ސްޓެލްކޯ

ސްޓެލްކޯގެ އޮންލައިން ހިދުމަތްތަކެއް މެދުކެނޑިއްޖެ

ސްޓެލްކޯ އިން ހިދުމަތް ދިނުމަށް ބޭނުންކުރާ ސިސްޓަމަށް ދިން ރެންސަމްވެއާ ހަމަލާއަކާ ގުޅިގެން އެ ކުންފުނިން ދެމުން ގެންދިޔަ ގިނަ ހިދުމަތްތަކެއް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މެދުކެނޑިއްޖެ އެވެ.

ސްޓެލްކޯ އިން މިއަދު ބުނީ ރެންސަމްވެއާ ހަމަލާއަކާ ގުޅިގެން އެ ކުންފުނީގެ ވެބްސައިޓާއި، މޯބައިލް އެޕްލިކޭޝަނާއި، މޯބައިލް އައުޓްލެޓްތަކާއި އަދި ކައުންޓަރުތަކުން ދެމުން ދިޔަ ހުރިހާ ހިދުމަތެއް ބުރާސްފަތި ދުވަހުން ފެށިގެން މެދުކެނޑިފައިވާ ކަމަަށެވެ.

ހަމަލާއާ ގުޅިގެން ކުންފުނީގެ އައިޓީ ނެޓްވޯކަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް، ކަސްޓަމަރުންނަށް އޮންލައިންކޮށާއި، ކައުންޓަރުތައް މެދުވެރިކޮށް ދެމުން ދިޔަ ހިދުމަތްތައް އަލުން ފޯރުކޮށް ދިނުމަށް އަދިވެސް އިތުރު ވަގުތު ނަގާނެ ކަމަށް ބެލެވޭ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.

"މި މައްސަލަ ވީ އެންމެ އަވަހަކަށް ހައްލު ކުރުމަށްޓަކައި، އަޅުގަނޑުމެންގެ އައިޓީ އިންޖީނިއަރުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުން. މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް ނިހާޔަތަށް މާފަށް އެދެން." ސްޓެލްކޯ އިން ބުނެފައިވެ އެވެ.

ހިދުމަތް ދިނުން އަވަސް ކުރާނެ ކަމަށް ބުނި ނަމަވެސް އެކަމަށް ކިހާ ދުވަހެއް ނުވަތަ ހޭދަވާނެ ކަމަށް ބެލެވޭ ވަގުތަކާ ގުޅޭގޮތުން ސްޓެލްކޯ އިން ވަކި އެއްޗެއް ނުބުނެ އެވެ.

ރެންސަމްވެއާ އެޓޭކް ތަކަކީ ސޮފްޓްވެއާއެއް ބޭނުންކޮށްގެން ކޮމްޕިއުޓަރުތަކަކަށް އެކްސަސްވުން ބްލޮކް ކޮށްލާ އެޓޭކެކެވެ. މިފަދަ ހަމަލާދޭން މީހުން، އެއީ ކޮން ބައެއްކަން ނޭނގި ތިބެ އެ ސިސްޓަމެއް އާންމު ހާލަތަށް ގެނައުމަށްޓަކައި ފައިސާ އަށް ޑިމާންޑް ކުރެ އެވެ.

ސްޓެލްކޯ އިން ހިދުމަތް ދިނުމަށް ބޭނުން ކުރާ ސިސްޓަމަށް ހަމަލާދީފައިވާއިރު ރާއްޖޭގައި ދެމުންދާ ބައެއް އޮންލައިން ހިދުމަތްތަކަށް އަމާޒުކޮށްގެން ވެސް ބަޔަކު ދަނީ ހުއްޓުމެއް ނެތި ހަމަލާދެމުންނެވެ.