ލައިފްސްޓައިލް

ވާދަވެރި ކަމަށްވުރެ ގާބިލު ކަމަށް ފުރުސަތުދީ!

ޓެކްނޮލޮޖީގެ ކުރި އަރާފައިވާ މި ޒަމާނުގައި އިނގިލި ޖައްސާލުމުން އެކި ފަންނުވެރިންނާ ހަމައަށް ދެވެ އެވެ. ގެންގުޅޭ ސްމާޓް ފޯނުތަކުގެ ޒަރީއާއިން އެކި ހުނަރުވެރިން ވަރަށް ފަސޭހައިން ހޯދާލެވެ އެވެ. ބޭނުން ވަނީ ހަމައެކަނި ފޯނާއި ކުޅެލަން އެނގުމެވެ. ދަސް ކުރަން ނޫނީ ދެނެގަންނަން ބޭނުންވާ ކަންކަމުގެ މައުލޫމާތުތައް ހޯދާއި ދިރާސާ ކުރަން ވަކި ވަގުތެއް ހުސްކޮށްގެން ތަނަކަށް ދާކަށް ވެސް ނުޖެ އެވެ.

ދެކެން ބޭނުން ނުވާ މަންޒަރުތައް ނުބަލާ ދޫކޮށްލެވި ދާނެ އެވެ. ދަރިންނަށް ވަކި ޕްރޮގްރާމްތަކެއް ނޫނީ ވަކި ސައިޓް ތަކެއް ދައްކަން ބޭނުން ނުވާނަމަ އެ ޗެނަލް އަދި ސައިޓް ތަކުގައި ރައްކާތެރިކަމުގެ ތަޅެއް ވެސް ލެވިދާނެ އެވެ. ސުވާލަކީ މި ހުރިހާ ފަސޭހައެއް ލިބި، ފެނި އަދި އަޑު އިވޭއިރު އެކަންތަކުން އެއްކިބާ ވަނީ ކީއްވެ ހެއްުޔެވެ؟

ކުދިން ސްކޫލަށް ފޮނުވަނީ ތައުލީމު އުގަންނައި ދޭށެވެ. ވާދަވެރިކަން ދަސް ކޮށްދޭކަށް ނޫނެވެ. ނަމަވެސް ވަރަށް ގިނަ ބެލެވެރިން އެމީހުންގެ ކުދިންނަށް ދަސްކޮށް ދެނީ ވާދަވެރިވާށެވެ. ސްކޫލާއި ދިރިއުޅޭ މާހައުލުގަ އެވެ. ޕާކްތަކުގެ ތެރެއިންނެވެ. އާއިލީ އެއްވުންތަކުގަ އެވެ. ދައުވަތު ލިބިގެންދާ ޕާޓިތަކުގަ އެވެ. އެހެން މީހުންނަށް ދައުވަތުދީގެން ބާއްވާ ގެޓްޓުގެދާ ތަކުގެ އިތުރުން ޗިލް ކޮށްލަން ވަކިން ގްރޫޕް ހަދައިން ބައްވާ ސްމޯލް ޕާޓީތަކުގަ އެވެ. ގާލްސް އޯވާ ނައިޓް ނޫނީ ބޯއިސް ފިޝިން ޓްރިޕް ތަކުގައި ވެސް އެހެނެވެ.

ބެލެނިވެރިން ވިސްނާލަން ޖެހޭ އެއްކަމަކީ އެކި ކުދިންގެ ހުނަރުވެރި ވާނީ އެކި ކަންކަމުގައި ކަމެވެ. ކޮންމެ ކުއްޖަކީ ހުރިހާ ގޮތަކުން ސްކޫލްގައި ވިދާލާ ކުއްޖަކަށް ނުވާނެ އެވެ. ކިޔެވުމުގެ ގާބިލުކަން ލިބިފައިވާ ކުއްޖަކަށް ކުޅިވަރުގެ މައިދާނުގައި ފިޔަޖަހާ ނުލެވިދާނެ އެވެ. ކިޔެވުމާއި ކުޅިވަރުގެ ރޮނގުން ފާސް ނުވާ ކުއްޖަކީ ހަޔާތުގައި ފެއިލްވާ ކުދިންގެ ގޮތުގައި ވެސް ނިންމައިގެނެއް ނުވާނެ އެވެ.

ސްކޫލް ދައުރުގަ ފެއިލިއާ އެއްގެ މަގާމް ލިބޭ ކުއްޖަކީ ވަކި ވަޒީފާއަކުން ކުރިއަރައި ދާނެ ލީޑަރެއް ކަމުގައި ވެދާނެކަން ގަބޫލު ކުރެވޭ ވަރުގެ ކިތަންމެ ހެއްކެއް ދުނިޔެއަށް ނަޒަރު ހިންގާލުމުން ފެންނާނެ އެވެ. އެހެންވީއިރު މައިންބަފައިންނާއި ބެލެނިވެރިންގެ ހުވަފެން ހަގީގަތަކަށް ހެދުމަށް އެ ކުދިންގެ ހުވަފެން އަންދާލަންވީ ކިއްހެއްޔެވެ؟ އެކަން ކުރުމުގެ އެއްވެސް ބެނުމެއް ނެތެވެ. ބައެއް ފަހަރު މިގޮތަށް ބެލެނިވެރިންގެ އުފަލަށް ކަންކަން ކުރަން ހަދައިގެން ބައެއް ކުދިން ނަފްސާނީ ވެގެން ގޮސް އަމިއްލަ ނަފުސު މަރުގެ ކުރިމައްޗައް ގެންދެ އެވެ.

ވަގުތު އޮއްވާ ކުދިންގެ އަމިއްލަ ނަފްސުގެ ގާބިލްކަން ދެއްކުމަށް، ލިބިފައިވާ ހުނަރުން ކުރިއެރުވުމަށް އެކުދިންނަށް ފުރުސަތު ދިނުން ކީއް ހެއްުޔެވެ؟ ބޭނުން ވަނީ ހަމައެކަނި ތައުލީމުން ކުރިއެރުމެއް ނޫނެވެ. ކުއްޖެއްގެ ނެތް ހުނަރެއްގެ މައްޗައް ބާރު ނުފޯރުވާށެވެ.