ތުޅާދޫ

ތުޅާދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމާލައިފި

Mar 20, 2022

ބ. ތުޅާދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫއު ނިންމާލައިފި އެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ސަރުކާރުން ކުރިއަށް ގެންދިޔަ މިމަޝްރޫއަށް ދައުލަތުގެ ބަޖެޓުން 10.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

މިމަޝްރޫއުގެ ދަށުން ތުޅާދޫގެ އުތުރު ފަރާތުން ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށްޓަކައި 11،700 އަކަމީޓަރުގެ ސަރަހައްދަކަށް ވެލި އަޅާ ގޮނޑުދޮށް ބޮޑުކޮށްފައިވެ އެވެ.

ވެލި ނަގާފައިވަނީ ތުޅާދޫ ބަނދަރަށް ވަންނަން އޮންނަ ނެރު ތިލަވާތީ އެ ސަރަހައްދުންނެވެ. ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން ނެރު ތިލަވާ މައްސަލަ އަށް ވެސް ހައްލު ހޯދައި ބަނދަރުގެ އެއްގަމު ތޮށި ކައިރިން ފަސްގަނޑު ދަމައިގެންފައިވާ ސަރަހައްދަށް ވެލި އަޅައި އެ ސަރަހައްދު ވެސް ރަނގަޅުކޮށްފައިވެ އެވެ.

ގިިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ފެށީ 280 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖަހާ ގޮތަށެވެ. ނަމަވެސް ރައްޔިތުން އެދޭ ގޮތަށް މަޝްރޫއު ކުރިއަށް ގެންދިއުމުގެ ގޮތުން އިތުރު 40 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭޖް ޖަހާފައިވެ އެެވެ.



ތުޅާދޫ އުތުރު ފަރާތުން 100 ފޫޓަށް ވުރެ ބޮޑު ސަރަހައްދެއް ގިރާލައި އެ ދިމާލުގައި މީހުން ދިރިއުޅެމުން ދިޔަ ގެތަކަށް ވެސް ކުރިން އޮތީ ނުރައްކާވެފަ އެވެ.

ތުޅާދޫގެ ބައެއް މީހުން ބުނީ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫއާ އެކު ތުޅާދޫގެ އުތުރު ފަރާތުގެ މަލަމަތިވެސް ވަރަށް ރީތި ކަމަށެވެ. އަދި ގިރަމުން ދިޔަ ސަރަހައްދު ހިމާޔަތްކޮށްދިނުމަކީ ރައްޔިތުން އެންމެ ބޮޑަށް ހައްލުކުރަން ބޭނުންވި އެއް މައްސަލަ ކަމަށްވެސް ބައެއް މީހުން ބުނެފައިވެ އެވެ.