ހަބަރު

2015: މަޖިލިސް ހުރިހާ ގޮތަކުން ތަފާތު އަހަރެއް!

Dec 30, 2015

ރައްޔިތުންގެ މަޖިލީހަކީ ސިޔާސީ މެޝިނުގެ މައިގަނޑު ސޯބެވެ. ސިޔާސީ މައިދާނުގެ އެހެން ސޯބުތަކުގެ އެނބުރުމާ އެއްވަރަށް މަޖިލީހުގެ ބީޓަށް ވެސް ބަދަލުތައް އަންނާނެ އެވެ. މިއަހަރު ގެ މަޖިލިސް ފާހަގަ ކުރެވެނީ ބަރުލަމާނީ ހަޔާތުގެ އެންމެ ތަފާތު މަޖިލީހުގެ ގޮތުގަ އެވެ. ފުޓްބޯޅައިގައި ނަމަ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ހެޓްރިކް ހަދައިފި އެވެ. ވަރުގަދަ ތާރީހެއް ލިޔެފި އެވެ. މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މަޖިލިސް ސިފަކުރެއްވީ ޑިމޮކްރަސީގެ ގަދަ ކަނޑުގައި ދަތުރު ކުރާ ވަރުގަދަ ނަވެއްގެ ގޮތުގަ އެވެ. އެކަމަކު އެ މަސައްކަތް އެކި މީހުން ސިފަ ކުރަނީ އެކި ގޮތަށެވެ. ކޮންމެ ބަޔަކު ކޮންމެ ގޮތަކަށް ސިފަ ކުރިއަސް މަޖިލީހުން ބުރަ މަސައްކަތްތަކެއް ކުރި ކަން އެއީ ޖުމްލަ ނަތީޖާ އެވެ.

އާ ގާނޫނު އަސާސީއަށް ފުރަތަމަ ގެނައި ބަދަލު

މިހާރު އަމަލު ކުރާ ފެހި ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށިފަހުން އެ ގާނޫނު އަސާސީއަށް ގެނައި ފުރަތަމަ ބަދަލު ގެނައީ މި ރައްޔިތުންގެ މަޖިލީހުންނެވެ. ފުރަތަމަ އިސްލާހަކީ ވެރިކަން ކުރާ އުމުރު ބަދަލު ކުރުމަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހެވެ. އެމްޑީޕީ ޕީޕީއެމް އަދި ޖޭޕީގެ މެންބަރުންގެ ވޯޓާ އެކު ޖުމްލަ، 77 މެންބަރުންގެ ތަނަވަސް އަގުލަބިއްޔަތުން ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ނ) އިސްލާހުކޮށް ރައީސާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެވޭ އުމުރަކީ 30 އަހަރާއި 65 އަހަރު ކަމަށް ހަމަޖެއްސި އެވެ.

އަދިވެސް އިތުރު ބަދަލު ގާނޫނު އަސާސީއަށް ގެނަ އެވެ. ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކް ނުކުރެވޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް ގާނޫނު އަސާސީގެ 301 ވަނަ މާއްދާގެ ފަހަތަށް، އިތުރު އަށް މާއްދާ ހިމެނޭ ގޮތުން، 15 ވަނަ ބާބު އިތުރު ކުރި އެވެ. އެއާއެކު ފްރީ ހޯލްޑްގެ އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކް ކުރުމުގެ ހުއްދަ ވެސް މި އޮތީ ދީފަ އެވެ. މިއީ ރައްޔިތުންގެ މަޖިލީހުން ގެނައި ތާރީހީ ބަދަލެކެވެ.

ބޮޑެތި މުހިންމު ގާނޫނުތަކެއް ވުޖޫދަށް

ރައްޔިތުން މަޖިލީހުން މިއަހަރުގެ ތެރޭގައި 73 ޖަލްސާއެއް ބޭއްވި އިރު ކޮމިޓީތަކުން ކުރި ބުރަ މަސައްކަތްތަކާ އެކު 42 ބިލެއް ފާސްކުރި އެވެ. އޭގެ ތެރޭގައި މުހިންމު ރާއްޖެއަށް މުޅިން އާ ގާނޫނުތައް ހިމެނެ އެވެ. ގަދީމީ ޒަމާނުގެ ގާނޫނުލް އުގޫބާތު އެކީ އުވާލައި ޒަމާނީ މުޅިން އާ ގާނޫނުލް އުގޫބާތެއް މަޖިލީހުން ފާސްކުރި އެވެ. މިއީ އެތައް ދުވަހެއް ވަންދެން މަޖިލީހުގެ ތެރޭގައި ތާށިވެފައި އޮތް މުހިންމު މަސައްކަތެކެވެ. ގާނޫނީ ދާއިރާގެ ބޭފުޅުން ވިދާޅުވަނީ އާ ގާނޫނުލް އުގުބާތަކީ ޖިނާއީ އަދުލުގެ ނިޒާމަށް ލިބުނު ބޮޑު ކާމިޔާބެއް ކަމަށެވެ. މުޅިން އާ ޓެރަރިޒަމްގެ ބިލެއް ވެސް މިއަހަރު މަޖިލީހުން ވުޖޫދަށް ގެނަ އެވެ. އިސްލާހު ކުރަން ޖެހިފައި ހުރި އެތައް ގާނޫނަކަށް ބަދަލު ވެސް ގެނަ އެވެ. މުޅި މަޖިލީހަށް ހުށަހެޅި 157 މައްސަލައިގެ ތެރެއިން އަހަރީ ޗުއްޓީއަށް ދިޔައިރު ނުނިމި އޮތީ އެންމެ އަށް މައްސަލައެކެވެ. ލައްކަ މަސައްކަތް މަޖިލީހުން ކޮށްފި އެވެ.

