މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ރާއްޖެއާ ލަންކާގެ ޖަލު އޮފިސަރުންނަށް ހާއްސަ ތަމްރީނެއް

Mar 20, 2022

ރާއްޖެއާއި ސްރީލަންކާގައި ޖަލުތައް ބަލަހައްޓާ އޮފިސަރުންނަށް އަމާޒުކޮށްގެން މާފުށި ޖަލުގައި ތަމްރީން ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

މިއީ ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)ގެ ގްލޯބަލް މެރީޓައިމް ކްރައިމް ޕްރޮގްރާމް (ޖީއެމްސީޕީ) އިން "އެކްސެލިން ބިޔޯންޑް އެމާޖިން ޗެލެންޖާސް – ކަރެކްޝަންސް އާފްޓާ ގްލޯބަލް ޕެންޑެމިކް"ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ހިންގުމުގެ ބޭނުމަކީ ޖަލު އޮފިސަރުންގެ ތަމްރީންތަކާއި ހުނަރު ތަރައްގީކޮށް، އދ.ގެ "މިނިމަމް ސްޓޭންޑަޑް ފޯ ދަ ޓްރީޓްމަންޓް އޮފް ޕްރިޒަނާސް – ދަ ނެލްސަން މަންޑޭލާ ރޫލްސް" އަށް އަހުލުވެރިކޮށް، ކޯވިޑް-19 ފަދަ ބަލިތައް ފެތުރުމުގެ ސަބަބުން ދިމާވެދާނެ މައްސަލަތަކާއި ގޮންޖެހުންތަކަށް ތައްޔާރުވެ، އެކަންކަން ހައްލުކުރާނެ އުކުޅުތައް ދަސްކޮށްދިނުމެވެ.

ފަސް ދުވަހަށް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ މިޕްރޮގްރާމްގައި ސްރީލަންކާގެ ނުވަ ޕްރިޒަން އޮފިސަރުންނާއި ރާއްޖޭގެ އަށް ޕްރިޒަން އޮފިސަރުން ބައިވެރިވެ އެެވެ.

ތަމްރީން ޕްރޮގްރާމް މިއަދު އިފްތިތާހް ކޮށްދެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅެވެ. ޔޫއެންއޯޑީސީގެ ވަފްދަށާއި ސްރީލަންކާގެ ޕްރިޒަން އޮފިސަރުންނަށް މިރަސްމިއްޔާތުގައި މަރުހަބާ ދަންނަވަމުން ސީޕީ ވިދާޅުވީ މިފަދަ ޓްރޭނިން ޕްރޮގްރާމެއް ހޯސްޓުކުރާނެ ފުރުސަތު ލިބުނީތީ އުފާކުރައްވާ ކަމަށެވެ.

ކޮމިޝަނަރުގެ އިތުރުން ޔޫއެންއޯޑީސީގެ ފަރާތުން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ ކޯޑިނޭޓަރު ދުޝާންތީ ފަނާންޑިސް، ނެޝަނަލް ޕްރޮގްރާމް އޮފިސަރު މުހައްމަދު އަރުޖުން، ޕްރިޒަން އެކްސްޕާޓް ޔޯހަން މަޓްސް ފްރެޑެރިކް ޔޮނަސަން، ޔޫއެންއޯޑީސީގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައިވާ ޕްރިޒަން އެކްސްޕާޓް އެލިއުދް އޮޕިލޯ އޮކެއްލޯ އަދި ކަރެކްޝަންސްގެ ކޮމިޝަންޑް އޮފިސަރުންނާއި ޓްރޭނިން ޕްރޮގްރާމްގެ ބައިވެރިން ވެސް މިރަސްމިއްޔާތުގައި ބައިވެރިވި އެވެ.