ލައިފްސްޓައިލް

ފޮނި ކާތަކެތީގެ ތަފާތު ޓްރެންޑް!

Apr 10, 2022

ފޮނި ކާއެއްޗިއްސަކީ އަނގަޔަށް މީރު އަދި ގިނަ މީހުންނަށް ވަރަށް ކަމުދާ އެއްޗިއްސެވެ. އާންމު ގޮތެއްގައި ކެއުމަށް ފަހު ފޮނި އެއްޗެއް ކާލުމަކީ އާދައެކެވެ. ހާއްސަކޮށް ރޯދަމަހު ކޮންމެ ވެސް ވައްތަރެއްގެ ފޮނި އެއްޗެއް ސުފުރާމަތީ ހުންނަން ޖެހެ އެވެ. އެކި ގޭގޭގައި އެކި ވައްތަރުގެ އެއްޗެހި ތައްޔާރުކުރާއިރު، ފޮނި ކާއެއްޗެހި ނުވަތަ ޑިޒާޓްގެ ވައްތަރުތަކަށް ބޮޑެތި ބަދަލުތަކެއް އަންނަނީ އަންނަމުންނެވެ. އެގޮތުން މީގެ ކުރީގައި ކައި އުޅުނު ގިނަ އެއްޗެހި ހެދުން ހުއްޓާލައި ދިވެހިން ވެސް ފޮލޯ ކުރަމުން އަންނަނީ އާ ޓްރެންޑްތަކެވެ.

ދިވެހިންގެ ތެރޭގައި މީގެ ކުރިން ފޮނި ބޯކިބަލަކީ ވަރަށް ކަމުދާ އެއްޗެކެވެ. އެގޮތުން ފަލަމަޑީގެ ބާވަތްތަކުންނާއި އަދި މޭވާފަދަ އެއްޗެހީގައި ބޯކިބާ އަޅައި އުޅެ އެވެ. ދަނޑިއަލުވި ބޯކިބާ، ކަދުރު ބޯކިބާ، ގަބުޅި ބޯކިބާ އަދި ކައްޓަލަ ބޯކިބާ ހިމެނެ އެވެ. އަދި ގެރިކިރު ބޯކިބާ، ޕާން ބޯކިބާ އަދި ގިތިޔޮ ބޯކިބާ ފަދަ ބޯކިބަލަކީ ކުރީގައި ވަރަށް ހިނގި އެއްޗިއްސެވެ. ހުނިހަކުރަކީ ވެސް ދިވެހިންނަށް ވަރަށް ކަމުދާ އެއްޗެކެވެ. މިހާރު ވެސް މިއެއްޗެހި ހަދައި އުޅުނު ނަމަވެސް ކުރިން އޮންނަ ފޯރި ގެއްލިފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

މިހާރު އެންމެ ހިނގަނީ އެކި ވައްތަރުގެ ކޭކާއި ޕުޑިން ފަދަ އެއްޗިއްސެވެ. ކޭކުގެ ތެރޭގައި ވެސް މުޅިން އާ ވައްތަރުތައް ތައާރަފްވެ، ވިޔަފާރި ވެސް ވަނީ ފުޅާވެފަ އެވެ. އެގޮތުން ފަސޭހަކޮށްލަން ކޭކު ފުށްޕެކެޓް ބޭނުންކޮށްގެން ކޭކު އަޅައި އުޅެ އެވެ. މީގެ އިތުރުން ޓްރެސް ލެޗެސް ކޭކު، ޕެންޑެން ކޭކު، ކަނަމަދު ކޭކު، ރެޑް ވެލްވެޓް ކޭކް، އައިސްކްރީމް ކޭކު، ފުރުޓް ކޭކު އަދި ކަށިކެޔޮ ކޭކަކީ ރާއްޖޭގައި ވަރަށް ޓްރެންޑިން އެއްޗިއްސެވެ. ވަރަށް ފޯރީގައި އެކި ކަހަލަ ކޭކު ޓްރޭތަކާއި ޑިޒާޓްގެ ބާވަތްތައް ތައްޔާރުކޮށްގެން ވިއްކާ މީހުން ވެސް އަންނަނީ ގިނަވަމުންނެވެ.