މަޖިލީހުގެ މަސައްކަތުގެ ހުލާސާ:

  • މަޖިލީހަށް މިއަހަރު ހުށަހެޅީ 157 މައްސަލައެއް
  • 149 މައްސަަލައެއް ނިންމި
  • 42 ބިލެއް ފާސްކުރި
  • ތިން ގަރާރެއް ފާސްކުރި
  • އެހެނިހެން 14 މައްސަލަ ނިންމި

މި މަސައްކަތްތަކަށް މަޖިލީހުގެ ރައީސް ދެއްވަނީ 97 ޕަސެންޓް މާކުސްއެވެ.

މަޖިލީހުގެ މަސައްކަތަށް ފާޑު ކިޔުމާއި މުޒާހަރާ

މަޖިލީހުގައި އޮތް ސަރުކާރު ކޯލިޝަންގެ ފުރިހަމަ މެޖޯރިޓީއާ އެކު މަޖިލީހުގައި ތިބި އެމްޑީޕީގެ މެންބަރުން މަޖިލީހުގެ މަސައްކަތްތަކާ މެދު ބޮޑެތި ޝަކުވާތަކެއް އަންނަނީ އުފުލަމުންނެވެ. ގިނަ މަސައްކަތްތަކުގައި އެ މެންބަރުން ބައިވެރި ވެސް ނުވެ އެވެ. ބައިވެރި ވިޔަސް ދެކޮޅު ހަދަ އެވެ. އަހަރުގެ ކުރީކޮޅު މަޖިލީގެ ޗެމްޕަރުގެ ތެރޭގައި ގުގުމާފައި އޮތީ އެމްޑީޕީގެ މެންބަރުންގެ ތާޅަފިލީގެ އަޑުންނެވެ. އެކަން ހަމަޔަކަށް އަޅުވަން ޖެހުނީ، ތާޅަފިލި ނުވެއްދޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލަކުންނެވެ. އެއާ އެކު ޗެމްބަރުގެ ތެރޭގައި ކުރަމުން އައި މުޒާހަރާތައް ހުއްޓުން އައެވެ.

އެހެން ނަމަވެސް އިދިކޮޅު މެންބަރުންގެ މައިގަނޑު ޝަކުވާ އަކީ ސަރުކާރުން ފޮނުވާހާ އެއްޗަކަށް ރަބަރު ތައްގަނޑު ޖަހާ ތަނަކަށް މަޖިލިސް ވެފައި އޮތުމެވެ. އަނެއް ބަހަނާ އަކީ ސަރުކާރުގެ މެޖޯރިޓީ ނަހަމަ ގޮތުގައި ބޭނުންކޮށް މައިނޯރިޓީގެ ހިޔާލާއި އަޑު މުޅިން ހެން މަޖިލީހުން އެއް ފަރާތްކުރުމެވެ. އަހަރުގެ ބޮޑު ޗުއްޓީއަށް މަޖިލިސް ދިޔަ އިރުވެސް އެމްޑީޕީގެ މެންބަރުން އެ ބަހަނާތަކުގައި ބައްދައިގެން ތިބެ މުހިންމު ވޯޓްތަކުގައި ވެސް ބައިވެރިއެއް ނުވެ އެވެ. އަދި ފާސްކުރި ގިނަ ކަންކަމަށް ވެސް އާއެކޭ ބުނެ ވެސް ނުލަ އެވެ. މަޖިލީހުގެ އަވަސް މަސައްކަތްތައް ވެފައި މި އޮތީ ދެކޮޅަށް ބަހުސް ކުރެވޭ ކަމަކަށެވެ.

މަޖިލީހުގެ ޓްރާންސްފާ މާކެޓް

މިއީ ކޮންމެ ޒަމާނެއްގައި ކޮންމެ މަޖިލީހެއްގައި ވެސް ތަކުރާރުވާ ކަމެކެވެ. މިއަހަރު ވެސް މަޖިލީހުގެ ޓްރާންސްފް މާކެޓް ފެނުނީ ހަމަ އެހާ ތިޔާގިކޮށެވެ. ޓްރާންސްފާ މާކެޓް ހުޅުވެނީ އެކި ވޯޓްތަކުގައި ޕާޓީތަކުގައި އުފެދޭ ސިޔާސީ އަރައިރުން ވުމުގެ ތެރެއިންނެވެ. ނޫނީ މެންބަރުން ޕާޓީގެ ވިޕްލައިނަކަށް ހިލާފުވެ ވޯޓް ދޭ ހިސާބުންނެވެ. މި ދެގޮތަށް ވެސް މިއަހަރު މަޖިލީހުގެ ޓްރާންސްފާ މާކެޓް ފެނުނީ ހަމަ ވަރަށް ވެސް ހަރަކާތްތެރިކޮނެވެ.

