އެމްޑީޕީ

އިންތިއާއެކު ތާހިރު އެކަކުވެސް ނެތް: މޫކޭ

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިމްތިޔާޒު ފަހުމީ (އިންތި) އާއެެކު ތިއްބެވި ބޭފުޅުންގެ ތެރޭގައި "ތާހިރު" އެއްވެސް ބޭފުޅެއް ނެތް ކަމަށް ވިދާޅުވެ އިންތިގެ ކެމްޕެއިން ޓީމަށް އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ފާޑުވިދާޅުވެއްޖެ އެވެ. މޫކޭ އަކީ ޗެއާޕާސަންގެ އިންތިހާބުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް (ފައްޔަ) އަށް ތާއީދު ކުރައްވާ ބޭފުޅެކެވެ.

މޫކޭ ވިދާޅުވީ ޗެއާޕާސަންގެ އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ އިންތިގެ ކެމްޕެއިން ޓީމުން ކުރަމުން ދަނީ ހަގީގަތެއް ނެތް ތުހުމަތުތަކެއް ކަމަށެވެ. އޭނާ އެމްޑީކަން ކުރައްވާ އާރުޑީސީގެ އެއްވެސް މުވައްޒިފަކަށް ނުފޫޒު ފޯރުވާ ވަކި ކެންޑިޑޭޓަކަށް ވޯޓް ދޭން އަންގާފައިނުވާނެ ކަމަށް ވިދާޅުވިއެވެ.

މޫކޭ ވިދާޅުވީ އާރުޑީސީން މުވައްޒިފުން ވަކިކޮށް ބިރު ދައްކަމުންދާ ކަމަށް ތުހުމަތު ކުރިނަމަވެސް އެ ކުންފުނީގައި ތިބި 1،100 މުވައްޒިފުންނާ ސުވާލުކޮށްލައިފިނަމަ އެއީ ހަގީގަތެއް ނޫންކަން ސާފުވާނެ ކަމަށެވެ. އަދި އެފަދަ ތުހުމަތު ކުރަނީ ފައްޔާޒަށް އޮތް ތާއީދު ބޮޑު ކަމުން އެއީ ނުފޫޒު ފޯރުވައިގެން ހޯދަމުންދާ ތާއީދެއް ކަމަށް ވާދަވެރިންނަށް ހީފުޅުވަނީ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވާ ކެންޑިޑޭޓް ޕްރޮމޯޓް ކުރަން މަސައްކަތް ކުރާނެ، އެކަން ނުވެސް ހުއްޓުވޭނެ. ނުފޫޒެއް ނޫން އަދި ކޮންމެ ވާހަކައެއް ދެއްކިޔަސް ނުވެސް ހުއްޓާނެ އެ ވާހަކައެއް. އަޅުގަނޑުމެން ދުވަހަކުވެސް އަޑެއް ނާހަން ދިވެހިރާއްޖޭގެ އެއްވެސް އިންތިހާބެއްގައި އެއްވެސް މީހަކު ގޮސް އެއްވެސް ރައްޔިތެއް ކައިރީ 'އޭ ކަލެއަށް ފެންނަ މީހަކަށް މި ފަހަރު ވޯޓްލާ ދީބަލޭ' އެހެން ނުބުނާނެ. އެމީހަކު ތާއީދުކުރާ މީހަކަށް ވޯޓްލައިދޭން އެދޭނީ. އަދި ވޯޓްލައިދޭން ސަބަބު،"

މޫކޭ ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި މީގެ ކުރީން ނުފޫޒު ފޯރުވި މިންވަރު ފެނިވަޑައިގެން ކަމަށެވެ. އެކަން ވަރަށް ރަނގަޅަށް ތަޖުރިބާ ކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އިންތިއާއެކު ތިއްބެވި ބޭފުޅުންގެ ހަގީގަތް ކިޔައިދޭން ވެއްޖެނަމަ އެ ޓީމުގައި "ތާހިރު" އެއްވެސް ބޭފުޅަކު ނުހުންނާނެ ކަމަށް ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް ނުފޫޒު ފޯރުވާ ބިރުދެއްކިވަރު އަޅުގަނޑުމެންނަށް އެނގޭ. އަޅުގަނޑުމެން މި ތިބީ އެތެރޭގެ ކަމެއްވީމަ އެ ހަޑި ވާހަކަތައް ނުދައްކަން ވެގެން. އަޅުގަނޑުމެން ވާހަކަދައްކަންް ނުކުމެެއްޖިއްޔާ ހަގީގަތުގައި ތިޔަތާކު ތިޔަ ސަފަކު [އިންތިއާއެކު] ނެތް ހަމަ ތާހިރު އެކަކުވެސް ނެތް،

އަދި ވިދާޅުވީ ބަޔަކަށް ގަބޫލު ނުކުރެވުނު ނަމަވެސް އެމްޑީޕީ ބަދަލުވާނެ ކަމަށާ އެމްޑީޕީއަށް ބަދަލު އަންނަމުންދާ ކަމަށެވެ. އަދި އެމްޑީޕީ ފަދަ ބޮޑު ޕާޓީއެއް "އެއް ސިކުނޑި" އަކަށް ހިމުން ކުރަން ކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށެވެ.

މޫކޭ ވިދާޅުވީ ފައްޔާޒުގެ ޓީމުގަައި ތިބީ "ބޯވަ" ތަކެއް ކަމަށް ސިފަކުރަމުންދާއިރު އިންތިގެ ކެމްޕެއިން މެނޭޖަރަކީވެސް އެފަދަ ބޭފުޅެއް ކަމަށެވެ. މެންބަރު މުހައްމަދު ވަހީދަކީ ރ އަތޮޅުގައި އަދާލަތު ޕާޓީގެ ސީޑީ ބަހަން އުޅުނު އަދި ޕީއޭގެ ކެންޑިޑޭޓް ހޮވަން ހިނގި ބޭފުޅެއްކަން ރ އަތޮޅު ރައްޔިތުންނަށް އޮޅުވާ ނުލެވޭނެ ކަމަށެވެ.

"އެމްޑީޕީއަށް ބަދަލު އެބަ އާދޭ. އެއް ސިކުނޑިއަކަށް މިއޮއް ބޮޑު ޕާޓީ ހިމުން ކުރަން ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ. ޕާޓީ ބޮޑުވާން ޖެހޭ،" މޫކޭ ވިދާޅުވިއެވެ.

އިންތިއާއެކު ތިއްބެވީ ރައީސް މުހައްމަދު ނަޝީދުގެ އާއިލީ ބޭފުޅުންނާއި އެމަނިކުފާނަށް އިހުލާސްތެރި މަޖިލީސް މެންބަރުންނާއި ޕާޓީގެ ލީޑާޝިޕްްގެ ބޭފުޅުންނެވެ.