ދެން އޮތީ ޕުޑިންގެ ވައްތަރުތަކެވެ. އެކިއެކި ރެސިޕީތައް ބަލައިގެން ރޯދަމަހު ޕުޑިން ތައްޔާރުކުރުމަކީ ގިނަ ގޭބިސީތަކުގައި އާދައެކެވެ. ރޯދަމަސް ނޫނަސް މިކަން ކުރެ އެވެ. އެކަމަކު ބޮޑަށް ފޯރި އޮންނަނީ ރޯދަމަހު އެވެ. މިހާރު އެންމެ ހިނގާ އެއްޗެހީގެ ތެރޭގައި ކުކީ ޕުޑިން، ޗޮކްލެޓް މޫސް، ބިސްކަޓް ފަޖް، ކޮފީ ޕުޑިން، މައިލޯ ޕުޑިން، ކެރެމަލް ޕުޑިން، ބްރެޑް ޕުޑިން އަދި ކަސްޓަޑް ޕުޑިން ހިމެނެ އެވެ. ފަހަކަށް އައިސް މީރުވާނެހެން ހީވާ ކޮންމެ އެއްޗަކު ޕުޑިން ހަދައި އުޅެ އެވެ.

މީގެ އިތުރުން ވެސް ސިނެމަން ރޯލްސް، ޕޭން ކޭކު، މަހުލަބިއްޔާ، މެކެރޯންސް، ހަދުވިދާ ފަދަ އެއްޗިއްސަކީ ވެސް ހަމަ ވަރަށް ހިނގާ އެއްޗިއްސެވެ. މިއީ ހަމަ ވަރަށް ކުޑަ މިންވަރެކެވެ. ނަން ހުސްކޮށް ދިވެހިންނަކީ ފޮނި އެއްޗެހި ހަދައިގެން އަދި ގަނެގެން ވެސް ކާ ބައެކެވެ.

ނާދިޔާސްކިޗެން އިން ބުނާ ގޮތުގައި މިހާރު އާންމުކޮށް ގޭގޭގައި ހަދަނީ ފަސޭހަ، އަވަހަށް ހަދައިލެވޭ އަދި ކުޑަކުދިންނަށް މީރު އެއްޗިއްސެވެ. އެގޮތުން ޕުޑިން އަދި ބޮކްސް ކޭކު --ކޭކު ފުށްޕެކެޓް-- އަކީ ހަދައިލަން ފަސޭހަ އެއްޗިއްސެވެ. ކުޑަކުދިންނަށް ބޯކިބާ ކަމުނުދަނީ އެވެ. އެހެންކަމުން ފޮނި ބޯކިބަލުގެ ޓްރެންޑް ގޮސްފައިވާ ކަމަށް ނާދިޔާސްކިޗެން އިން ގަބޫލުކުރެ އެވެ.

ޒަމާނަށް އަންނަ ބަދަލުތަކާއެކު ދިވެހިންގެ ތެރޭގައި ކެއިން ބުއިމަށް ވެސް ބަދަލުތަކެއް ވަނީ އައިސްފަ އެވެ. އެންމެ ބޮޑު ބަދަލެއް އައިސްފައި ވަނީ ފޮނި އެއްޗިއްސަށެވެ. ދޮންކޭލާ ހުންޏާ ހަކުރާ މޮޑެގެން ކެއި ދުވަސްތައް މާޒީ ވެއްޖެ އެވެ. އޭގެ ފަހުން އެކި ވައްތަރުގެ ބޯކިބާތަކަށްފަހު ދެން އައީ ކޭކުތަކާއި ޕުޑިންތަކެވެެ. ދިވެހިންނަކީ އަބަދުވެސް މީރު ކާއެއްޗެހި ތައްޔާރުކުރުމަށް ފޯރި ހުންނަ ބައެކެވެ. އެކަން ސުފުރާތަކަށް ބަލައިލުމުން ވެސް އެނގެ އެވެ.