މުހައްމަދު ނާޒިމް

ނާޒިމްގެ މައްސަލައިގެ އަޑުއެހުން ސިއްރުކޮށްގެން ކުރިއަށް ގެންގޮސްފި

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ކުށް ސާބިތުވެ، 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އިސްތިއުނާފުގެ އަޑުއެހުން ސިއްރުކޮށްގެން ކުރިއަށް ގެންގޮސްފިއެވެ. ފުރަތަމަ އަޑު އެހުންތައް ކުރިއަށް ގެންގޮސްފައިވަނީ އާންމުކޮށް ހުޅުވާލައިގެންނެވެ.

ނާޒިމްގެ މައްޗަށް އިއްވާފައިވާ 11 އަހަރު ދުވަހުގެ ޖަލު ހުކުމް އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅާފައިވާއިރު މިއަދު ވަނީ އެ މައްސަލައިގެ ދެ އަޑުއެހުމެއް ކުރިއަށް ގެންގޮސްފައެވެ. ފުރަތަމަ އަޑުއެހުން ކުރިއަށް ގެންދިޔައީ އާންމުކޮށް ހުޅުވާލައިގެންނެވެ.

މިއަދުގެ ފުރަތަމަ އަޑުއެހުން:

މިއަދުގެ ފުރަތަމަ އަޑުއެހުން ފެށީ މެންދުރުކުރި 11:15ގައެވެ. މި އަޑު އެހުމުގައި ދައުލަތުގެ ވަކީލެއްގެ ގޮތުގައި ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވެލެއްވި އެސިސްޓެންޓް ޕީޖީ ހުސެއިން ނާސިހު ވަނީ ދައުލަތުން މީގެކުރިން ހުށަހަޅާފައިވާ ސިއްރު ލިޔުމުގެ ތަފްސީލީ ލިޔުމެއް ހުށަހަޅާފައެވެ. އަދި ނާޒިމްގެ ގާނޫނީ ވަކީލުން ވަނީ ދަށު ކޯޓުން އިއްވި ހުކުމުން އެ ފަރާތަށް ފާހަގަވާ ބައެއް ނުކުތާތައް ފާހަގަކޮށްފައެވެ.
ނާޒިމްގެ ގާނޫނީ ވަކީލް ހުސްނުއްސުއޫދު ފާހަގަކުރެއްވި ބައެއް ނުކުތާތައް:
1- ދިފާއުވާން ހުށަހެޅި ހުރިހާ ހެކިންގެ ހެކިބަސް ނަގާފައިނުވާކަން
2- ނާޒިމްގެ ގޭގައި ހަތިޔާރުވާކަމަށް ފުލުހުންނަށް މައުލޫމާތުދިން މީހާ ވުޖޫދުގައިވާ މީހެއްތޯ ބެލިފައިނުވާކަން އަދި އެމީހާ ނާޒިމް ގޭގައި ބަޑި ބާއްވަދާނެތޯ ބަލާފައިނުވާކަން
3- ނާޒިމްގެ ގެއިން ފެނުނު ކަޅު ދަބަހުން ނާޒިމް އަދި އެގޭގައި އުޅޭ އެއްވެސް މީހެއްގެ ފިންގާ ޕްރިންޓް ފެނިފައިނުވާކަން
4- ނާޒިމްގެ ޑްރައިވަރުންގެ ހެކި ބަސް ނަގާފައިނުވާކަން
5- ނާޒިމްގެ ގޭގެ ދޮރުތައް ބާރުގެ ބޭނުންކޮށްގެން ހުޅުވީ، އެހެން ގޮތެއް ނެތިގެން ނޫންކަން އެނގެން އޮތްކަން

މިއަދުގެ ދެވަނަ އަޑުއެހުން:

މިއަދުގެ ދެވަނަ އަޑުއެހުން ފެށީ، މެންދުރުފަހު އެކެއް ޖެހިއިރުއެވެ. މި އަޑުއެހުމުގައި ފުރަތަމަ އޮތީ ނާޒިމްގެ ފަރާތުން ފާހަގަކުރާ ނުކުތާތައް ފާހަގަކުރުމެވެ. އެއަށްފަހު ދައުލަތުން އެ ނުކުތާތަކަށް ޖަވާބުދިނެވެ.
ނާޒިމްގެ ވަކީލް ފާހަގަކުރި ބައެއް ނުކުތާތައް:
1- ހަތިޔާރު ފެނުނު ކޮޓަރިއަކީ ނާޒިމްގެ އެކަނި ބޭނުންކުރާ ކޮޓަރިއެއް ނޫންކަން ސާބިތުކޮށްދޭން ހުށަހެޅި ހެއްކަން ފުރުސަތުދީފައިނުވާކަން
2- ދިފާއުވުމަށް އެކަށީގެންވާ ވަގުތު ނުލިބުނުކަން
3- އިސްތިއުނާފުގެ މައްސަލައިގައި އާ ގާނޫނުލް އުގޫބާތަށް ހައިކޯޓުން ރިޔާއަތްކުރަންޖެހޭނެކަން

ދައުލަތުގެ ވަކީލުން ފާހަގަކުރި ބައެއް ކަންތައްތައް:
1- ނާޒިމް ބަޑި އެތެރިކުރިކަން ކޯޓަށް ސާބިތުވެފައިވާކަން އަދި ބަޑި އެތެރެ ނުކުރާކަން ނާޒިމަށް ސާބިތުކޮށްދެވިފައިނުވާކަން
2- ހަތިޔާރު ފެނިފައިވަނީ ނާޒިމްގެ ކޮންޓްރޯލްގައިވާ ތަނަކުންކަން
3- ދަބަހުން ފިންގާޕްރިންޓް ނުފެނުމަކީ އެއާ ނާޒިމްއާ ގުޅުން މެދުކެނޑޭނެ ކަމެއް ނޫންކަން
4- ހެކި ބަސް ނަގާފައިނުވަނީ މައްސަލައާ ގުޅުން ނެތް މީހުންގެކަން
5- ނާޒިމްގެ މައްޗަށް ހުކުމް އިއްވިއިރު އާ ގާނުނުލް އުގޫބާތަށް އަމަލުކުރަން ފަށާފައިނުވާ ކަމަށާއި އެހެންކަމުން އިސްތިއުނާފުގެ މަރުހަލާގައި އާ ގާނޫނުލް އުގޫބާތަށް ރިޔާއަތްކުރަން ނުޖެހޭނެކަން

ދައުލަތުން ހުށަހެޅި ސިއްރު ލިޔުމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ޝަރީއަތުގެ މަޖިލިސް ސިއްރުކުރުމަށް ފަނޑިޔާރު ނިންމެވިއެވެ. އެ ހިސާބުން ޝަރީއަތް ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.

އަޑުއެހުންތައް ނިންމާލެއްވުމަށްފަހު ހައިކޯޓުގެ ބޭރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހުސްނުއްސުއޫދު ވިދާޅުވީ، މާދަމާ ނާޒިމްގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިން ކޯޓަށް ހާޒިރުކުރާނެ ކަމަށެވެ.

މާދަމާ ވެސް ނާޒިމްގެ އިސްތިއުނާފު މައްސަލައިގެ އަޑު އެހުމެއް ކުރިއަށްދާނެ ކަމަށް ފަނޑިޔާރު ވިދާޅުވެފައިވާއިރު އަޑުއެހުން ކުރިއަށްދާނެ ގަޑިއާއި އަޑުއެހުން ކުރިއަށް ގެންދާނެ ގޮތެއް އެނގިފައެއް ނުވެއެވެ.