މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ގައިދީންގެ 73 ޕަސަންޓް ކޮވިޑް ވެކްސިން ފުރިހަމަކޮށްފި

Mar 20, 2022

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބަލަހައްޓަމުންދާ ޖަލުތަކުގައި ތިބި ގައިދީންގެ ތެރެއިން 73 ޕަސަންޓް ގައިދީން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށް ހާމަކޮށްފި އެވެ.

ކަރެކްޝަންގެ ފަރާތުން މި މައުލޫމާތު ހާމަކުރެއްވީ ރާއްޖެއާއި ލަންކާގެ ޖަލު އޮފިސަރުންނަށް އަމާޒުކޮށްގެން މިއަދު ފެށި ތަމްރީން ޕްރޮގްރާމު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅު ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅެވެ.

ސީޕީ ވިދާޅުވީ ގައިދީންނާއި ބަންދު މީހުންގެ 84 ޕަސަންޓް މީހުން ކޮވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޑޯޒް އަދި 73 ޕަސަންޓް މީހުން ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށެވެ. ކަރެކްޝަންގެ އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން 94 ޕަސަންޓް މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް އަދި 91 ޕަސަންޓް މީހުން ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށް ހާމަކުރެއްވި އެވެ.

މިރަސްމިއްޔާތުގައި ސީޕީ ވަނީ ކޮވިޑް-19 އާ ގުޅިގެން ދިވެހި ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އަދި ލޮކްޑައުންއަށް ދިއުމުގެ ސަބަބުން އޭރު ކަރެކްޝަނަށް ކުރިމަތިވި ގޮންޖެހުންތައް ފާހަގަކުރައްވާ، އެ ހާލަތުގައި ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ހިއްސާ ކުރައްވާފަ އެވެ.

އެގޮތުން ޖަލުތައް އިތުރަށް ސާފުކޮށް ޑިސްއިންފެކްޓް ކުރުމާއި، ޖަލުގައި ބަންދުކޮށްފައި ތިބި މީހުންނާއި އޮފިސަރުން ކޮންމެ ދުވަހަކު ބަލީގެ އަލާމަތްތަކަށް ސްކްރީންކުރުމާއި، ކްލެމެންސީ އަދި ޕެރޯލްގެ ދަށުން ޝަރުތު ހަމަވާ ފަރާތްތައް ދޫކުރުން ހިމެނޭ ކަމަށް ވިދާޅުވި އެވެ. އަދި ދާއިމީ ބޮޑެތި ބަލިތަކަށް ބޭސްކުރާ ގައިދީން ގެއަށް ވަގުތީ ގޮތުން ބަދަލުކުރުމާއި، ޖަލަށް މީހުން ވަދެ ނިކުތުން ބަންދުކުރުމާއި، ގައިދީންނާއި ބަންދު މީހުން އެއްތަނުން އަނެއް ތަނަށް ސިއްހީ ފަރުވާ އަދި ކޯޓު ޝަރީއަތްތަކަށް ގެންދިއުން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅެއްގެ ގޮތުގައި މެދުކަނޑާލެވުނު ކަމަށްވެސް ވިދާޅުވި އެވެ.

އޭގެފަހުން ޖަލު ބަންދުގައި ތިބި މީހުންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީއާ އެކު ހައްގުތަކާއި ހިދުމަތްތައް ދޭން ފެށުނު ކަމުގައިވެސް ސީޕީ ވިދާޅުވި އެވެ. އެގޮތުން ޖަލުގައި ބަންދުކޮށްފައި ތިބި ފަރާތްތަކުގެ އާއިލާ އަށާއި ވަކީލުންނާ ގުޅުން ބޭއްވުމުގެ ގޮތުން އިތުރަށް ފޯން ކޯލް ދިނުމާއި ވީޑިއޯ ކޯލް ތައާރަފްކުރުމާއި ވިޑީއޯ މެދުވެރިކޮށް ޝަރީއަތުގައި ބައިވެރިވެވޭނެ އިންތިޒާމު ހަމަޖެއްސެވި ކަމުގައި ވިދާޅުވި އެވެ. އަދި ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކޭނެ އިންތިޒާމު ހަމަޖެހުމާއި، ޖަލުގައި ތިބި މީހުންނަށް އާއިލާއިން އޮންލައިންކޮށް ފައިސާ ފޮނުވޭނެ އިންތިޒާމް ހަމަޖެއްސި ކަމުގައިވެސް ވިދާޅުވި އެވެ. މީގެ އިތުރުން މާފުށީ ޖަލުގައި އިތުރު ހިދުމަތްތަކާއެކު އާ މެޑިކަލް ސެންޓަރެއް ހުޅުވުނު ކަމަށާއި އައިޖީއެމްއެޗްއާ އެކު ސްޕެޝަލިންޓުންނާއި ސުޕާ ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ޖަލުގައި ތިބެގެން ދެއްކޭނެ ގޮތް ހެދުމަށް އެމްއޯޔޫއެއްގައި ސޮއި ކުރެވުނު ކަމަށްވެސް ވިދާޅުވި އެވެ.

ކޮވިޑްގެ ދުވަސްވަރު ކަރެކްޝަންސްގެ އޮފިސަރުން ލޮކްޑައުން ތެރޭގައި އާއިލާއާ ދުރުގައި ޖަލުގައި ބަންދުވެ ތިބެ ވީ ގުރުބާނީ އާއި ކުރި މަސައްކަތްތައް ވެސް ސީޕީ ވަނީ ވަރަށް ބޮޑަށް ފާހަގަކުރައްވާފަ އެވެ.