މިފްކޯ

މިފްކޯގެ ދެ އުފެއްދުމެއް ބާޒާރަށް ނެރެފި

Mar 26, 2022

ސަރުކާރުގެ މަސް ކުންފުނި -- މިފްކޯއިން އާ ދެ ވައްތަރެއްގެ މަސްދަޅު މިއަދު ބާޒާރަށް ނެރެފި އެވެ.

މިފްކޯ އިން އަލަށް ބާޒާރަށް ނެރުނީ "ލުނބޮޔާ މިރުހާއެކު ކަނޑުމަސް ފެނުގައި" ނަމުގައި ހުރި މަސް ދަޅާއި "ކަނޑުމަސް ބަނޑައިދޫ ޒައިތޫން ތެލުގައި" ނަމުގައި ހަދާފައިވާ މަސް ދަޅެވެ.

ހުޅުމާލޭގެ ހިޔާ ފްލެޓްތައް ކައިރީގައި މިއަދު މިކަމަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތުގައި މަސްދަޅު ތައާރަފްކޮށްދެއްވީ މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ އާއި އެކުންފުނީގެ ބޯޑު މެންބަރު ޝުއައިބު މުހައްމަދެވެ.

ފައުޒީ މިއަދު ވިދާޅުވީ މިފްކޯ އިން ބާޒާރަށް ނެރެން ބޭނުންވާ އިތުރު އުފެއްދުންތަކެއް ވެސް އެބަހުރި ކަމަށާއި ވަރަށް އަވަހަށް އެ އުފެއްދުންތައް ވެސް ބާޒާރަށް ނެރޭނެ ކަމަށެވެ.

"އަޅުގަނޑުމެން މިއަދު ބާޒާރަށް މި ނެރުނު ދެ ބާވަތަކީ ވެސް ދިރާސާތަކާއި ލެބް ޓެސްޓުތަކަށް ފަހު ދިވެހިންނަށް އެންމެ ރަނގަޅު ވާނެ ގޮތަށް ތައްޔާރު ކޮށްފައިވާ ބާވަތްތަކެއް،" ފައުޒީ ވިދާޅުވި އެވެ.

މިފްކޯ އިން މިއަދު ތައާރަފް ކުރި ދެ ބާވަތުގެ މަސް ދަޅު މިއަދުން ފެށިގެން މިފްކޯގެ މަސް ފިހާރަތަކުން ގަންނަން ލިބޭނެ އިންތިޒާމު ވެސް މިހާރު ވަނީ ހަމަޖައްސާފަ އެވެ.

ހިޔާ ފްލެޓްތައް ކައިރީގައި މިއަދު ހަވީރު 5:00 އިން ރޭގަނޑު 7:00 އަށް މިފްކޯ އިން ކުރިއަށް ގެންދިޔަ ހަރަކާތުގައި ވަނީ މިއަދު ބާޒާރަށް ނެރުނު މަސް ދަޅުގެ ބާވަތްތައް ރަހަ ބަލަން ފުރުސަތު ދީފަ އެވެ.

މުޅިން އަލަށް ދެ ވައްތަރުގެ މަސް ދަޅު ރޯދަ މަހަށް ހާއްސަކޮށްގެން ބާޒާރަށް ނެރެފައިވާއިރު އާންމު މަސްތަކަށް ވުރެ ބޮޑަށް ރޯދަ މަހު މިފްކޯގެ އުފެއްދުންތަކަށް ބާރު ބޮޑުވެ އެވެ.

މިފްކޯ އިން ބުނީ އެ ކުންފުނީގެ އުފެއްދުންތައް ރޯދަ މަހު ހުސްނުވެ ލިބެން ހުންނާނެ ކަމަށެވެ.