އިމްތިޔާޒު ފަހުމީ

ނުފޫޒަށް މެންބަރުން ނުގުނޑާ، އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރަން

އެމްޑީޕީގެ މެންބަރުންނަށް ބިރު ދެއްކުމަށް ކުރާ މަސައްކަތަށް ފަރުވާލެއް ނެތި އިމްތިޔާޒު ފަހުމީ (އިންތި) އާއެކު ނިކުމެ ތިބި މަންޒަރު ފެންނަމުންދާ ކަމަށާ ޗެެއާޕާސަން އިންތިހާބު ކާމިޔާބު ކުރާނީ ބޮޑުތަނުން ކަަމަށް އިމްތިޔާޒު ފަހުމީގެ ކެންޕެއިން ޓީމުން މިއަދު ބުނެފި އެވެ.

އިމްތިޔާޒު ފަހުމީގެ ކެމްޕެއިން ތަރުޖަމާން މުހައްމަދު ވަހީދު މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވިދާޅުވީ ބ. އަތޮޅުގެ ހުރިހާ ރަށަކަށުންވެސް ފެނުނީ އެމްޑީޕީ މެންބަރުން ހިތްވަރާއެކު ތިބި މަންޒަރު ކަމަށާ މެންބަރުންނަށް ބިރުދެއްކުމަށް ކުރާ މަސައްކަތަށް ފަރުވާލެއް ނެތި އިމްތިޔާޒު ފަހުމީއާއެކު މެންބަރުން ތިބި ކަމަށެވެ.

އަދި މެންބަރުން ތިބީ ފަލްސަފާ ކޮންޓްރެކްޓާއި ވަގުތީ ވަޒީފާ އާއި އެސްއެމްއީ ލޯނުގެ އަވާގައި އެމްޑީޕީގެ އަސްލު އަސާސްތައް ދޫކޮށްލާ ގޮތަށް ނޫން ކަމަށްވެސް ވިދާޅުވިއެވެ. ވަހީދު ވިދާޅުވީ މެންބަރުންނަށް ނުފޫޒު ފޯރުވުމުގެ ކަންކަން ބާރަށް ހިންގާ ކަމަށާ އެފަދަ އެތައް މައްސަލައެއް ބ އަތޮޅުގެ ރަށްތަކުންވެސް ފާހަގަ ކުރެވުނު ކަމަށެވެ.

އެ ގޮތުން ފެނަކަ ފެހެންދޫ ބްރާންޗް ހިންގުން އެސިސްޓަންޓް މެނޭޖަރުގެ ކިބައިން ވަކިކޮށް އޭނާއަށް ވުރެން ޖޫނިއާ ޓެކްނީޝަނެއްގެ މަގާމުގައި ހުރި މީހަކަށް ހަވާލުކޮށްފައިވާ ކަމަށެވެ. އެކަން ކޮށްފައިވަނީ ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރަން ދެކޮޅު ހެދުމުން ކަމަށް ވިދާޅުވިއެވެ.

"ނަމަވެސް އަޅުގަނޑުމެންނަށް ފެނުނީ އެމްޑީޕީގެ މެންބަރުން ބިރުދެއްކުމަށް ކުރާ މަސައްކަތަށް ފަރުވާލެއް ނެތި އިންތިއާއެކު ނުކުމެ ތިއްބެވިތަން. އެމްޑީޕީ މެންބަރުން ތިބީ ބިރު ފަހަނަ އަޅާ ގޮސްފައި. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި އިންތިހާބު ބޮޑުތަނުން ކާމިޔާބުކުރާނަން،" ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އާއި ތިލަދުންމަތީގެ އުތުރު ބުރީގެ ރަށްތަކާއި ދެކުނު ބުރީގެ ރަށްތަކާއި ހުވަދޫ އަތޮޅުގެ ދެ ބުރި އާއި މާލޭގެ ހުރިހާ ދާއިރާއެއްގެ އިތުރުން ބ. އަތޮޅުގެ ހުރިހާ ރަށްތަކަށް ކުރެވުނު ޒިޔާރަތާއެކު އެމްޑީޕީގެ 55 އިންސައްތަ މެންބަރުން ބައްދަލުކުރެވިފައިވާ ކަމަށެވެ.

އިންތިގެ ކެމްޕެއިން ޓީމު މާދަމާ މާލެ އަތޮޅުގެ ގުޅި، ގުރައިދޫ އަދި މާފުއްޓަށް ޒިޔާރަތް ކުރާނެ އެވެ. މީގެ އިތުރުން 29 ބވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނ އަތޮޅުގެ 13 ރަށަކަށް ކުރާ ދަތުރެއް ފަށާނެ އެވެ.