ހަބަރު

ގައުމުގެ މަސްލަހަތު ގެއްލޭނެ އަމަލުތަކަށް ޖާގަ ދީގެން ނުވާނެ: ރައސް

Dec 26, 2015
1

ދިވެހިން އެއްބައިވަންތަކަމާއި އަހުވަންތަކަމުގެ ގުޅުމަށް ބުރޫއަރާ ގައުމުގެ މަސްލަހަތު ގެއްލޭފަދަ އަމަލުތައް ހިންގަން އެއްވެސް ފަރާތަކަށް ޖާގަ ނުދޭން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގޮވާލައްވައިފި އެވެ. ސުނާމީގެ ހަނދާތައް އާ ކުރުމަށް ފާހަގަ ކުރާ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތާ ގުޅުވައި ރައީސް މިއަދު ދެއްވި ހިތޯބެއްގައި ވިދާޅުވީ މީގެ 11 އަހަރު ކުރިން 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ހިތާމަވެރި ކާރިސާއާ ގުޅިގެން ރާއްޖޭގެ ރައްޔިތުން ދައްކައިދިނީ އެކުވެރިކަމާއި އަހުވަންތަ ކަން ކަމަށެވެ.

ރައީސް ވިދާޅުވީ ހިތާމައިގެ އެދުވަހު ދިވެހި ރައްޔިތުން ދައްކައިދިން އެއްބައިވަންތަކަމުގެ ވަރުގަދަ ގުޅުން، ހިތަށް ގެނެސް، އެ ހާދިސާއިން މިއަދުވެސް ޢިބްރަތް ހާސިލު ކުރަން ޖެހޭ ކަމަށެވެ.

"... އަދި އަޅުގަނޑުމެންގެ މެދުގައި އުފެދިފައިވާ އެއްބައިވަންތަކަމާއި އަހުވަންތަކަމުގެ ގުޅުމަށް ބުރޫއަރާފަދަ އަދި ގައުމުގެ މަޞްލަޙަތު ގެއްލޭފަދަ ޢަމަލުތައް ހިންގުމަށް، އެއްވެސް ފަރާތަކަށް ޖާގަ ނުދެއްވުމަށްވެސް އަޅުގަނޑު އިލްތިމާސް ކުރަމެވެ." ރައީސްގެ ހިތޯބުގައި ވިދާޅުވެފައި ވެއެވެ.

ރަސްގެ ހިތޯބުގައި ސުނާމީ ކާރިސާގައި ދުނިޔެ ދޫކުރި އުހުތުންނަށާއި އަޚުންގެ ފުރާނައަށް، މާތްﷲ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ދަންނަވާފައިވާއިރު ސުނާމީ ކާރިސާގެ ހިތި ހަނދާންތައް މިއަދުވެސް ސިފަވެގެން ދަނީ ހިތާމައިގެ އަސަރުގަދަ ޝުޢޫރުތަކާ އެކުގައި ކަމަށް ވިދާޅުވެފައިވެއެވެ.

"... އެދުވަހު އަމިއްލަ ފުރާނައަށްވުރެ ބޮޑަށް އަޅުގަނޑުމެން އިސްކަންދިނީ އަނެކާގެ ފުރާނަ ސަލާމަތްކުރުމަށެވެ. އެފަދަ ހިތްދަތި އަދި ޚުޠޫރަތްތެރި ދަނޑިވަޅުގައިވެސް އަމިއްލަ ނަފްސުގެ މައްޗަށް ތިމާގެ ގައުމާއި މުޖްތަމައު ސަލާމަތްތެރިކަން އިސްކުރި ކުރުމަކީ، ސުނާމީ ކާރިސާއިން ދިވެހިން ދަސްކުރި އެންމެ މުހިންމު ފިލާވަޅެވެ،" ހިތޯބުގައި ވެއެވެ.