ފައްޔާޒް އިސްމާއީލް

ރައީސް ނަޝީދު އެމްޑީޕީން ވަކިކުރާކަށް ނޫޅޭ: ފައްޔާޒު

Mar 19, 2022
3

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީން ވަކިކުރަން އެއްވެސް މީހަކު ނޫޅޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒު މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް އޭނާއާ އެކު ވާދަކުރައްވަމުން ގެންދަވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީގެ ޓީމުން ފައްޔާޒަށް ކުރާ ތުހުމަތަކާ ގުޅިގެންނެވެ.

އިމްތިޔާޒުގެ ޓީމުން ބުނާ ގޮތުގައި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ފައްޔާޒު ހޮވިއްޖެނަމަ ޕާޓީގެ ރައީސް ކަމުން ނަޝީދު ވަކިކުރާނެ އެވެ. އިމްތިޔާޒު ވެސް ވަނީ ރައީސް ނަޝީދު އެމްޑީޕީން ބޭރުކުރަން ޖާގަ ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ހދ. އަތޮޅުގެ ރަށަކަށް މިއަދު ވަޑައިގެން އެމްޑީޕީގެ މެންބަރުން ތަކަކާ ބައްދަލުކުރައްވާ ފައްޔާޒު ވިދާޅުވީ އެމްޑީޕީން ރައީސް ނަޝީދު ބޭރުކުރެވޭ ވަރުގެ މީހަކު ކައިރި މުސްތަގުބަލެއްގައި ވެސް އެމްޑީޕީގެ ތެރެއިން ނުފެންނާނެ ކަމަށެވެ.

ރައީސް ނަޝީދާއި ފައްޔާޒުއާ ގުޅުވާ ދައްކާ ވާހަކަތަކާ ގުޅިގެން ފައްޔާޒު ވިދާޅުވީ އެއީ ބަޔަކު ގެންގުޅޭ ކެމްޕޭން އުކުޅެއް ކަމަށެވެ.

"ދެން ހަގީގަތަކީ މި ކެމްޕޭންގައި ފެށުނީއްސުރެ އަޅުގަނޑުމެން މަސައްކަތް ކުރަމުން މި އަންނަނީ އިދިކޮޅު ކެންޑިޑޭޓަށް ގޯސް އެއްޗެއް ނުބުނެވޭތޯ،" ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާ އެކު އިންތިހާބު ކުރާ އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ވާދަކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މި ކެމްޕޭންގައި މަސައްކަތް ކުރައްވަނީ "ހިންގާލަން" ޝިއާރުގެ ދަށުން ފައްޔާޒުއާ އެކު އެއް ޓީމެއްގެ ގޮތުގަ އެވެ.

ފައްޔާޒުއާ ރޮޒައިނާއަށް އަމާޒުކޮށް އިމްތިޔާޒުގެ ކެމްޕޭން ޓީމުން ކުރާ ތުހުމަތުތަކާ ގުޅިގެން ރޮޒައިނާ ވެސް މިއަދު ވިދާޅުވީ ރައީސް ނަޝީދު އެމްޑީޕީން ދުރުުކުރަން މީހަކު ނޫޅޭ ކަމަށެވެ. އެމްޑީޕީގެ ރައީސް އަކީ އާންމު މެންބަރުން ވޯޓުލައިގެން ހޮވާފައިވާ ބޭފުޅަކަށްވާތީ ވަކި މީހަކަށް ރައީސް ނަޝީދު މަގާމުން ދުރުނުކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

"ތިލަފަތުގެ ރަމްޒަކީ ފިތުނަޔާ އޮޅުވާލުންތޯ؟ ނުވަތަ މީހުންގެ ބޮލުގައި ދޮގު އިލްޒާމު އެޅުވުންތޯ؟" ރޮޒައިނާ ސުވާލު އުފެއްދެވި އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެންމެ ފޯރިގަދައީ ޗެއާޕާސަން ހޮވުމުގެ އިންތިހާބެވެ. ފައްޔާޒު ހއ. އަދި ހދ. އަތޮޅުގައި ކެމްޕޭން ކުރައްވަމުން ގެންދަވާއިރު އިމްތިޔާޒު ކެމްޕޭން ކުރައްވަމުން ގެންދަވަނީ ގއ. އަދި ގދ. އަތޮޅުގަ އެވެ.

ކުރިން އަންނަ މަހުގެ 16 ވަނަ ދުވަހު ބާއްވަން އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބު ރޯދަ މަހާ ދިމާވާތީ މިހާރު ވަނީ މެއި 14 އަށް ފަސްކޮށްފަ އެވެ.