އައިޖީއެމްއެޗް

ނަފްސާނީ ބަލި މީހުންގެ ކިޔު ކުޑަކުރަން ބަޔަކާ އެކު ޖޭވީ ހަދަނީ

Mar 23, 2022
3

ނަފްސާނީ ބަލިތަކުގައި އައިޖީއެމްއެޗްގެ ޑޮކްޓަރުންނަށް ދެއްކުމަށް އެތައް ސަތޭކަ ބަޔަކު ކިޔު ޖެހިފައިވާތީ ކިޔު ކުޑަކުރުމަށްޓަކައި އެހެން ބަޔަކާ ގުޅިގެން ކިޔު ކުޑަކުރަން މަސައްކަތްތަކެއް ފަށައިފި އެވެ.

އައިޖީއެމްއެޗްގައި ވަނީ ނަފްސާނީ ބަލީގެ މީހުންނށް ފަރުވާ ދިނުމަށް މެންޓަލް ހެލްތު ސެންޓަރުގެ ނަމުގައި ވަކި ސެންޓަރެއް ހުޅުވާފަ އެވެ.

އެ ސެންޓަރުން ފަރުވާ ހޯދުމަށް މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް 3،276 މީހުން ކިޔު ޖެހިފައި އެބަތިއްބެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ސިރާޖު ވިދާޅުވީ އެކި ބަލިތަކުގައި ޑޮކްޓަރަށް ދެއްކުމަށް ކިޔު ޖެހިފައި ތިބި މީހުންގެ އަދަދުތަކަށް ބަލާއިރު އެންމެ ގިނަ ބަޔަކު ކިޔުގައި ތިބީ ނަފްސާނީ ބަލީގައި ޑޮކްޓަރަށް ދެއްކުމަށް ކަމަށެވެ. އެހެންވެ ކިޔު ކުޑަކުރުމަށްޓަކައި ބަޔަކާ އެކު ޖޮއިންޓް ވެންޗާ އެއްބަސްވުމެއް ހަދައިގެން ކުރިއަށް ދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން އެއްބަސްވުމަކަށް ދާނީ މޯސްޓް ލައިކްލީ ހަމަ ބޭރުގެ ޕާޓީއަކާ އެކުއޭ. ރޯދަ މަހުގެ ތެރޭގައި މަޝްވަރާތައް ކޮޅެއްގައި ޖެހި ވީހާވެސް އަވަހަށް މަސައްކަތް ފަށައިގަތުމަށް އަޅުގަނޑުމެން ވެސް ބޭނުންވަނީ،" ސިރާޖު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނަފްސާނީ ބަލީގައި ޑޮކްޓަރަށް ދެއްކުމަށް ގިނަ ބަޔަކު ކިޔުގައި ޖެހިފައިވަނީ ކޮވިޑް 19އާ ގުޅިގެން އެތައް ބަޔަކު ގޭގައި މަޑުކުރަންޖެހުމުންނާއި ބަލިމަޑުކަމާ ގުޅިގެން ދިމާވި އެހެންވެސް ބައެއް މައްސަލަތަކާ ގުޅިގެން ކަމަށް ބެލެވޭ ކަމަށެވެ.

އައިޖީއެމްއެޗްގައި މާޗު 2019 ގައި ހުޅުވި މެންޓަލް ހެލްތު ސެންޓަރުގައި މިވަގުތު މަސައްކަތް ކުރަނީ ފަސް ސައިކޭޓްރިސްޓުންނާއި ހަ މެޑިކަލް އޮފިސަރުންނާއި ފަސް ސައިކޮލޮޖިސްޓުން އަދި ސޯޝަލް ދެ ވޯކަރުންނެވެ.

އައިޖީއެމްއެޗުން ގެންދަނީ ނަފްސާނީ ބަލީގެ މީހުންނަށް ހާއްސަކޮށްގެން ހަދާފައިވާ ސައިކޭޓްރިސްޓްގެ ނުވަ އެނދުގެ ވޯޑު ބޭނުންކުރަން ފެށުމަށް ވެސް ތައްޔާރުވަމުންނެވެ.