ބ. ދަރަވަންދޫގައި ގާއިމުކުރި ފެނުގެ ނިޒާމު ރަސްމީކޮށް އިފްތިތާހްކޮށް ހިދުމަތް ދޭން ފަށައިފި އެވެ.
ދަރަވަންދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ފެނުގެ ނިޒާމު އިފްތިތާހު ކޮށްދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު އެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ ވިދާޅުވީ ފެނުގެ ހިދުމަތުގެ ރެގިއުލޭޓާ އާއި ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ ހިދުމަތުގެ ފެންވަރު ރަގަޅުކުރުމަށް އެހީތެރިވެ، ދާއިރާއާއި ގުޅުންހުރި ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މިމަޝްރޫއުގެ އަމަލީ މަސައްކަތް ކުރީ ކެނޭޑިއަން ކްރިސްޓަލައިން ވޯޓާ އިންޑިއާ ލިމިޓެޑުންނެވެ.
ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން 25 ޓަނުގެ ދެ ޑީސެލިނޭޝަން ޕްލާންޓް ބަހައްޓައި ފެން ރައްކާކުރުމަށް 300 ޓަނުގެ ތާންގީ ބަހައްޓާފައިވެ އެވެ. މަޑުއްވަރީގައި ގާއިމުކުރި ޕްލާންޓް މެދުވެރިކޮށް ދުވާލަކު 50 ކިއުބިކް މީޓަރުގެ ފެން އުފައްދާނެ އެވެ.
ދަރަވަންދޫ އަށް ފެނުގެ ހިދުމަތް ދިނުމުގެ ގޮތުން 11.2 ކިލޯމީޓަރު ދިގުމިނުގެ ފެންވިއުގައެއް ގާއިމުކޮށް އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ފެނުގެ ނިޒާމު ހިންގުމަށްޓަކައި 25 ކިލޯވޮޓުގެ ސޯލާ ޕެނަލް ވެސް ވަނީ ހަރުކޮށްފަ އެވެ.
ގްރީން ކްލައިމެޓް ފަންޑްގެ ހިލޭ އެހީއާއި ދިވެހި ސަރުކާރާއި ޔޫއެންޑީޕީގެ އެހީތެރިކަމާއެކު ދަރަވަންދޫގެ ފެނުގެ ނިޒާމު ގާއިމުކުރުމަށް 33.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
ފެނަކަ ކޯޕަރޭޝަނުން ދަރަވަންދޫގެ ފެނުގެ ނިޒާމު ހިންގުމުގެ ހުރިހާ ކަމަކާ ހަވާލުވެފައިވާއިރު ފެނުގެ މަޝްރޫއު ނިންމުމަށްފަހު ހިދުމަތް ފެށީ ރަށުގެ އާންމު ގޭބިސީތަކާއި އެހެންވެސް ބައެއް ތަންތަނުގައި ގާއިމުކޮށްފައިވާ 362 ފެން މީޓަރާ އެކު އެވެ.