މިފްކޯ އަށް ކިރާ މަހުގެ އަދަދު ކޮންޓްރޯލް ކުރުމަށް ނިންމުމާ ގުޅިގެން އެމްޑީޕީގެ މެނިފެސްޓޯއަށް ރުޖޫއަވެ މަސްވެރިންނަށް ވީވައުދު ފުއްދައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ގޮވާލައްވައިފި އެވެ.
ނަޝީދު މިކަމަށް ގޮވާލައްވާފައި މިވަނީ ދެކުނުގެ މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެ މިފްކޯގެ ކެޕޭސިޓީ އަށް ވުރެ އިތުރަށް މަސް ކިރަން ލިބެން ފެށުމާ އެކު މަސް ކިރާ އަދަދު އިއްޔެ އިން ފެށިގެން މިފްކޯ އިން ކޮންޓްރޯލް ކުރުމުންނެވެ. މިފްކޯ އިން މިހާރު ކިރަނީ ކޮންމެ ދޯންޏަކު ފަސް ޓަނު މަހެވެ.
ނަޝީދު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިފްކޯގެ ނިންމުމާ ގުޅިގެން މަސްވެރިން އެމަނިކުފާނަށް ފޯނުން ގުުޅުއްވާ ވަރަށް ޝަކުވާ ކުރައްވާ ކަމަށެވެ.
"މަސްވެރިން ބޭނުން މަސް ނުކިރި އެތައް ތަކްލީފެއްގައި އުޅޭންޖެހުމުން ކުރާ ހައްގު ޝަކުވާ އެވެ. މަސްވެރިން ތަކުރާރުކޮށް ފާހަގަކުރާ އެއް ނުކުތާ އަކީ އެމްޑީޕީން ބުނެގެން އެ މީހުން ބަލައިގަތް ވާހަކަތަކެވެ. އަދި އެމީހުން އެހެން މަސްވެރިން ގާތު އެ ވާހަކަތައް ދައްކާ އޭގެ ސަބަބުން އެމްޑީޕީ އަށް ވޯޓް ދިން މިންވަރުގެ ވާހަކައެވެ. މަސްވެރިން އެ އިޝާރާތް ކުރަނީ 2018 ވަނަ އަހަރުގެ އެމްޑީޕީގެ މެނިފެސްޓޯގައި ހުށަހަޅާފައިވާ ތަސައްވަރަށެވެ،" ކެޔޮޅާ މިއީ އަހަރުމެން ބުނި ގޮތެއް ނޫންގެ ނަމުގައިވާ ލިޔުމުގައި ވިދާޅުވެފައިވެ އެވެ.
ރައީސް ނަޝީދު ވިދާޅުވީ ކޮންމެ އަހަރެއްގެ އަހަރު ދެކޮޅު މަސްވެރިކަން ރަނގަޅުވެ އެ ތައްގަނޑުގައި ހާހަކަށް ވުރެ ގިނަ އަހަރު ފާއިތުވިއިރު މަސްވެރިކަން ރަނގަޅުވާ މޫސުމުގައި މަސްވެރިން ބާނާ މަސް ގިނަވެ އެއަށް ހަދާނެ ގޮތް އޮންނަނީ ހުސްވެފައި ކަމަށެވެ. ނަމަވެސް އެމްޑީޕީން އިންތިހާބުތަކުގައި ހުށަހަޅާ މެނިފެސްޓޯގައި އޭގެ ހައްލު އޮންނާނެ ކަމުގައި ވިދާޅުވި އެވެ.
އެމްޑީޕީގެ މެނިފެސްޓޯގައިވާ މަސްވެރިކަމުގެ ސިޔާސަތާ ދެކޮޅަށް ސަރުކާރުން މަސްވެރިންނާ މެދު އަމަލުކުރަމުންދާ ކަމަށް އިޝާރާތް ކުރައްވާ ނަޝީދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ވިދާޅުވީ 2018 ވަނަ އަހަރުގެ އެމްޑީޕީގެ ރިޔާސީ މެނިފެސްޓޯގެ ބޮޑުބައި އެކުލަވާލާފައިވަނީ ނޫއިގްތިސޯދެއް ބިނާކުރުމަށްޓަކައި ކަނޑުގެ ރޯދި ހޯދުމުގެ ހުށަހެޅުމެއްގެ ގޮތުގައި ކަމަށެވެ.
"މަސްވެރިކަމުގެ ފުރިހަމަ ނަފާ ހޯދުމަކީ މި ސިޔާސަތުގެ ނާރެސް އެވެ. ރާއްޖެ މަސްވެރިން ބާނާ މަސް އަދިވެސް އެންމެ ގިނައިން ގަންނަނީ ސަރުކާރުގެ ކުންފުނިތަކުންނެވެ. އެމްޑީޕީގެ 2018 ވަނަ އަހަރުގެ މެނިފެސްޓޯ ދުށް ގޮތުގައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މިއީ އެވެ. އެ ސިނާއަތުގައި ސަރުކާރު ބައިވެރިވާ މިންވަރު ބޮޑުވުމެވެ،" ވިދާޅުވެފައިވެ އެވެ.