މާކެޓްގެ އެންމެ ކުރީގައި އޮތް މެންބަރަކީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި މަޖިލީހަށް އިންތިހާބުވި، ނޮޅިވަރަމް ދާއިރާގެ މެންބަރު، ހުސެއިން އަރީފް އެވެ. ޕީޕީއެމްގައި ހުންނެވުމަށް ފަހު މޭޑޭގެ މުޒާހަރާގެ ތެރެއިން ކުއްލި އަކަށް އަރީފް ފެނިވަޑައިގަތީ ޖުމްހޫރީ ޕާޓީއަށް ވަޑައިގަތްތަނެވެ. އަހަރު ނިމުނު އިރު ހަފްލާއެއްގައި އެމްޑީއޭއަށް ސޮއިކުރި އެވެ. އެމްޑީޕީގެ މެންބަރުންގެ ތެރެއިން އެ ޕާޓީ ދޫކޮށް މިއަހަރު ދިޔަ ހަމައެކަނި މެންބަރަކީ، ވެލިދޫ ދާއިރާ މެންބަރު އަބްދުﷲ ޔާމީން ރަޝީދެވެ. ޕާޓީއާ މެދު ހިޔާލު ތަފާތުވެ ޔާމީން ވަޑައިގަތީ ޕީޕީއެމްއަށެވެ.

މީގެ އިތުރަށް ޕީޕީއެމްއާ ހިޔާލު ތަފާތުވެ އެ ޕާޓީގެ އެންމެ ހާޑްކޯ އެއް މެންބަރު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، އަހުމަދު މަހުލޫފް ޕާޓީއިން ވަކިކުރި އެވެ. މަޖިލިސް ބަންދު ވުމާ ހަމަޔަށް މަހުލޫފް ހުންނެވީ ވަކި ޕާޓީއަކާ ނުގުޅި، މިނިވަން މެންބަރެއްގެ ގޮތުގަ އެވެ. ހަމަ މިކަހަލަ މައްސަލައެއްގައި އެމްޑީޕީގެ ހުޅު ހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު އެމްޑީޕީ އިން ވަކިކުރި އެވެ. އެހެން ނަމަވެސް އިލެކްޝަންސް އިން އޭނާ ޕާޓީ އިން ވަކި ކުރީ ރަނގަޅަށް ނޫން ކަމަށް ނިންމުމުން މޫސަ އަދިވެސް އިންނަވަނީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގަ އެވެ. އެކަމަކު މޫސަ އެ ޕާޓީގެ ވިސްނުމަށް ވޯޓެއް ނުދެއްވަ އެވެ.

އަހަރު ނިންމާލަން ޖެހެނީ، ޖުމްހޫރީ ޕާޓީގައި ތިއްބެވި ދެ މެންބަރުން ކަމަށްވާ، ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން އާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު ޕީޕީއެމްއަށް ސޮއި ކުރުމާ އެކު އެވެ. އެއާ އެކު އެމްޑީޕީގައި ތިބީ 23 މެންބަރުންނެވެ. ޖުމްހޫރީ ޕާޓީގައި ނުވަ މެންބަރުން ތިބި އިރު، ޕީޕީއެމްގައި 46 މެންބަރަކު އެބަ ތިއްބެއްވި އެވެ. އެމްޑީއޭގެ ހަ މެންބަރުންނާ އެކު ސަރުކާރު ކޯލިޝަން ފެންނަނީ 52 މެންބަރުންގެ ވަރުގަދަ ލަޝްކަރަކާ އެކު އެވެ. އަަދާލަތުުގައި އެއް މެންބަރެއް އަދި މިނިވަން އިންނެވީ އެއް މެންބަރެވެ.

މި ހުރިހާ ގޮތަކުން ވެސް މިއަހަރު މަޖިލީހަށް މިއީ ތަފާތު އަހަރެކެވެ. ތާރީހުގައި މިއަހަރުގެ މަޖިލިސް ވާނީ އެންމެ ހެޕަނިން މަޖިލީހަށެވެ. އެހާ ވަރުގަދަޔަށް ބަހުސްކޮށް ވަރުގަދަ ބޮޑެތި މައްސަލަތަކުގައި މުގުރު ޖެހި އެވެ. މިއީ އުފެއްދުންތެރި މަޖިލީހެކެވެ. އެހެން ބަޔަކު އެކަން ސިފަ ކުރާނެ ގޮތެއް ނޭނގެ އެވެ.