ކ. ގާފަރު ގެސްޓްހައުސްއެއްގައި މަރުވެފައި އޮއްވާ ފެނުނު އައިމިނަތު ނާޖިލާގެ މަރުގެ މައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހެއްގެ ބައިވެރިވުމެއް ފެންނަން ނެތް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަރުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އާއިލާއާއި ގުޅިގެން ހޯދަންޖެހޭ މައުލޫމާތު ވެސް ހޯދަމުންދާ ކަމަށެވެ.
"އެކަމަކު މިހާތަނަށް އެ މަރުގައި އިތުރު މީހެއްގެ ބައިވެރިވުމެއް އޮތް ކަމަކަށް އަދި ފެންނާކަށް ނެތް،" އޮފިސަރު ވިދާޅުވި އެވެ.
އއ. ބޮޑުފޮޅުދޫ އަށް ނިސްބަތްވާ ނާޖިލާ މަރުވެފައި އޮއްވާ ފެނުނީ އޭނާގެ ހަބަރެއް ނުވާތީ ގެސްޓްހައުސްގައި އޭނާ ހުރި ކޮޓަރި ހުޅުވައިގެން ބެލުމުންނެވެ.
ނާޖިލާ މަރުވެފައި އޮތީ އޭނާ ހުރި ރޫމްގެ ފާހާނާގަ އެވެ. މަރުވެފައި އޮތް އިރު ހަށިގަނޑުގައި ޒަހަމްތަކެއް ހުރި ކަމަށް އަވަސް އަށް ކުރިން މައުލޫމާތު ދިން ގާފަރުގެ ކައުންސިލަރަކު ވިދާޅުވެފައިވެ އެވެ.
ނާޖިލާ ގާފަރަށް ދިޔައީ ވެސް އަދި ގެސްޓްހައުސްގައި އުޅުނީ ވެސް އޭނާ އެކަނި ކަމަށް ގާފަރުގެ ބައެއް މީހުން ބުނެ އެވެ.