ހުޅުމާލެ

ދެވަނަ ފިޔަވަހީގައި ދެ ޕްރީ ސްކޫލެއްގެ ބިންގާ އަޅައިފި

Apr 1, 2022

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދެ ޕްރީ ސްކޫލް އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ޕްރީ ސްކޫލުތައް އެޅުމަށް އެޗްޑީސީން ހަވާލުކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަނަށެވެ.

ހުޅުމާލޭގައި ޕްރީ ސްކޫލުތައް އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި ދެ ޕްރީ ސްކޫލުގެ ބިންގާ އަޅުއްވައި ދެއްވީ ހުޅުމާލެ ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޔާޒާއި، އެޗްޑީސީއާއި އެސްޖޭގެ އިސްވެރިންނެވެ.

އެޗްޑީސީން ބުނީ ދެ ޕްރީ ސްކޫލުގެ ބިންގާ އެޅުމަކީ ދެވަނަ ފިޔަވަހީގައި އިތުރުވަމުންދާ އާބާދީއަށް ހިދުމަތް ދިނުމަށާއި ހުޅުމާލޭގެ ތަރައްގީއަށް އެޗްޑީސީން ކުރަމުންދާ މަސައްކަތްތަކުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ދެ ޕްރީ ސްކޫލުގެ މަސައްކަތް ހަމަސް ދުވަސް ތެރޭގައި ނިންމުމަށްފަހު އެޗްޑީސީއާ ހަވާލުކުރަންޖެހެ އެވެ.

ޕްރީ ސްކޫލުތައް ހެދުމަށް ހަމަޖެހިފައިވަނީ ކްލާސް ރޫމްތަކާއި އޮފީސް އިމާރާތަކާއި މުވައްޒަފުންނަށް ހާއްސަ ބަޔަކާ އެކު ދަރިވަރުން ކުޅެލައި ހިތްހަމަޖައްސާލުމަށް ޕްލޭ ގްރައުންޑެއް ވެސް ހިމެނޭ ގޮތަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްކޫލުތަކެއް އެޅުމުގެ މަސައްކަތް ވެސް ބައެއް ކުންފުނިތަކާ ހަވާލުކޮށްފައިވާއިރު އިތުރު ސްކޫލުތައް އެޅުމަށް ކުންފުނިތައް ހޯދުމުގެ މަސައްކަތް ވެސް އެޗްޑީސީން ދަނީ ކުރަމުންނެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތަކުގެ ތެރެއިން ގިނަ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާފައިވާއިރު އެ ސަރަހައްދުގައި އެއްވެސް ސްކޫލެއް އަދި ހަދާފައެއް ނުވެ އެވެ. އެކަމަކު ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އަމިއްލަ ފަރާތަކުން ހަދައިދީފައިވާ ޕްރީ ސްކޫލެއްގައި މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ވަނީ ކިޔަވައިދޭން ފަށާފަ އެވެ.