ބޭރު ކުޅިވަރު

ލިވަޕޫލުން ލެސްޓަ ސިޓީގެ ދުވެލި ހުއްޓުވައިފި

އިނގިރޭސި ޕްރެމިއާ ލީގުގެ އެއްވަނާގައި އޮތް ލެސްޓާ ސިޓީ މޮޅުވަމުން އައި ސިލްސިލާ އަށް ލިވަޕޫލުން ރޭ ނިމުން ގެނެސްފި އެވެ.

މެޗުގެ ހަމައެކަނި ލަނޑު ޖެހީ 63 ވަނަ މިނިޓްގައި ބަދަލު ކުޅުންތެރިޔާ ކްރިސްޓިއަން ބެންޓެކޭ އެވެ.

މި މެޗުން ބަލިވި ނަމަވެސް ލެސްޓާ އޮތީ އަދިވެސް އެއްވަނާގަ އެވެ. އެއީ 38 ޕޮއިންޓާއެކުގަ އެވެ. ނަމަވެސް މިރޭ ސައުތެމްޓަން އަތުން އާސެނަލް މޮޅުވެއްޖެނަމަ 39 ޕޮއިންޓާއެކު އާސެނަލް އެއްވަނަ އަށް އަރާނެ އެވެ. ލިވަޕޫލް މިހާރު އޮތީ 27 ޕޮއިންޓާއެކު އަށް ވަނާގަ އެވެ.

މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޖާގެން ކްލޮޕް ބުނީ ނަތީޖާއެއް ނުނެރެވި ހަތަރު މެޗު ދިއުމަށްފަހު ލިވަޕޫލަށް ލިބުނީ ވަރަށް ރަނގަޅު މޮޅެއް ކަަމަށެވެ.

އަދި ޑިވޮކް އޮރީގީ އަށް ހާނިއްކަވުމުން ބެންޓެކޭ ކުޅެން ނުކުތީ ވޯމްއަޕް ވެސް ނުކޮށް ކަމަށާއި އޭނާ ލަނޑު ޖެހުމުން އެކަމާ އުފާކުރާ ކަމަށެވެ.
ލެސްޓަ ސިޓީގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ ބުނީ އޭނާގެ ޓީމަށް މެޗުތެރެއަށް ވަދެ ކުޅެގަނެވެން ފެށީ މާފަހުން ކަމަށެވެ.

"ދެ ވަނަ ހާފުގައި އަހަރުމެން ތިބީ ވަރަށް ކުޅޭ ހިތުން. އެކަމަކު ފެށުން ގޯސްކޮށް ދިޔައިމަ ނަތީޖާ ނެރަކޮށް މިދިޔައީ،" ކޯޗު ބުންޏެވެ.