ރޯދަ މަސް

ރޯދަ ކުރުކުރަން ކުރަނީ ކޮންކަމެއް؟

ކަމެއް ނެތި ހުންނަން ވެއްޖެ ނަމަ ވަގުތު ވަރަށް ދިގުލައިގެން ދެއެވެ. ހާއްސަކޮށް ރޯދަ މަހު އަދި ވަކިން ވަގުތު ދިގުވާހެން ހީވެ އެވެ. އަވަސް އަވަހަށް ގަޑި ބެލުމަކީ ވެސް އާންމުކޮށް ކުރެވޭ ކަމެކެވެ. އޮފީސްތައް އާންމުކޮށް މެންދުރު ފަހު އެކަކަށް ނިމޭއިރު، ހަވީރު ގިނަ އަންހެނުންގެ ކަމަކީ ރޯދަ ވީއްލާނެ ބާވަތްތައް ތައްޔާރު ކުރުމެވެ. ފިރިހެނުން ކުރާނެ މާބޮޑު ކަމެއް ނެތިފަ އެވެ.

އެހެންކަމުން ރޯދަ ކުރުކޮށްލަން ހަވީރު ނުކުންނަ މީހުން ވަރަށް ގިނަ އެވެ. ދަރިން ގޮވައިގެން ދޮށި އެއްލަން ދިއުމާއި، މަޑިއެއްލަން ދިއުން ފަދަ ކަންކަމަކީ ރޯދަމަހުގެ ހަވީރު ވަރަށް ފޯރީގައި ކުރާ ކަމެކެވެ. މާލޭގެ އެކި ހިސާބުތަކުގައި ކުޑަކުދިންނާއި ޒުވާނުންތައް މިކަމުގައި އުޅެ އެވެ.

ރޯދަމަހު އެންމެ ފޯރީގައި ކުރާ އަނެއް ކަމަކީ ފިނިބުރުޖަހަން ނުކުތުމެވެ. ރޯދަމަހުގެ ހަވީރު މަގުތައް ތޮއްޖެހެނީ ރޯދަ ކުރުކޮށްލަން ފިނިބުރު ޖަހާ ސައިކަލުތައް ގިނަ ކަމުންނެވެ. ބުރެއް ޖަހައިލުމަކީ ހައްޓަށް ވެސް ފިނިވެގެންދާ ކަމެކެވެ. އެހެންކަމުން ގްރޫޕް ހަދާފައި ގިނައިން މަގުތައް މަތީ އުޅެނީ ޒުވާން ފިރިހެނުންނެވެ. މާލޭގެ ބޭރުމަގު އެއްކޮށް އޮންނަނީ ތޮއްޖެހިފަ އެވެ. މިއީ އަބަދުވެސް ދިވެހިންގެ މެދުގައި އާދައަކަށްވެފައި އޮންނަ ކަމެކެވެ.

އަވަހަށް ބަދިގޭގެ މަސައްކަތް ނިންމާލައިފައި އަންހެންވެރިން ވެސް ހަވީރު މިގޮތަށް ނުކުމެ އުޅޭތަން މަދުން ނަމަވެސް ފެނެ އެވެ. އެމީހުން ވެސް ރޯދަ ކުރުކޮށްލަން ބަދިގޭގެ މަސައްކަތް ނޫން ކޮންމެވެސް އެހެން ކަމެއް ކޮށްލަން ބޭނުންވާތީ އެވެ.

"އަޅުގަނޑުމެން މެންދުރު ނަމާދު ކޮށްލައިގެން ބަދިގެއަށްވަދެ ފަހެއް ޖަހަންވާއިރަށް ނިންމާލަން މަސައްކަތް. ބައެއް ދުވަސް ދުވަހު ނުނިމިދާނެ. އެކަމަކު އާންމުކޮށް ފަހެއް ޖަހާލާހާއިރު ކުދިން ގޮވައިގެން ބޭރަށް ނިކުންނަން. އާންމުކޮށް ދަނީ ހަމަ ބުރެއް ޖަހާލަން. މާލެ ވަށާ ބުރެއް ޖަހާލެވޭއިރު އޮންނާނީ އިރުއޮއްސިފަ،" ކުޑަ އަންހެން ކުއްޖަކު ގޮވައިގެން ހުރި އަންހެނަކު ބުންޏެވެ.

މި ނޫނަސް ރޯދަ ކުރުކޮށްލަން އެހެން ކަންކަން ވެސް ކޮށް އުޅެ އެވެ. ބޭރަށް ނުނިކުމެ ގޭގައި ފިލްމެއް ބަލައިލުން ފަދަ ކަންކަން ކުރާ މީހުން ވެސް މަދެއް ނޫނެވެ. ނޫނީ ގޭގައި ކުޅެވޭ ޒާތުގެ ގޭމެއް ވެސް ކުޅެފާނެ އެވެ. މިސާލަކަށް ތާސްގަނޑެއް ޖަހައިލުން ނުވަތަ ކެރަމް ކުޅުން ހިމެނެ އެވެ.

ރޯދަ ކުރުކޮށްލަން ނުވަތަ ހިތްހަމަ ޖައްސައިލަން ހަވީރު ގަޑީގައި ބޭރަށް ނިކުމެލަންވާނެ އެވެ. ބުރަ މަސައްކަތުގައި އުޅުމަށްފަހު ދެން ކާއިރުން ހަށިގަނޑު ލޮޑުވެ، މާބޮޑަށް ވަރުބަލިވެ އެވެ.