ނަޝީދު ވިދާޅުވީ ދިވެހި މަސްވެރިން ބާނާ ހުރިހާ މަހެއް ގަނެ އެ މަސް ބަންދުކުރެވި ރާއްޖެއިން ބޭރަށް ފޮނުވުމުގެ ގާބިލްކަން އެއްވެސް ސަރުކާރަކަށް ނުހޯދުނު ކަމަށެވެ. ސަރުކާރަށް އެކަން ކުރެވޭނެ ކަމަށް ދެކުމަކީ އަމާޒު ގެއްލުން ކަމުގައި ވިދާޅުވި އެވެ. މިސަރުކާރު އެ މައްޗަށް އުފެދުނު އެމްޑީޕީގެ މެނިފެސްޓޯގައި މައްސަލައިގެ ހައްލު އޮތް ކަމަށް ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ މަސްވެރިން ބާނާ ހުރިހާ މަހެއް ވިއްކި ބަންދުކުރެވި ބޭރުކުރެވިދާނެ އިންތިޒާމެއް މެނިފެސްޓޯގައި އެބައޮތް ކަމަށެވެ. އެއީ އެމްޑީޕީގެ "ގޭދޮށި މަސް ޕްލާންޓް" ސިޔާސަތެވެ.
ނަޝީދު ވިދާޅުވީ މަސް ގަޑުކޮށާއި ފިނިކޮށް ރައްކާކުރުމާއި އަދި މަސް ބަންދުކުރުމުގެ ސިނާއަތުގައި މަސް ބަންދުކުރާ ކުދިކުދި ނިޒާމުތައް އިންތިހާ އަށް ފައިދާ ބޮޑުކޮށް އެތައް ގައުމެއްގައި ހިންގާ ކަމަށެވެ. އެފަދަ ފެކްޓަރީ ތަކަކީ ދުވާލެއްގެ މައްޗަށް 10 އެއް ނުވަތަ 20 ޓަނުގެ މަސް ބަންދުކުރެވޭ އަދި 30 އަކަށް މީހުން މަސައްކަތް ކުރާ ގޭދޮށު ކުދި ފެކްޓަރީ ތަކެއް ކަމަށެވެ. އެފަދަ ފެކްޓަރީތައް ނުހިނގަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އަބަދުވެސް ދައުލަތުން ކޮންޓްރޯލް ކުރާތީ ކަމަށް ނަޝީދު ގަބޫލުކުރައްވަ އެވެ.
"ރޯމަސް ގަތުމުގެ ހުއްދަ އާންމު ފަރާތްތަކަށް ދޫކޮށްލަން ފެއްޓުނީ 2003 ވަނަ އަހަރު އެވެ. 2008 ވަނަ އަހަރުގެ އެމްޑީޕީ ސަރުކާރުން މިކަން އިތުރަށް ފުޅާކުރި އެވެ. މަސް ގަންނަ އަމިއްލަ ކުންފުނިތައް ގިނަވެ މަހުގެ އަގު އުފުލޭން ފެށި އެވެ. 2012 ވަނަ އަހަރު އެމްޑީޕީ ސަރުކާރު ވައްޓާލުމަށް ފަހުގައި އެންމެ ފުރަތަމަ ގެނެވުނު އެއް ބަދަލަކީ މަސްވެރިކަމުގެ ސިޔާސަތަށް ގެނެވުނު ބަދަލެވެ. ނަތީޖާއެއްގެ ގޮތުން މަހުގު އަގު އިންތިހާ އަށް ދަށްވެގެން ދިޔައީ އެވެ." ލިޔުމުގައިވެ އެވެ.
މިފްކޯ އިން އެ ކުންފުނީގެ ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީ ބޮޑުކޮށް، ކުންފުނިތައް އިތުރަށް ތަރައްގީ ކުރުމަށް ކުރާ މަސައްކަތްތަކަށް ވެސް ނަޝީދު ވަނީ ނުސީދާކޮށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ނަޝީދު ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން ބޮޑެތި މަސް ފިނިކުރާ ގުދަންތަކާއި މަސް ބަންދު ކުރާ ކާރުހާނާތައް ހަދައިގެން މަސްވެރިކަމުގެ ސިނާއަތް ކުރިއަށް ގެންދެވެން ނެތްކަން ވަރަށް ބޮޑަށް ސާފުވަމުން އަންނަތާ އެތައް ދުވަހެއް ކަމަށެވެ.
"މިއަދުވެސް، އަނެއްކާ ވެސް ސަރުކާރަށް ދަންނަވާލަން އޮތީ އެމްޑީޕީ މެނިފެސްޓޯގެ މަގަށް ރުޖޫއަ ވުމަށެވެ. ވީވައުދު ފުއްދުމަށް މަސައްކަތް ކުރުމަށެވެ. ސަރުކާރުގެ ކުންފުނިތަކުގެ ދަރަނި ބޮޑުކޮށް އެތަންތަނުގެ ފިނިގުދަން ޖާގައާއި ކާރުހާނާ ޖާގަ ބޮޑުކުރުން ހުއްޓާލުމަށެވެ. ރާއްޖޭގެ މަސްވެރި ރަގަޅު ރަށްރަށުގައި ރަށު ކައުންސިލާއި، މަސްވެރިންނާއި އަދި ވިޔަފާރިވެރިންނަް ހިއްސާވެވޭނެ ނިޒާމެއްގައި ހިންގާ ކުދި މަސް ފެކްޓަރީތައް ހެދުން އަވަސް ކުރުމަށެވެ." ލިޔުން ނިންމަވާލައްވަމުން ވިދާޅުވެފައިވެ އެވެ.