ދުނިޔެ

ރަޝިއާ ގޭހާނުލައި އަންނަ ފިނިމޫސުމުގައި ޖަރުމަނު ގަނޑުވާނެ

ޖަރުމަނަށް އަދި ރަޝިއާ ގޭސް ބޭނުން ނުކޮށް ފަރުޖެއްސޭނެ ގޮތެއް ނެތް ކަމަށް އެ ގައުމުގެ އިކޮނޮމީ މިނިސްޓަރު ރޮބާޓް ހާބެކް ވިދާޅުވެއްޖެ އެވެ.

ރަޝިއާއިން ޔުކްރޭނަށް ދެމުން ގެންދާ އުދުވާނީ ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން އެމެރިކާ އާއި ނޭޓޯ ގައުމުތަކުން އިގުތިސޯދީ ގޮތުން ރަޝިއާއަށް ދަތިކުރަން އަޅާ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި ޖަރުމަނަކީ ވެސް ނުފޫޒު ގަދަ ބައިވެރިއެކެވެ.

އެމެރިކާއިން ވަނީ ރަޝިއާއިން ތެލާއި ގޭސް އެތެރެ ކުރުން ހުއްޓާލާފަ އެވެ. އިނގިރޭސިވިލާތުން ބުނި ގޮތުން މިއަހަރު ނިމުމުގެ ކުރިން ރަޝިއާގެ ގޭހާއި ތެލުން އަތްފޮޅާލާނެ އެވެ.

އެހެން ނަމަވެސް، ޔޫރަޕްގެ ބައެއް ގައުމުތަކަށް ޚާއްސަކޮށް ޖަރުމަނަށް އަދި ރަޝިއާ ގޭހާއި ތެޔޮ ދޫކޮށްލެވޭކަށް ނެތެވެ. ރަޝިއާއިން ގޭހާއި ތެޔޮ ލިބޭހައި ހެޔޮ އަގުގައި އަދި އެހާ ފަސޭހައިން ލިބޭނެ މާކެޓެއް ނެތެވެ.

ރަޝިއާއިން ގޭސް ގަންނަން ޖަރުމަނުން ބޭނުން ނޫން ނަމަ، ރޮބާޓް ހާބެކް ވިދާޅުވި ގޮތުން މުޅި އާބާދީ ގަނޑުވަން ދެން މާގިނަ ދުވަހެއް ނެތެވެ.

އޭނާ ވިދާޅުވީ އަންނަ ފިނި މޫސުމުގައި ގޭހާއި ތެލުގެ އަގު އުފުލިދާނެ ކަމަށް މިހާރު ވެސް ރަޖާލާންވީ އެވެ.

ރޮބާޓް ހާބެކް ވިދާޅުވި ގޮތުން ފިނި މޫސުމަކީ ގޭބިސީތަކުގައި ވެސް ގޭހައި ތެޔޮ ބޭނުންކުރުން އިތުރު މުއްދަތެކެވެ. އެހެންކަމުން ރަޝިއާއިން ގޭސް އެތެރެކުރާ މިންވަރު އިތުރުކޮށްގެން ނޫން ގޮތަކަށް ފިނި މޫސުމުގައި ސިނާއީ މަސަައްކަތްތަކެއް ނުހިންގޭނެ އެވެ.

ރަޝިއާއިން މިހާރު ވެސް ޖަރުމަނާއެކު ސޮއިކޮށްފައި އޮތް ގޮތަށް ތެލާއި ގޭސް އަދި ބޯޓްދެލި ޖަރުމަނަށް ފޯރުކޮށްދެ އެވެ.

އެހެން ނަމަވެސް ޖަރުމަނަށް މިހާރު އޮތް ލަދުވެތި ކަމަކީ ރަޝިއާގައި ނޭދި ހަކަތަ ލިބޭނެ ސަހަލު ގޮތެއް ނެތުމެވެ.

ރަޝިއާއިން ހަކަތަ އެތެރެކުރުން ހުއްޓާލެވެން މިވަގުތުން މިވަގުތަށް އޮތް ނަމަވެސް ޖަރުމަން އޮތީ އެކަންކުރާ ގޮތަކަށެވެ. އެހެން ނަމަވެސް އިކޮނޮމީ މިނިސްޓަރު ވިދާޅުވީ ގޭހަށް ބުރޫއަރައިފި ނަމަ މުޅި ޖަރުމަން ގަނޑުވާން ގިނަ ދުވަސްތަކެއް ނުނަގާނެ ކަމަށެވެ.