ހަބަރު

އާ އާޓިފިޝަލް ބީޗުގައި 300 އަށްވުރެ ގިނަ މަގޫ ގަސް އިންދައިފި

މާލޭގެ ހުޅަނގު ފަރާތުގައި އަލަށް ހަދާ އާޓިފިޝަލް ބީޗުގައި 300 އަށްވުރެ ގިނަ މަގޫ ގަސް އިންދައިފި އެވެ.

ހައުސިން މިނިސްޓްރީގެ މުވައްޒަފުންނާއި އެމްޓީސީސީގެ އިސް މުވައްޒަފުން ބައިވެރިވެގެން ކުރިއަށް ގެންދިޔަ މިހަރަކާތަކީ މާލޭގެ މަލަމަތިން ރާއްޖޭގެ ރަށެއް ސިފަ ކޮށްދީ އެސަރަހައްދަކީ ރީތި ގޮނޑު ދޮށަކަށް ހަދަން ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ އާ އާޓިފިޝަލް ބީޗުގެ ބޮޑު ސަރަހައްދެއްގައި މިއަދު ގަސް އިންދިއްޖެ ކަމަށާއި މަސައްކަތް ކުރިއަށް ދާތީ ގަސް ނީންދުނު ހިސާބުގައިވެސް ގަސް އިންދާނެ ކަމަށެވެ.

" 300 ކޮންމެސް ވަރަކަށް ގަސް މިއަދު އިންދުނީ. މިކުރެވޭ މަސައްކަތުން ފްރީ އަޕް ނުވާ ސަރަހައްދު ލިބުނީމަ ގަސް އިންދޭނެ. ނިމޭ އިރު މިހާރަށްވުރެ ގިނައިން ގަސް ހުންނާނެ. އަދި މިއަށްވުރެ ބޮޑެތި ގަސް ވެސް އިންދާނަން. ތަޖުރިބާ ކާރުންގެ ލަފާގެ މަތިން ގަސް އިންދުމުގެ ކަންތައް ކުރިއަށް މިގެންދަނީ" މުޢިއްޒު ވިދާޅުވި އެވެ.

މުޢިއްޒު ވިދާޅުވީ މިހާރަށްވުރެ އިތުރަށް ގަސް އިންދައި އެސަރަހައްދަކީ ފެހި ސަރަހައްދަކަށް ހަދާނެ ކަމަށެވެ.

އަލަށް ހަދާ މި ބީޗު އަންނަ ޖެނުއަރީމަހުގެ މެދު ތެރޭގައި ހުޅުވާނެ އެވެ. އެހެން ނަމަވެސް ބީޗް ހުޅުވާއިރު ބީޗުގައި މޫދާ ގުޅިފައިވާ ޕެވީލިއަން އާއި އެތަނަށް ދިޔުމަށް ގުޅާފައި ހުންނަ އޯވަ ހެޑް ބްރިޖްގެ މަސައްކަތް ނުނިމުނު ނަމަވެސް ކޮންކްރީޓް މަސައްކަތް ނިންމާނެ ކަމަށް މުއިއްޒު ކުރިން ވިދާޅުވި އެވެ.

ޒަމާނީ ފެންވަރަށް ހަދާ މި ބީޗުގައި ރެސްޓޯރެންޓަކާއި ފެންވަރާނެ ސަރަހައްދަކާއި ޗޭންޖިން ރޫމް، ފާހާނާ އަދި މަދަ ކެއާ އޭރިއާ އެއްވެސް ހިމެނޭނެ އެވެ. ޖުމްލަ 40 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާ އެވެ.