ލައިފްސްޓައިލް

އެކްސިޑެންޓަކަށް ފަހު މީހަކު ކުރު ވެއްޖެ

އިނގިރޭސި ވިލާތުގައި ހިނގި ވަރަށް އަޖައިބު ހާދިސާއެއްގައި އެ ގައުމުގެ އަންހެނަކު ހަތަރު އިންޗި ކުރުވެއްޖެ އެވެ. އެ މީހާ ކުރުވާން މެދުވެރިވީ މަޖޯކާ ހޮލިޑޭ ރިސޯޓުގައި ހުރި ވޯޓާ ސްލައިޑަކަށް އަރައިގެން އުޅެނިކޮށް ވެއްޓި މައިބަދަ ފުނޑުފުނޑުވެގެންނެވެ.

ޖެނިފާ ޕްރޮކްޓާ މިހާރު ބޭނުންވަނީ އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލަށް އެ ރިސޯޓުން 500،000 ޕައުންޑްގެ ބަދަލު ހޯދާށެވެ. އަދި ބަދަލުހޯދަން މިހާރު އޭނާ ވަނީ ކޯޓަށް ގޮއްސަ އެވެ. އަކުއަލޭންޑް ވޯޓާ ޕާކަށް ޖެނިފާ ގޮސް އުޅެނިކޮށް އެކްސިޑެންޓާ ކުރިމަތިވީ 2019ގަ އެވެ.

ޖެނިފާ، 27، ވަރަށް ހިތްވަރުކޮށްފައި 40 ފޫޓު އުސް 'ބަންޒަލް" ސްލައިޑަށް އެރި އެވެ. ނަމަވެސް ތިރިއަށް ސްލައިޑް އައިއިރު އޭނާއަށް ބޮޑެތި ގެއްލުންތަކެއް ލިބުނީ އެވެ.

މި އެކްސިޑެންޓަށްފަހު އިމަޖެންސީކޮށް ސްޕައިނަލް ފިއުޝަން ސާޖަރީއެއް ހަދަން ޖެހުނެވެ. އަދި މިއީ ކުރިން ފަސް ފޫޓު ހަތް އިންޗި ހުރި ޖެނިފާގެ އިސްކޮޅުން ހަތަރު އިންޗި ގެއްލުނު ކަމަށް ވިއެވެ.

މި ހާދިސާ އާ ބެހޭ ގޮތުން "ދަ ސަން" އާ ވާހަކަ ދައްކަމުން ޖެނިފާ ބުނީ ސްލައިޑުން އޭނާ ތިން ވަނަ ބުރަށް ތިރިއަށް އައި އިރު ކޮންމެވެސް ކަމެއް ގޯސްކަމުގެ އިހްސާސް ކުރެވުނެވެ. ދެން އިރުކޮޅެއް ތެރޭ އޭނާ ކައްސާލައިގެން ގޮސް ޕޫލަށް ވެއްޓުނީ އެވެ.

"އަހަންނަށް ވަގުތުން އެނގުނު ކޮންމެވެސް ކަމެއް ވެއްޖެކަން. އަހަރެންނަކަށް ފަތާކަށް ނޭގެޔޭ ކިޔާފައި ވަރަށް ބާރަށް އެކުވެރިޔާ ޖޯޑީ އަށް ގޮވަން ފެށުނު. ހަގީގަތުގައި އަހަންނަކީ ވަރަށް މޮޅަށް ފަތާ މީހެއް،" ޖެނިފާ ބުންޏެވެ.

ޖެނިފާގެ ސާޖަރީ ހަދާފައިވަނީ ހޮސްޕިޓަލަށް ގެންދިޔަތާ ތިން ދުވަސް ފަހުންނެވެ. އޭނާގެ މައިބަދަ ފުނޑުފުނޑުވެފައިވާލެއް ބޮޑުކަމުން ހޮސްޕިޓަލުގައި ތިބި ޑޮކްޓަރުންނަށް ސާޖަރީ ނުހެދިގެން ބޮޑު ހޮސްޕިޓަލަކުން މޮޅު ސްޕެޝަލިސްޓެއް ގެންނަން ޖެހުނުކަމަށް ވެސް ޖެނިފާ ބުންޏެވެ.

"ސާޖަރީ އަށް ފަހު އަހަރެންނަށް އެނގުނީ އަހަރެން ކުރު ވެއްޖެކަން. އެކްސިޑެންޓްގެ ކުރިން އަހަރެންގެ އިސްކޮޅުގައި 5 ފޫޓު 11 އިންޗި ހުރޭ. މިހާރު ހުންނަނީ 5 ފޫޓު 7 އިންޗި،" ޖެނިފާ ބުންޏެވެ.

ޖެނިފާ އަކީ ޓީޗަރަކަށް ވުމުގެ ހުވަފެންތަކަށް ދެކެމުން އައި ޒުވާނެކެވެ. ނަމަވެސް އެކްސިޑެންޓަށްފަހު އޭނާއަށް ތަހައްމަލުކުރަން ޖެހިފައިވާ ވޭނުގެ ސަބަބުން އެ ހުވަފެން ހަގީގަތަކަށް ހެދިދާނެކަމާ މެދު ވެސް ޖެނިފާ އަށް މިހާރު ޝައްކެވެ.

މިހާރު ޖެނިފާ ތައްޔާރުވަމުންދަނީ އޭނާގެ އެކްސިޑެންޓް ކުރިމަތިވި ސްޕޭނުގެ ލެޒާ ކޯޕަރޭޝަން އެސްޕްރޯ އޯޝިއޯ އެސް.އޭ އާ ދެކޮޅަށް ދައުވާ ކުރަން ތައްޔާރުވަމުންނެވެ.