ރޯދަ މަސް

މިއަދު ރޯދަވީއްލަން ހަދާނީ ކޯންޗެއް؟

ރޯދަމަހަކީ އަޅުކަމުގެ އިތުރުން ކެއިންބުއިމަށް ވެސް ހާއްސަ ސަމާލުކަންދޭ މައްސަރެކެވެ. ރޯދަމަހު އާ ރެސިޕީތައް ބަލައިގެން ކާތަކެތި ތައްޔާރުކުރުން ވަރަށް ފޯރީގައި ކުރިއަށްދެ އެވެ. ސޯޝަލް މީޑިއާއިން ވެސް ގިނައިން ފެންނާނީ ކާއެއްޗެހި ތައްޔާރު ކުރާތަނާއި އާ ރެސިޕީތަކެވެ.

ރޯދަމަހު އެންމެ އުނދަގޫ އެއް ކަމަކީ ރޯދަވީއްލަން ތައްޔާރުކުރާނެ އެއްޗެހި އިހުތިޔާރުކުރުމެވެ. އެގޮތުން އާ ރެސިޕީތަކާއި އަދި އެގެއެއްގައި އެންމެ ހިނގާ ކާތަކެތި ތައްޔާރުކުރުމާމެދު މަޝްވަރާތައް ކުރެ އެވެ. ބޮޑަށް މި އުނދަގޫ ދިމާވަނީ މާ މީހުން ގިނަ ގޭބިސީތަކުގަ އެވެ. ގިނަ ވައްތަރުތައް ތައްޔާރުކުރާއިރު ހަދާނީ ކޯންޗެއްކަން ވިސްނުމަކީ އުނދަގޫ ކަމެކެވެ.

ބައެއް މީހުން ބުނާ ގޮތުގައި އެދުވަހަކު ހަދަނީ އެވަގުތަކު ހަމަ ހިތައް އަރާ އެއްޗެކެވެ. އަނެއް ބައި މީހުން ބުނަނީ ތައްޔާރު ކުރާނެ އެއްޗެހި ކުރީ ބައިގައި ވިސްނާލައިފައި ބާއްވަނީ ކަމަށެވެ. އޭރުން ބަދިގެއަށް ވަދެ ފަށައިގަންނަން ވަރަށް ފަސޭހަވާނެ ކަމަށް ބުނެ އެވެ.

"އަޅުގަނޑުމެން ގޭގަ އެދުވަހު މަންމައަށް ފެންނަ އެއްޗެހި ތައްޔާރުކޮށްލާނީ. މަންމަ ބުނެފާނެ މިއަދު ތަންކޮޅެއް ފަސޭހަކޮށްލަން ބޭނުމޭ. އެހެންކިޔާފަ ހަމަ ފުށު ބޯކިބަލަކާ ނޫޑުލްސް ކޮޅެއް ވެސް ކައްކާލަފާނެ،" ޒުވާން އަންހެނަކު ބުންޏެވެ.

ބައެއް ގޭގޭގައި ރޯދަވީއްލާ ގަނޑިއަށް އެހެންޏާ ނުހަދާފަދަ ތަފާތު ސާމާނު ތައްޔާރުކުރެވޭތޯ ބަލަ އެވެ. އެގޮތުން އެއްކަލަ ރެސިޕީތައް ބަލައިގެން ގޮތް ގޮތަށް ފޮޅި އެޅުމާއި މަސް ބަނަސް ފަދަ އެއްޗެހި ތައްޔާރުކުރެ އެވެ. ގިނަ މީހުން ބުނާ ގޮތުގައި ރޯދަ ވީއްލާ ގަޑީގައި އެންމެ ކަމުދަނީ ހެދިކާ އެވެ. އެކަމަކު ބަތް، ޕާސްތާ އަދި ރޮއްޓާ ރިހަ ފަދަ ތަކެތި ކާ މީހުން ވެސް މަދެއް ނޫނެވެ.

ބައެއް ގޭގޭގައި ވަކި ވައްތަރެއް ކޮންމެ ދުވަހަކު ތައްޔާރުކުރަން ޖެހެ އެވެ. މިސާލަކަށް ރޮއްޓަކީ އާންމު ގޮތެއްގައި ރޯދަ ވީއްލާ ގަޑިއަށް ގިނަ މީހުންނަށް ވަރަށް ކަމުދާ އެއްޗެކެވެ. ދެން އާންމުކޮށް ދެ ވައްތަރަކުން ފަނި ވެސް ހުންނަން ޖެހެ އެވެ. އެއީ ދިވެހިންގެ އާދަކާދައެކެވެ. ނުވަތަ ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ.

"މިގޭގައި ވަރަށް ގިނައިން ޔޫޓިއުބް ވީޑިއޯ އާއި ރެސިޕީތައް ބަލައިގެން އެއްޗެހި ތައްޔާރުކުރާނެ. އަބަދު ވެސް ތަފާތު އެއްޗެއް ތައްޔާރުކޮށްލެވޭތޯ ބަލަން. އެކަމަކު މިގޭގަ ކޮންމެ ދުވަހަކު ވެސް ރޮށި ފިހަން ޖެހޭނެ. ރޮއްޓާ ދެން ލައިގެން ކާނެ ކޮންމެވެސް އެއްޗެއް ހަދަން ޖެހޭނެ،" ބާޒާރަށް ނިކުމެ އުޅުނު މެދު އުމުރުގެ އަންހެނަކު ބުންޏެވެ.

ކޮންމެ އަކަސް އެދުވަހަކު ތައްޔާރުކުރާނެ އެއްޗަކާމެދު ގޭގޭގައި ބަހުސެއް އޮވެ އެވެ. އެއްބައި މީހުންނަށް ބަތް ކަމު ނުދިޔަޔަސް ރޯދަ ވީއްލާ ގަޑީގައި ގަދަޔަށް ބަތް ކާ މީހުން ވެސް އުޅެ އެވެ. އެކި ގޭބިސީތަކުގައި އޮންނަނީ އެކި އާދަކާދައެވެ. އަދި ރަށްރަށުގައި، އެއް ގެއިން އަނެއް ގެއަށް ތަށިބަރި ފޮނުވުމަކީ ވެސް ހަމަ އާދައެކެވެ. މިއިން ވެސް ދޭހަވާ އެއްކަމަކީ ކެއުމަށް ދިވެހިންގެ ތެރޭގައި އޮންނަ ފޯރި އެވެ.