ރައްޔިތުންގެ މަޖިލިސް

ރޯދަ މަހުގެ ފުރަތަމަ ޖަލްސާއަށް މައުސޫމް ހާޒިރުކުރަނީ

Apr 3, 2022

ރޯދަ މަހުގެ ތެރޭގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ އަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މާދަމާ ހާޒިރުކުރަން އެޖެންޑާކޮށްފި އެވެ.

މިނިސްޓަރު މައުސޫމް ހާޒިރުކުރަނީ ތިމަރަފުށި ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ނައިބް ރައީސް އަބްދުﷲ ރިޔާޒު، މިނިސްޓަރު މައުސޫމާ ކުރައްވާ ސުވާލަކާ ގުޅިގެންނެވެ.

ރިޔާޒު ސުވާލުކުރައްވަނީ ތ. އަތޮޅުގައި ރިސޯޓް ހަދަން ގިނަ ރަށްތަކެއް ދޫކޮށްފައިވީ ނަމަވެސް އެ ރަށްތަކުގައި ރިސޯޓެއް ތަރައްގީ ކުރެވިފައިނުވާތީ އާއި އަދި ބައެއް ރަށްރަށުގައި އެއްވެސް މަސައްކަތެއް ކުރަމުން ނުދާތީވެ އެކަމުގައި ސަރުކާރުން އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތައް އޮޅުންފިލުއްވުމަށެވެ.

މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގެ ފުރަތަމަ ކަމަކަށް ހިމަނާފައިވަނީ ވެސް މިނިސްޓަރު މައުސޫމާ ސުވާލުކުރެއްވުމެވެ.

އެމްޑީޕީގެ ދުވާފަރު ދާއިރާގެ އިސްމާއީލް އަހްމަދު، ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވާފައިވާ ބިލްގެ އިބްތިދާއީ ބަހުސް ފެށުމަށް ވެސް މާދަމާގެ ޖަލްސާގެ އެޖެންޑާގައި ހިމަނާފައިވެ އެވެ.

މީގެއިތުރުން މެންބަރު އިސްމާއީލް އަހްމަދު ހުށަހަޅުއްވާފައިވާ ކުންފުނީގެ ބިލްގެ ބަހުސްގެ ނުނިމި އޮތް ބައި ކުރިއަށް ގެންދިއުމަށްވެސް އެޖެންޑާކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ރޯދަ މަހު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ހެނދުނު 10:30 އިން މެންދުރުފަހު 2:00 އަށެވެ.