ނިމި ހުކުމް ތަންފީޒުކުރުމުގައި އަމަލުކުރާނެ އިޖުރާއަތުތަކާއި އެނޫންވެސް ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ މަދަނީ އިޖުރާއަތާ ބެހޭ އާންމު އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

މި ގާނޫނުގެ މަގުސަދަކީ ޝަރީއަތަށް ހުށަހެޅޭ މަދަނީ މައްސަލަތައް އަދުލުވެރިކަމާއި ހާމަކަމާ އެކު އަދި އެކަށީގެންވާ އަވަސް މިނެއްގައި ބަލައި ގޮތެއް ނިންމުމަށް މަގުފަހިކުރުވުމެވެ.

މި ގާނޫނުގައިވާ ކަންކަން މަދަނީ މައްސަލަތައް ބަލައި ހިންގާ އެންމެހައި ކޯޓުތަކުގެ މައްޗަށް ހިނގާނެ އެވެ. އެހެންނަމަވެސް އާއިލާއާ ބެހޭ ގާނޫނުގެ ދަށުން ނުވަތަ އެނޫން ވެސް މަދަނީ އިޖުރާއަތާ ބެހޭ ހާއްސަ ގާނޫނެއްގެ ދަށުން އާއިލީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކުން ބަލާ މައްސަލަތައް ބެލުމުގައި އެ ކޯޓަކުން އަމަލުކުރާނީ އެ ގާނޫނެއްގައި ބަޔާންކުރާ ހާއްސަ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.