އިމްތިޔާޒު ފަހުމީ

ފެނަކަ މުވައްޒަފުންނަށް ބިރުދެއްކި ދެ މައްސަލައެއް ހުށައަޅައިފި

ހުވަދޫ އަތޮޅުގެ ރަށެއްގެ ފެނަކައިގެ މުވައްޒިފުންނަށް ބިރު ދެއްކި ދެ މައްސަލައެއް ބަލައިދިނުމަށް އެދި އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިމްތިޔާޒު ފަހުމީގެ ކެމްޕެއިން ޓީމުން އެމްޑީޕީގެ ކަމާބެހޭ ކޮމެޓީއަށް ހުށައަޅައިފި އެވެ.

އިމްތިޔާޒުގެ ކެމްޕެއިން ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ކެމްޕެއިން ތަރުޖަމާން މުހައްމަދު ވަހީދު ވިދާޅުވީ ހުވަދޫ އަތޮޅުގެ ރަށެއްގެ ފެނަކައިގެ މުވައްޒިފުންނަށް ބިރު ދެއްކި ދެ މައްސަލައެއް ބަލައިދިނުމަށް އެދި އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމެޓީއަށް ހުށައަޅާފައިވާ ކަމަށެވެ.

ވަހީދު ވިދާޅުވީ އެ މައްސަލަ އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމެޓީން އަދި ދައުލަތުގެ މުއައްސަސާތަކުންވެސް ބައްލަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މީގެ އިތުރުން ޗެއާޕާސަން ކަމަށް ވާދަކުރައްވާ މިނިސްޓަރު ފައްޔާޒު ރަށަށްރަށް ވަޑައިގަންނަވާއިރު ދައުލަތުގެ ހުރިހާ މުވައްޒިފުން ރަސްމީ ހެދުމުގައި އިސްތިގުބާލަށް ނިކުތުމަށާއި ފައްޔާޒުގެ ކެމްޕެއިން ޖަލްސާތަކުގައި ބައިވެރިވާން އަޑުގަދަ ކުރާއިން ގޮވާ ކަމަށެވެ. އެއީ ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށް ސިފަކޮށް އެފަދަ އެތައް ކަމެއް ހިންގަމުން ގެންދާ ކަމަށެވެ. އެކަންކަން ބަލައިނުގަންނަ ކަމަށް ވިދާޅުވިއެވެ.

ވަހީދު މިހެން ވިދާޅުވިއިރު އިމްތިޔާޒު ފަހުމީގެ ކެމްޕެއިނަށް ރަށްރަށަށް ވަޑައިގަންނަވާއިރު އަރިހުގައި ވަޑައިގަންނަވާ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އާއި އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒުއަށް މަރުހަބާ ވިދާޅުވުމަށާއި ޖަލްސާގައި ބައިވެރިވުމަށް އެ ބައެއް ރަށްރަށުގައި އަޑުގަދަ ކުރާއިން ގޮވާ ކަމަށް ފައްޔާޒުގެ ކެމްޕެއިން ޓީމުންވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން ވަހީދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ ޓްވިޓާ އެކައުންޓުން މިއަދު ކުރި ޓްވީޓްތަކުގެ މައްސަލައާ މެދުވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެ ޓްވީޓްތަކަކީ ބަޔަކު އެކައުންޓް ހެކްކޮށްގެން ކޮށްފައިވާ ޓްވީޓްތަކެކެވެ. މައްސަލަ މިހާރު ވަނީ ފުލުހަށްވެސް ހުށައަޅާފައެވެ.

ނަމަވެސް ވަހީދު ވިދާޅުވީ އެއީ "އޮޅިގެން" ކުރެވުނު ޓްވީޓްތަކެއް ކަމަށް ދައްކަވަނީ ކަމަށެވެ. އެއީ "ގަސްތު"ގައި ކޮށްފައިވާ ކަމެއް ކަމަށް ދޭހަވާ މޭރުމުން ވަހީދު ވަނީ ވާހަކަ ދައްކަވާފައެވެ. އަދި ވާދަވެރިން އަބަދުވެސް ފެންނަނީ ޑިފެންސްއަށް ކުޅުއްވާ މަންޒަރު ކަމަށް ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ އެމްޑީޕީގެ މެންބަރުންނަށް ވަކި ކެންޑިޑޭޓަށް ތާއީދު ކުރަން މަޖުބޫރުކޮށް ވަކި ކެންޑިޑޭޓެއްގެ ކެމްޕެއިންގައި ބައިވެރި ނުވާން އަންގާ ވަޒީފާގެ ބިރު ދައްކާ ސަސްޕެންޑް ކުރާ މަންޒަރު ބަލަން ނުތިބޭނެ ކަމަށެވެ. އެމްޑީޕީގެ މެންބަރަކަށް ކުޑަ ނަމަވެސް ގޯނާއެއް ކޮށްފިނަމަ އެކަމަކާ ދެކޮޅަށް ތެދުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދުލެއް ނުކުރާނަން އަޅުގަނޑުމެން ޕާޓީގެ އެއްވެސް މެންބަރެއްގެ ހައްގަށް އުނިކަމެއް އަންނަ ކަމެއް ކުރާކަށް،"

38،000 މެންބަރުންނާއި ބައްދަލުވެއްޖެ

ވަހީދު ވިދާޅުވީ މާލެ ފިޔަވައި އަތޮޅުތަކުން 38،000 ވުރެ ގިނަ އެމްޑީޕީގެ މެންބަރުންނަށް އިމްތިޔާޒުގެ ކެމްޕެއިން ރީޗް ވެފައިވާ ކަމަށެވެ.

މާލޭގެ ކޮންމެ އަވަށެއްގައި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތްތައް ބޭއްވިފައިވާ ކަމަށާ މިހާތަނަށް އެމްޑީޕީގެ މެންބަރުންގެ 45 އިންސައްތަ މެންބަރުންނާއި ބައްދަލުވެއްޖެ ކަމަށެވެ.

އަދި އިންތިހާބުގެ ކުރީން ކޮންމެވެސް ގޮތަކުން ހުރިހާ މެންބަރުންނާ ބައްދަލުކުރާނެ ކަމަށް ވިދާޅުވިއެވެ.

ކެމްޕެއިންގައި ދެން އޮތީ ބ އަތޮޅުގެ ރަށްތަކަށް އިމްތިޔާޒު ވަޑައިގަތުމެވެ. އެ އަތޮޅުގެ ދަތުރު އޮތީ މި މަހުގެ 24 އިން 26 ކަމަށް ވަހީދު ވިދާޅުވިއެވެ.