މިފްކޯ

މަސް ގަންނަ އަދަދު މިފްކޯއިން ކޮންޓްރޯލް ކޮށްފި

Apr 6, 2022
1

ސަރުކާރުގެ މަސް ކުންފުނި -- މިފްކޯ އަށް މަސް ގަންނަ އަދަދު ކޮންޓްރޯލް ކޮށްފި އެވެ.

މިފްކޯ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން މަސް ގަންނަ އަދަދު ކޮންޓްރޯލް ކުރަން ނިންމީ ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ މިފްކޯގެ ސްޓޯރޭޖުގައި މަސް ރައްކާކުރެވޭ ވަރަށް ވުރެ އިތުރަށް މަސް ގަންނަން ލިބެމުންދާތީ ކަމަށެވެ.

މިފްކޯ އިން ބުނީ އިއްޔެ އާއި އޭގެ ކުރީ ދުވަހު އެކަނި ވެސް 1،390 ޓަނުގެ މަސް ކިރާފައިވާ ކަމަށެވެ. އަދި މިއަދު، ދުވަސް ފެށުނުއިރު ކިއުގައި 510 ޓަނުގެ މަސް އެބަހުރި ކަމަށެވެ. އެކަމަކު މިފްކޯގެ ދެކުނުގެ ފްރީޒިން ކެޕޭސިޓީ އަކީ 420 ޓަނެވެ.

އާދައިގެ ދޯންޏަކުން ދުވާލަކު އެވްރެޖުކޮށް 12 ޓަނު މަސް އަދި ބޮޑެތި ދޯނިތަކުން ދުވާލަކު 25-60 ޓަނުގެ މަސް ބާނާ ކަމަށް ބަޔާނުގައިވެ އެވެ.

ކިއުގައި މިވަގުތު ތިބި ދޯނިތަކުން ބާނާފައި ހުރި މަސް ކިރާ، ފްރީޒް ކުރުމަށް ވަގުތު ބޭނުންވާތީ މިއަދުން ފެށިގެން ކިއުގައި ހުރ ދޯނި ފަހަރުގެ މަސް މެނޭޖުކުރެވެންދެން ދޯންޏަކުން ކިރަން ނިންމާފައިވަނީ ފަސް ޓަނުގެ މަހެވެ.

"މިގޮތަށް ހަމަޖެއްސި ކަމުގައިވީ ނަމަވެސް ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މިހާރު ކިއު ނަންބަރު ދެވިފައި ހުރި ދޯނިފަހަރު މަސްކިރާ ނިމެންދެން ކޮންޓްރޯލް ނެތި ކުރިއަށް ގެންދެވޭނެ ވާހަކަދަންނަވަމަވެ." ބަޔާނުގައިވެ އެވެ.

ދެކުނުގެ މަސްވެރިން ބާނާ މަސް ކިރުމަށްޓަކައި މިފްކޯގެ ޖަޒީރާ 102 ބޯޓު މާދަމާ އައްޑޫ ދިއުމަށްވެސް ހަމަޖެހިފައިވެ އެވެ. އެ ބޯޓަކީ 100 ޓަނުގެ މަސް ކިރޭ ބޯޓެކެވެ.

މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު މަސްވެރިން ބާނާ ހުރިހާ މަހެއް ކިރަން ކެޕޭސިޓީ ނެތުމުން މަހުގެ އަގު ކޮންޓްރޯލް ކުރުމަކީ މިފްކޯ އިން އާންމުކޮށް ކުރާ ކަމެކެވެ.