ފިނޭންސް މިނިސްޓްރީ

ރޯދަ އެލަވަންސް ހޯމަ ދުވަހު ދޭން އަންގައިފި

Mar 23, 2022
1

ރޯދަ މަހުގެ އެލަވަންސް ކުރިއަށް އޮތް ހޯމަ ދުވަހު ދޭން އަންގައިފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ސާކިއުލާގައި ވަނީ ވަޒީފާ އަދާކުރާ ކޮންމެ މުސްލިމް މުވައްޒަފަކަށް ރޯދަ އެލަވަންސްގެ ގޮތުގައި ދޭންޖެހޭ 3،000 ރުފިޔާ އަންނަ ހޯމަ ދުވަހުން ފެށިގެން ދިނުމަށް ވަނީ ހަނދާންކޮށްދީފަ އެވެ.

އެލަވަންސް ދޭއިރު މުވައްޒަފަކު ސަރުކާރުގެ ދެ ވަޒީފާއެއްގައި މަސައްކަތް ކުރި ނަމަވެސް އެލަވަންސް ދޭން ވާނީ އޭނާގެ އަސާސީ ވަޒީފާ އަށް އެކަނި ކަމަށްވެސް ބުނެފައިވެ އެވެ.

ޕޭލީވް އާއި ނޯޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް ރޯދަ އެލަވަންސް ނުދިނުމަށްވެސް އަންގާފައިވެ އެވެ. އެކަމަކު ޗުއްޓީ ނިންމުމަށްފަހު ރޯދަ މަހުގެ ތެރޭގައި މުވައްޒަފަކު ވަޒީފާ އަށް ނިކުމެއްޖެނަމަ އެ ދުވަހުން ފެށިގެން ރޯދަ މަހުގެ ބާކީ ހުރި ދުވަސްތަކަށް ޖެހޭ އަދަދަށް ރޯދަ އެލަވަންސް ދިނުމަށްވެސް އަންގާފައިވެ އެވެ.

ރޯދަ އެލަވަންސް ދީފައި ވަނިކޮށް އެއްވެސް މުވައްޒަފަކު ރޯދަ މަހުގެ ތެރޭގައި ވަޒީފާ އިން ވަކިވެއްޖެނަަ އެ މުވައްޒަފަކު ވަކިވި ދުވަހުން ފެށިގެން ރޯދަ ބަހުގެ ބާކީ ދުވަސްތަކަށް ޖެހޭ ފައިސާ އަދަދު އެ މުވައްޒަފެއްގެ އަތުން އަނބުރާ ހޯދުމަށްވެސް އަންގާފައިވެ އެވެ.

ދައުލަތުގެ އެކައުންޓިން ސޮފްޓްވެއާ ތެރެއިން ރޯދަ އެލަވަންސްގެ ވައުޗަރުތައް މާދަމާގެ ވަގުތެއްގައި އޮފީސްތަކަށް ފޮނުވާނެ ކަމަށްވެސް ސާކިއުލާގައިވެ އެވެ.