މީރާ

ޖީއެސްޓީގެ ގާނޫނާއި ގަވާއިދަށް އަމަލު ނުކުރާ ފަރާތްތަކަށް އަންނަ މަހު ފިޔަވަޅު އަޅަނީ

މުދަލާއި ހިދުމަތުން ނެގޭ ޓެކްސް ޖީއެސްޓީގެ ގާނޫނަށާއި ގަވާއިދަށް ފުރިހަމައަށް އަމަލު ނުކުރާ ފަރާތްތަކާމެދު މީރާއިން ފިޔަވަޅު އަޅަން ނިންމައިފިއެވެ. ފިޔަވަޅު އަޅަން ފަށާނީ، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު މީރާއިން ނެރެފައިވާ ޓެކްސް ރޫލިންއާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މީރާގެ ޑިރެކްޓަރު ޖެނަރަލް ކޮމްޕްލައެންސް މުހައްމަދު ޝާހިދު ވިދާޅުވީ، ޓެކްސް ރޫލިންގެ ދަށުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ގާނާއި ގަވައިދަށް އަމަލުކުރަމުން ނުދާ ފަރާތްތަށް ޖޫރިމަނާ ކުރަމުންދާނެ ކަމަށެވެ.

ޝާހިދު ވިދާޅުވީ، ފިވަޅުއަޅަން ނިންމީ، ޖީއެސްޓީއާ ބެހޭގޮތުން އެތައް ފަހަރަކު މައުލޫމާތުދީ ޖީއެސްޓީ ދެއްކުމުގެ މުހިންމުކަމުގެ މައުލޫމާތު ދިނުމުން ވެސް އެކަމުގެ ނަތީޖާއެއް ފެނިފައި ނުވާތީ ކަމަށެވެ. އަދި ޖޫރިމަނާކުރަނީ ވިޔަފާރިތަކަކަށް ޖޫރިމަނާގެ އަދަބު ދިނުމުގެ މަގުސަދުގައި ނޫން ކަމަށާއި އެއީ ރަނގަޅުކުރަން ދޭ ފުރުސަތެއް ކަމަށް ވެސް ވިދާޅުވި އެވެ.

މީރާއިން ނެރުނު ޓެކްސް ރޫލިންގައިވާ ގޮތުން ސައްހަ ޓެކްސް އިންވޮއިސް ނޫނީ ރަސީދު ދޫނުކުރާ ފަރާތްތަކާއި ވިޔަފާރިއާގުޅޭ އެކިއެކި ހިސާބުތައް ނުބަލަހައްޓާ ފަރާތްތަކާއި މި ނޫނަސް ޖީއެސްޓީގެ ގާނޫނާއި ގަވާއިދުން ލާޒިމްކުރާ ކަންކަން ފުރިހަމަ ނުކުރާ ފަރާތްތަކަށް އެކަންކަން ރަނގަޅު ކުރުމަށް 15 ދުވަހުގެ މުހުލަތެއް ދިނުމަށްފަހު ރަނގަޅު ނުކޮށްފިނަމަ 2،000ރ. ޖޫރިމަނާ ކުރާނެ އެވެ.