އެޗްޑީސީ

އެޗްޑީސީން "އެއްގެއިން އަނެއްގެއަށް" ކެމްޕޭން ފަށަނީ

Mar 21, 2022

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން "އެއްގެއިން އަނެއްގެއަށް" ނަމުގައި ހާއްސަ ކެމްޕޭނެއް ފަށައިފި އެވެ.

އެޗްޑީސީން ބުނީ މި ކެމްޕޭނަކީ އެއްފަހަރު ބޭނުންކުރުމަށްފަހު ތަކެތި އުކާލުމުގެ ބަދަލުގައި ދެވަނަ ފަހަރު ބޭނުންކުރުމުގެ އާދަ ދިވެހިންގެ މެދުގައި އާލާކުރުމަށް އެ ކޯޕަރޭޝަނުން ކުރިއަށް ގެންދަން ނިންމި ކެމްޕޭނެއް ކަމަށެވެ.

"ވޯލްޑް ރިސައިކްލިން ޑޭ"އާ ގުޅުވައިގެން ކެމްޕޭން ރަސްމީކޮށް ކުރިއަށް ގެންދަން ނިންމާފައިވަނީ މިމަހުގެ 24 އިން 26 އަށެވެ.

މި ކެމްޕޭންގެ ދަށުން ގޭތެރޭގައި ބޭނުންކުރާ ތަކެއްޗާއި ފަރުނީޗަރު އުކާލުމުގެ ބަދަލުގައި ބޭނުންވާ މީހުންނަށް އެތަކެތި ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ ގޮތުން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ހުޅުމާލެ ރުއްގަނޑު އެކެއް އަދި ރުއްގަނޑު ދޭއް ސަރަހަައްދަށް އުކާލާ ތަކެތި ގެނައުމުން ބޭނުންވާ މީހުންނަށް އެތަކެތި ފޯރުކޮށްދޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

ކެމްޕޭންގެ ދަށުން ބަލައިގަތުމަށް ހަމަޖައްސާފައިވަނީ ފަރުނީޗަރު، އިލެކްޓްރޯނިކް ސާމާނު އަދި ބަދިގެއާއި ގޭތެރޭގައި ބޭނުންކުރާ ސާމާނެވެ.

ކާބޯތަކެއްޗާ ކުނިވާ ޒާތުގެ އެއްވެސް އެއްޗެއް ނުގެނައުމަށާއި އަދި މި ކެމްޕޭނާ ގުޅުވައިގެން އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް އެއްވެސް ފަރާތަކުން ނުހިންގުމަށްވެސް އެޗްޑީސީން އިލްތިމާސް ކުރެ އެވެ.