ދުނިޔެ

ރަޝިއާ ތެލުގެ މައްސަލާގައި ޔޫރަޕް ދެބައި ވަނީ

ރަޝިއާ-ޔުކްރޭން ހަނގުރާމަ އަކީ ގައުމުތަކެއްގައި ތިބި ތަންކޮޅެއް ބޯހަރު ބައެއްގެ ސަބަބުން ފެށިގެން އުޅޭ ހަނގުރާމަ އެކެވެ. ބާރުގަދަ ގައުމުތަކުން ވާދަވެރި ގައުމުތައް ފިއްތައި އެއްބަޔަކު އަނެއް ބަޔަކަށް ޖެއްސުން ކުރަން ހަދައިގެން ފެށިފައި އޮތް ހަނގުރާމަ އެކެވެ.

ޔުކްރޭނަށް ރަޝިއާ ސިފައިން އަރައިގަނެ ދެމުން ގެންދާ ހަމަލާތައް ކުށްވެރިކޮށް އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕިއަން ޔޫނިއަނުން ރަޝިއާއަށް އިގުތިސޯދީ ގޮތުން ދަތި ކުރަން އެބަޔަކަށް ކުރެވެން ހުރި ހުރިހާ ކަމެއް ދަނީ ކުރަމުންނެވެ.

ރަޝިއާއިން އެމެރިކާއަށް އެތެރެކުރާ ތެލާއި ގުދުރަތީ ގޭހާއި ބޯޓުދެލި ހުއްޓާލުމަކީ ރަޝިއާއަށް ދަތި ކުރަން އެޅި ފިޔަވަޅެކެވެ. އެކަމަކު އެމެރިކާގައި ހަކަތައިގެ އަގު މިކަމާ ގުޅިގެން ވަނީ އުފުލިފަ އެވެ. ތަފާސްހިސާބުތައް ދިރާސާކުރާ މީހުން ބުނާ ގޮތުން އެމެރިކާގައި ހަކަތައިގެ އަގު މިހާރު ހުރީ މީގެ 40 އަހަރު ކުރިން ހުރި ވަރުގަ އެވެ.

ގައުމަށް ޖެހިދާނެ ހާލަތަށް ނުބަލައި އިނގިރޭސިވިލާތުން ވެސް ވަނީ ރަޝިއާއިން ހަކަތަ -- ތެލާއި ގޭސް އަދި ބޯޓްދެލި އެތެރެ ނުކުރަން ނިންމާފަ އެވެ.

އިނގިރޭސިވިލާތާއި އެމެރިކާއާ ޚިލާފަށް ޔޫރަޕިއަން ޔޫނިއަނަކީ ބޮޑު ބައިގަނޑެކެވެ. ހަތާވީސް ދައުލަތް އެކުވެގެން އުފައްދާފައި އޮތް އެއްބާރުލުމެކެވެ.

ޔޫރަޕިއަން ޔޫނިއަނުން ގަބޫލުކުރާ މައިގައިޑު އަސާސަކީ ހުރިހާ ގައުމަކުން އެކައްޗެއް ކިޔުމެވެ. ދުނިޔެ ކަންބޮޑުނުވާ ކަމެއްގައި ކޮންމެ ގައުމުކުން ވަކި ގޮތެއް އިޚުތިޔާރުކުރި ނަމަވެސް ބޮޑެތި މައްސަލަތަކުގައި ސައްލާ ކޮށްގެން ނޫން ގޮތެއް ގޮތެއް ނުނިންމަ އެވެ.

ރަޝިއާއިން ބޭނުންހާ ގޮތެއް ޔުކްރޭނަށް ހަދަމުން ގެންދާތީ އަދަބު ދިނުމަށް އެމެރިކާ އަޅާ ފިޔަވަޅުތަކުގެ މަތީގައި ޔޫރަޕިއަން ޔޫނިއަން ވެސް ހިނގަން ޖެހެ އެވެ. އެެމެރިކާއަށް މުހިންމު އެޖެންޑާތައް ތަންފީޒު ކުރުމުގައި ޔޫރަޕިއަން ޔޫނިއަނުން އަބަދު ވެސް އެމެރިކާއަށް އެއްބާލުން ދެ އެވެ.

އެކަމަކު ރަޝިއާއިން ހަކަތަ އެތެރެކުރުން އެމެރިކާ ހުއްޓާލުމުން، އެމެރިކާ ކޮޅަށް ބުރަވުމުގައި މުޅި ޔޫރަޕަށް އެކައްޗެއް ކިޔޭ ގޮތެއް ނުވި އެވެ.

ޖަރުމަނު ބުނާ ގޮތުން ޔޫރަޕް އޮތީ ރަޝިއާ ތެލަށް ވަރަށް ބޮޑަށް ބޭނުން ޖެހިފަ އެވެ. ޔޫރަޕަށް ބޭނުންވާ ހަކަތައިގެ 40 ޕަސެންޓް އެތެރެ ކުރަނީ ރަޝިއާއިންނެވެ.

ޔޫރަޕް ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ މެދުގައި ރަޝިއާ ތެލޭ ބެހޭ ގޮތުން އަޑުގަދަކޮށް ޒުވާބު އެބަ ކުރެވެ އެވެ. ރަޝިއާއަށް އެއްވެސް ފުރުސަތެއް ދިނުމެއް ނެތި މިއަދުން މިއަދަށް ތެހޮ ގަތުން ހުއްޓާލަން ބައެއް ގައުމުތަކުން ގޮވާއިރު، ޔޫރަޕަށް ތެޔޮ އެތެރެ ކުރާނެ ލުއި ފަސޭހަ ގޮތެއް އަދި ނެތެވެ.

މަޝްރަހު ދިރާސާކުރާ މީހުން ބުނާ ގޮތުން ރަޝިއާގައި އޮތް ކަހަލަ -- ދިގު މުއްދަތަކަށް އަމަލު ކުރެވިދާނެ ރޭވުމެއް، އެމެރިކާ އަދި ޔޫރަޕްގައި ނެތެވެ. ބޮޑުކަމެއް ޖެހުމުން ދެން އަމަލުކުރާނެ އެއްވެސް ގޮތެއް އަތްޖެހޭ ފަށުގައި ނެތެވެ.