އެޗްޑީސީ

"ސްމާޓް ޕޯލް" އާއި "ސްމާޓް ބެންޗް" ތައާރަފްކޮށްފި

Mar 31, 2022

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ސްމާޓްކޮމް ބްރޭންޑްގެ ދަށުން "ސްމާޓް ޕޯލް" އަދި "ސްމާޓް ބެންޗް" މިއަދު އިފްތިތާހްކޮށްފި އެވެ.

ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސްމާޓް ޕޯލާއި ސްމާޓް ބެންޗް އިފްތިތާހު ކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމު ކުރެވުނު ސްމާޓް ޕޯލާއި ސްމާޓް ބެންޗަކީ އެމެރިކާގެ އޮމްނިފްލޯގެ ފަރުމާ އެކެވެ.

ސްމާޓް ޕޯލް އަކީ އިރުގެ އަލި އަދި ވައިގެ ޒަރީއާއިން އިޔާދަ ކުރަނިވި ހަކަތަ ބޭނުން ކޮށްގެން ދިއްލާ ޕޯލް އެކެވެ. ސްމާޓް ޕޯލް މެދުވެރިކޮށް މިފަދަ ދިއްލުންތަކުގެ ކަރަންޓް ބޭނުންކުރެވޭ މިންވަރު 90 ޕަސެންޓް ކުޑަ ކުރެވެ އެވެ. ސްމާޓް ޕޯލް މެދުވެރިކޮށް ޕަބްލިކް ވައިފައި، ސެކިއުރިޓީ ކެމެރާ، އައިއޯޓީ ސެންސާ، އާންމު އިއުލާންތައް ގެނެސްދިނުމާއި، ޑިޖިޓަލް އިޝްތިހާރުތައް ދެއްކުމުގައި ވެސް ފަސޭހަތަކެއް ލިބިގެންދާނެ އެވެ. މީގެއިތުރުން ކަރަންޓުގެ ހިދުމަތް ކެޑިގެންދާ ވަގުތު ވެސް ސްމާޓް ޕޯލްތަކުގައި ހިމެނޭ ބެޓެރީ ސްޓޯރޭޖްގައި ރައްކާކޮށްފައި ހުންނަ ހަކަތަ ބޭނުންކޮށްގެން ބޮކި ދިއްލުމާއި ކެމެރާތަކުގެ ހިދުމަތް ލިބެމުންދާނެ އެވެ.

ސްމާޓް ބެންޗަކީ ވެސް އެޗްޑީސީގެ ސްމާޓް ސިޓީ ތަސައްވުރުގެ ދަށުން ތައާރަފްކޮށްފައިވާ އަދި ސްމާޓް ބެންޗް މެދުވެރިކޮށް ގިނަ ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭ ވަސީލަތެކެވެ. އެގޮތުން އާކިޓެކްޗުރަލް ލައިޓިން، ޔޫއެސްބީ ނުވަތަ ވަޔަލެސް ޗާޖިން ޕޮއިންޓްސް އަދި އިލެކްޓްރިކަލް ބައިސިކަލް އަދި ވީލްޗެއާ ފަދަ ތަކެތީގެ ޗާޖިން ސްޓޭޝަނެއްގެ ގޮތުގައި ސްމާޓް ބެންޗް ބޭނުންކުރެވޭނެ އެވެ.

މިރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު ވިދާޅުވީ އިޔާދަ ކުރުވަނިވި ހަކަތަ ބޭނުންކުރެވޭ މިފަދަ ޕޯލްތަކަކީ ހުޅުމާލޭގައި އުފެދޭ ވިހަގޭސް މަދުކުރުމަށް މަގުފަހިކޮށްދޭނެ ސްމާޓް ވަސީލަތެއް ކަމަށެވެ.

"މީގެ ސަބަބުން ދިގު މުއްދަތުގައި ހުޅުމާލެ ފަދަ އާބާދީ ބޮޑު އާބަން ސިޓީތަކުގެ ތިމާވެއްޓަށް ގިނަގުނަ ހެޔޮ ބަދަލުތައް އަންނާނެ ކަމުގެ ޔަގީންކަން އަރުވަން،" ސުހައިލް ވިދާޅުވި އެވެ.

އޮމްނިފްލޯގެ ސްމާޓް ޕޯލްސް ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައ ގާއިމުކޮށް، ކަރަންޓު ބޭނުންކުރާ ދަށްކުރެވޭ ކަން ޔަގީންކޮށްދީފަ އެވެ. ސްމާޓް ޕޯލް އަދި ސްމާޓް ބެންޗަކީ ވެސް ދެމެހެއްޓެނިވި ގޮތެއްގައި ސްމާޓް ސިޓީތައް ތަރައްގީކުރުމުގައި މުހިއްމު ރޯލެއް އަދާކުރާނެ ވަސީލަތްތަކެއް ކަމަށް އެޗްޑީސީން ދެކެ އެވެ.

އެޗްޑީސީން ބުނީ ތިމާވެށީގެ ރައްކާތެރިކަމަށް ބަލައިގެން ޓެކްނޮލޮޖީގެ ޒަރީއާއިން ގެނެވޭ ސްމާޓް ސިޓީ ހައްލުތަކަކީ އިގްތިސޯދީ، އިޖުތިމާއީ، ދެމެހެއްޓެނިވި އަދި ކާމިޔާބު ހައްލުތަކަށް ވެގެން ދާނެ މުހިއްމު މަސައްކަތެއް ކަމަށެވެ.