ރާއްޖެ ކުޅިވަރު

ނޭޕާލް ކަޓައި އިންޑިޔާ އާއި ލަންކާ ސެމީ އަށް

ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުން ނޭޕާލް ކަޓައި އިންޑިޔާ އާއި ސްރީލަންކާ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

މެޗުން މޮޅުވެގެން ސެމީ އަށް ދެވެން އޮތް ނޭޕާލް މުބާރާތުން ކެޓީ ގްރޫޕް އޭގެ ފަހު މެޗުގައި މިއަދު އިންޑިޔާ އަތުން 4-1އިން ބަލިވުމުންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ތިން ވަނަ މިނިޓްގައި ޖެހީ ނޭޕާލްގެ ބިމާލް ގަރްތީ މަގަލް އެވެ. އެކަމަކު ހާފު ނިމުމުގެ ކުރިން ރޯލިން ބޯގެސް ނަތީޖާ އެއްވަރުކޮށް މެޗުން މޮޅުކޮށްދިން ލަނޑު ޖެހީ ފަހުހާފުގައި ކެޕްޓަން ސުނިލް ޗެތްރީ އެވެ. ތިން ވަނަ ލަނޑު ޖެހީ އިންޑިޔާގެ ލައްލިއާންޒުއާލް އެވެ. ކީޕަރު ބޯމަތިން އޭނާ ގޯލަށް ފޮނުވާލީ އަރިމަރިން އޭނާ ބޯޅައާއެކު ކުރިއަށް އެރިއިރު ހުރަސް އަޅަން ހުރީ ކީޕަރު އެކަނި ހުއްޓަ އެވެ. ފަހު ލަނޑު ޖެހީ ވެސް އޭނާ އެވެ.

މި ނަތީޖާގެ ސަބަބުން ތިން ޓީމު ވާދަކުރި ގްރޫޕުގެ އެއްވަނަ ލިބުނީ މުބާރާތް ބާއްވާ ގައުމު އިންޑިޔާ އަށެވެ. ދެ ވަނަ ލިބުނީ ފުރަތަަމަ މެޗުގައި ނޭޕާލް އަތުން 1-0އިން މޮޅުވެ ފަހު މެޗުގައި އިންޑިޔާ އަތުން 2-0އިން ބަލިވެ ސެމީ ފައިނަލުގެ އުއްމީދުގައި މިއަދު ކުޅިބަލަންތިބި ސްރީލަންކާ އަށެވެ.

ސެމީ ފައިނަލުގައި އިންޑިޔާ ކުޅޭނީ ގްރޫޕް ބީގެ ދެ ވަނަ ޓީމާ އެވެ. ލަންކާ ކުޅޭނީ ގްރޫޕް ބީގެ އެއްވަނަ ޓީމާ އެވެ. މި ގްރޫޕުގެ އެއްވަނަ އަށް ވާދކުރަނީ އަފްގާނިސްތާނާއި ރާއްޖެ އެވެ. ގްރޫޕުގެ އެއްވަނަ ރާއްޖެ އަށް ލިބޭނީ މާދަމާ އަފްގާނިސްތާން ބަލިކޮށްގެންނެވެ.

ނޭޕާލް މުބާރާތުން ކެޓުމަކީ އެ ގައުމުގެ ނޫސްތަކުން މިއަދު ސިފަކޮށްފައިވާ ގޮތުގައި ވަރަށް ބޮޑު ލަދުވެތިކަަމެކެވެ. އެމީހުންްނަކީ އެންމެ ފަހު ދެ މުބާރާތުގައި ވެސް ސެމީ ފައިނަލް ކުޅުނު ގައުމެކެވެ. މިއާ ހިލާފަށް ލަންކާ އަކީ ނިމިދިޔަ ދެ މުބާރާތުގައި ގްރޫޕް ސްޓޭޑުން ފޭލްވާ ޓީމެކެވެ.