މުހައްމަދު ނާޒިމް

ނާޒިމް މައްސަލައިގެ މިއަދު އަޑުއެހުން ވެސް ސިއްރު

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އިސްތިއުނާފު މައްސަލަގެ މިއަދުގެ އަޑުއެހުން ސިއްރުކުރަން ނިންމައިފިއެވެ. އަޑުއެހުން ބާއްވަން ތަވާލުކޮށްފައިވަނީ މިއަދު މެންދުރުފަހު އެކެއް ޖަހާއިރުއެވެ.

ހައިކޯޓުން ނާޒިމްގެ މައްސަލައިގެ މިއަދު އަޑުއެހުން ސިއްރުކޮށްފައިވާއިރު އިއްޔެގެ ބޭއްވި ދެވަނަ އަޑުއެހުމުގެ އެއްބައި ވެސް ވަނީ ސިއްރުކޮށްފައެވެ. އެ އަޑުއެހުން ސިއްރުކުރީ، ދައުލަތުން ހުށަހެޅި ސިއްރު ލިޔުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށެވެ.

އިއްޔެގެ އަޑުއެހުންތައް ނިންމާލުމަށްފަހު ހައިކޯޓުގެ ބޭރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހުސްނުއްސުއޫދު ވިދާޅުވީ، މިއަދު ނާޒިމްގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިން ކޯޓަށް ހާޒިރުކުރާނެ ކަމަށެވެ.

މިއަދުގެ އަޑުއެހުން ސިއްރުކުރި ސަބަބެއް ހައިކޯޓުން ހާމަކޮށްފައެއް ނުވެއެވެ. ޝަރީއަތުގެ ބައެއް ނުވަތަ މުޅި އަޑުއެހުން ސިއްރު ކުރުމުގެ ބާރު ގާނޫނު އަސާސީއާއި ކޯޓް ތަކާއި ބެހޭ ގާނޫނުގެ ދަށުން ފަނޑިޔާރުންނަށް ލިބެއެވެ.

11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ނާޒިމްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހެޅީ މިދިޔަ އޭޕްރީލް މަހުގެ 12 ވަނަ ދުވަހުއެވެ. އިސްތިއުނާފް ކުރުމަށް ނާޒިމްގެ ފަރާތުން ހުށަހެޅުމުން، އެ މައްސަލަ ހައި ކޯޓުން ބަލައިގަތްފައިވަނީ މޭ މަހުގެ 11 ވަނަ ދުވަހުއެވެ.